ރާއްޖޭގެ ދަތުރުފަތުރުކުރުމުގެ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރެއްވުމަށާއި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރެއްވުމަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ބިނާކުރަން ހަމަޖެހިފައިވާ އެއާޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގައި ހިމެނިގެން ނ. އަތޮޅުގައި ބައިނަލްއަޤްވާމީ އެއާޕޯޓެއް ތަރައްޤީކުރުމަށް ސަރުކާރުން ނިންމަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.

‏މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި އެއަތޮޅު މީދޫއަށް މިރޭ ވަޑައިގެން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ބޭއްވެވި ޙަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ނ. އަތޮޅުގައި މި ބިނާކުރެވޭ ބައިނަލްއަޤްވާމީ އެއާޕޯޓަކީ ރާއްޖެއިން ބޭރުގެ ފަރާތެއްގެ ދީލަތި އެހީއާ އެކީ ހިންގެވުމަށް ހަމަޖެހިފައިވާ މަޝްރޫޢެއްކަމަށާއި، މި އެއާޕޯޓުގެ މަސައްކަތް ފަށާތާ 6 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިމޭރުމުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މުޅި ރާއްޖެއަށް ފަތުރުވެރިކަމުގެ ސިނާއަތް ފަތުރާލުމުގެ ބޭނުމަކީ ހަމައެކަނި ދައުލަތަށް އިތުރު އާމްދަނީ ހޯދުން ނޫންކަމަށާއި، އެއަށްވުރެ މުހިންމު ކަމެއްގެ ގޮތުގައި އަބަދުވެސް ދެކިވަޑައިގަންނަވަނީ ދިވެހިރާއްޖޭގެ މުސްތަޤުބަލާއި، ދިވެހިރާއްޖޭގެ ކުރިމަގު ކަމުގައިވާ ދިވެހި ޒުވާނުންނަށް ބޭނުންވާ ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް ބޭނުންފުޅުވާތީ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި އެމަނިކުފާނު އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ ދިމާވާ ބޮޑެތި ޤުދުރަތީ ކާރިސާތަކާއި ތިމާވެށީގެ ނާޒުކުކަމުން ލިބޭ ގެއްލުންތަކުގައި އެންމެ ހިތްދަތިކަން އިޙްސާސްކުރާ އެއް ޤައުމުކަމަށާއި، އަޅުގަނޑުމެންގެ މި އަޑު އުފުލުމަށްޓަކައި ކުރެއްވި މަސައްކަތްޕުޅުން ހުރިހާ ކުދި ޖަޒީރާ ޤައުމުތައް ތަމްސީލުކުރާ ޤައުމަކީ ރާއްޖެކަމުގައި އެޤައުމުތަކުން ނިންމާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި، އެމަނިކުފާނު ވިދާޅުވިގޮތުގައި ދިވެހިރާއްޖެއަކީ ތިމާވެއްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ބޭރު ދުނިޔޭގައި ކުރާ މަސައްކަތްތަކުގައި ކުދި ޖަޒީރާ ޤައުމުތަކުގެ ފަރާތުން އެންމެ ފަހު ބަސް އަދި އެންމެ އިސްބަސް ބުނާނެ ޤައުމުކަން ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން، ދިވެހިރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް ރާއްޖެއަކީ އަމިއްލަ ސިފަތަކެއް ހިމެނޭ މުއްސަނދި ޤައުމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ސިފަކުރެއްވިއެވެ. އަދި، ދިވެހިންގެ ބަސް ބޭރު ދުނިޔޭގައި ވިއްކަވަން ބޭނުންފުޅުވާކަމަށާއި، ސަބަބަކީ ހައްޤު ބަސް ބުނަން އަޅުގަނޑުމެން ބޭނުންފުޅުވާތީކަމަށާއި އަޅުގަނޑުމެންނަށް ދަތިވެފައި ހުރި ކަންކަމުގެ ޝަކުވާކުރަން ބޭނުންފުޅުވާތީކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.