ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި ރަސްމީ ދަތުރުފުޅުގައި އެއަތޮޅު މީދޫއަށް ވަޑައިގެން އެރަށުގެ ފެނުގެ ޚިދުމަތާއި، ނަރުދަމާގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވައިފިއެވެ.

މީދޫ ބަނދަރު ސަރަހައްދުގައި މިއަދު ހަވީރު އޮތް މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މީދޫގެ ފެނުގެ ޚިދުމަތާއި، ނަރުދަމާގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވުމުގެ ގޮތުން ހަނދާނީ ބިނާގެ ފަރުދާ ކައްސަވާ ދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުން، މި މަޝްރޫޢުގެ ހަނދާނީ ބިނާގެ ފަރުދާ ކައްސަވާ ދެއްވުމަށް އެދި ދެންނެވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ، މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ހިމެނިގެން މީދޫއަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ދައުލަތުގެ ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވިއެވެ.