ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މާޅޮސްމަޑުލު އުތުރުބުރީ ފައިނަށް މިއަދު މެންދުރު ވަޑައިގެން އެ ރަށުގެ ބަނދަރު ހުޅުއްވައިދެއްވައި، އެރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢު ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.

ފައިނުގެ ބަނދަރު ސަރަހައްދުގައި މިއަދު މެންދުރު ކުރިޔަށްދިޔަ މި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާވަނީ ފައިނުގެ ބަނދަރު އިފްތިތާޙްކޮށްދެއްވުމުގެ ގޮތުން ހަނދާނީ ބިނާގެ ފަރުދާ ކައްސަވާ ދެއްވާފައެވެ. މި ބަނދަރަކީ 400 ފޫޓު ދިގު، އަދި 200 ފޫޓު ފުޅާ ބަނދަރެކެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާވަނީ އެ ރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ގޮތުން ހަނދާނީ ބިނާގެ ފަރުދާ ކައްސަވާ ދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުން، މި ދެ މަޝްރޫޢުގެ ހަނދާނީ ބިނާގެ ފަރުދާ ކައްސަވާ ދެއްވުމަށް އެދި ދެންނެވީ މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ، މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ހިމެނިގެން ފައިނަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ދައުލަތުގެ ބައެއް ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.