ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އިފުރު އެއާޕޯޓަށް ވަޑައިގެންފިއެވެ. އެމަނިކުފާނު އިފުރު އެއާޕޯޓަށް ވަޑައިގެންނެވީ މާޅޮސްމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް މިއަދު ކުރައްވަން ހަމަޖެހިފައިވާ ދަތުރުފުޅު ފެށްޓެވުމުގެގޮތުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި މަޑުއްވަރީ ނަރުދަމާގެ ޚިދުމަތް ފަށްޓަވާދެއްވުމާއި، ގޮނޑުދޮށް ޙިމާޔާތްކުރުމުގެ މަޝްރޫޢުގެ ނިންމުން ފާހަގަކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެމަނިކުފާނު ފައިނަށް ވަޑައިގެން އެރަށު ބަނދަރު ހުޅުއްވައިދެއްވުމަށާއި، މީދޫއަށް ވަޑައިގެން އެރަށުގައި ބިނާކުރެވިފައިވާ މިސްކިތާއި، ފެނުގެ ޚިދުމަތާއި، ނަރުދަމާގެ ޚިދުމަތް ފެށްޓެވުމަށްފަހު، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.