ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ހަރ އެކްސެލެންސީ ޖުއާނާ އެލޭނާ ރަމޯސް ރޮޑްރިގޭޒް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުއްވައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ކިއުބާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަޙުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ދަންނަވާ އެ ޤައުމުގެ ރައީސަށް ހެޔޮއެދުންތައް ފޮނުއްވިއެވެ. އަދި، ކިއުބާއަށް ދާދި ފަހުން ނަގޫރޯޅިއެއް އަރައި ލިބުނު ގެއްލުންތަކުގެ ސަބަބުން ކުރިމަތިވި ހިތާމައިގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ކިއުބާގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އެމަނިކުފާނު ވަނީ ހަމްދަރުދީ ފޮނުއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކިއުބާ ސަރުކާރުގެ ފަރާތުން ރާއްޖޭގެ އިންސާނީ ވަޞީލަތްތައް ތަރައްޤީކުރެއްވުމުގެ ގޮތުން، ޚާއްޞަކޮށް ރާއްޖޭގެ ޞިއްޙީ ދާއިރާ ތަރައްޤީކުރެއްވުމަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުން ފާހަގަކުރައްވާ، ޝުކުރުއަދާކުރެއްވިއެވެ. އަދި، މި ގުޅުން ތަފާތު އެކި ދާއިރާތަކުން ބަދަހިވާނެކަމަށް އުއްމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ މައްސަލަތަކާއި ބެހޭގޮތުން މަޝްވަރާކުރައްވާ، މި މައްސަލަތައް ހައްލުކުރެއްވުމަށްޓަކައި، ދެ ޤައުމުން ވެސް ބައިނަލްއަޤްވާމީ މަސްރަޙުގައި މަސައްކަތްކުރެއްވުމަށް ތައްޔާރަށް ތިއްބެވިކަން ފާހަގަކުރައްވާފައެވެ.

ކިއުބާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ކިއުބާއާ ދެމެދުގައިވާ ޚާރިޖީ ގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެ، ބައިނަލްއަޤްވާމީ މަސްރަޙުގައި، ރާއްޖޭގެ ފަރާތުން ކިއުބާއަށް ދެއްވަމުންގެންދަވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ވަޑައިގެން ހުންނެވި މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރާއި، ފޮރިން ސެކްރެޓަރީ، އަޙްމަދު ސަރީރު ބައިވެރިވެވަޑައިގެންނެވިއެވެ.