ދިވެހިރާއްޖެއަކީ ކުޑަ ނަމަވެސް ވަސީލަތް މަދު ޤައުމެއް ނޫންކަމަށާއި، ވަސީލަތްތައް އިތުރަށް އުފައްދައިގެން ނަމަވެސް މި ސަރުކާރުން ރައްޔިތުންގެ ބޭނުންތައް ފުއްދައިދޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަޤީންކަން ދެއްވީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން މިރޭ ބޭއްވި ޙަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހި ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށްދީ، ރާއްޖެއަށް ތަރައްޤީ ގެނެސްދެއްވުމަށް ކުރައްވަމުން ގެންދަވާ އެކިއެކި މަސައްކަތްތަކުގެ މައްޗަށް ބައްލަވައިލެއްވިއެވެ. މިގޮތުން، ޚާއްޞަ ގޮތެއްގައި ރާއްޖޭގެ ޞިއްޙީ ދާއިރާއިން ހޯދަމުން އަންނަ ކުރިއެރުންތައް ފާހަގަ ކުރެއްވިއެވެ. އަދި، ދިވެހިރާއްޖޭގެ ތާރީޚުގައި، ރާއްޖޭގެ ހުރިހާ ރަށަކަށް ފުރަތަމަ ފަހަރަށް 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނީ މި ސަރުކާރުންކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި، އެކި ސަބަބުތަކާހުރެ ދައުލަތަށް ނުލިބި ހުރި ފައިސާ ހޯދުމުގެ މަސައްކަތް މި ސަރުކާރުން ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި، ދައުލަތަށް ލިބެންޖެހޭ މި ފައިސާ ހޯދުމުގެ މަސައްކަތުގެ ތެރޭގައި، ދައުލަތުން ފައިސާ ފޭދިގެން ގޮސްފައި ހުރީ ޤަނޫނާ ޚިލާފަށް، ޖިނާއީ ކުށްތަކެއް ހިމެނިގެން ކަމުގައިވާނަމަ، އެ ކަމުގައި ޒިންމާވާ ފަރާތްތަކާ ޤަނޫނު އަރާ ހަމަކުރާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވިގޮތުގައި ބައިނަލްއަޤްވާމީ ބައެއް ޖަމާޢަތްތަކުގެ މެދުގައި ދިވެހިރާއްޖެ ބާކީ ވަންޏާ ބާކީ ވެގެން އުޅެނީ ރާއްޖެއިން އިސްލާމީ އުސޫލުތަށް ހިފަހައްޓާތީކަމަށާއި، އިސްލާމީ އުސޫލު ނޫން އުސޫލެއް ރާއްޖޭގައި ނޯންނާނެކަމުގެ ކަށަވަރު ބަސް ބުނާތީކަމަށެވެ. އަދި، އިސްލާމީ ޝަރީޢަތް ރާއްޖޭގައި ދަމަހައްޓާހާ ހިނދަކު އަޅުގަނޑުމެން ބާކީ ނުވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ދިވެހިރާއްޖޭގައި ހިންގާ އަނިޔާވެރި ކަންކަމުގައި، މި ސަރުކާރުން އިސްލާމީ ޝަރީއަތުގައި އޮންނަ ޤިޞާޞް ހިފުމުގެ ހުކުމް ޤާއިމް ކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ މިރޭވެސް ވަނީ ދެއްވާފައެވެ.