ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޔުނައިޓެޑް އެރެބް އެމިރެޓްސް (ޔޫ.އޭ.އީ) އަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެޤައުމުގެ ނައިބު ރައީސްގެ މަޤާމާއި، ބޮޑުވަޒީރު، އަދި ދުބާއީގެ ވެރިޔާގެ މަޤާމު ވެސް އަދާކުރައްވާ، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމާ ބައްދަލުކުރައްވައިފިއެވެ.
ދުބާއީގެ ރޫލަރސް ކޯޓުގައި މިއަދު މެންދުރު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ދެޤައުމުގެ ދެމެދުގައި އެއްބާރުލުން ދިނުމާއެކު ދެގައުމުގެ ބަދަހި ގުޅުން ދެމިއޮތުމާއިބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި، ކުރިޔަށް އޮތް ދުވަސްތަކުގައި ދެޤައުމުގެ ދެމެދުގައިވާ އެކުވެރި ގުޅުން އެކި ދާއިރާތަކުން ބަދަހިވާނެކަމަށް އުއްމީދުކުރައްވާކަމުގައި ވެސް ދެބޭފުޅުން ވަނީ ވިދާޅުވެފައެވެ.
މި ބައްދަލުކުރެއްވުމުގައި، ދެޤައުމުގެ ވެރިންވަނީ ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއި، އަދި، ދުނިޔެއިން ޓެރަރިޒަމް ނައްތާލުމަށް ބައިނަލްއަޤްވާމީ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޔޫ.އޭ.އީ އަށް މިކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި، އެ ޤައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖެއާއި ޔޫ.އޭ.އީއާ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެވުމާއި ރާއްޖޭގެ ތަރައްޤީއާއި ގުޅުންހުރި އެކި ދާއިރާތަކުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.