ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް ޔުނައިޓެޑް އެރެބް އެމިރެޓްސް، (ޔޫ.އޭ.އީ)ގެ މިނިސްޓަރ އޮފް އެނަރޖީ ހިޒް އެކްސެލެންސީ ސުޙައިލް މުޙައްމަދު އަލް-މަޒްރޫޢީ އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ބުރްޖް ޚަލީފާގައި ރޭ ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ދެބޭފުޅުންވަނީ ފަހުގެ އަހަރުތަކުގައި ރާއްޖެއަށް އައިސްފައިވާ އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީގެ ސަބަބުން ހަކަތަ ބޭނުންކުރާ މިންވަރު އިތުރުވެފައިވާކަން ފާހަގަކުރައްވާ، މިކަމަށް އީޖާދީ ތިމާވެއްޓާ ރަށްޓެހި ޙައްލުތަކެއް ހޯދުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޔޫ.އޭ.އީ އަށް މިހާރު ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގައި، އެ ޤައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖެ އާއި ޔޫ.އޭ.އީއާ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.