ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ޔޫ.އޭ.އީގެ ރައީސް ހިޒް އެކްސެލެންސީ ޝެއިޚް ޚަލީފާ ބިން ޒައިދު އައްނަޙްޔާން ދެއްވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޔޫ.އޭ.އީ. އަށް ކުރައްވާ ތިން ދުވަހުގެ މި ދަތުރުފުޅުގައި ‏އެ ޤައުމުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ދެ ޤައުމުގެ ދެމެދުގައި ތަފާތު ދާއިރާތަކުން 4 އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި، އިންވެސްޓްމަންޓް ޕްރޮޓެކްޝަނާއި، އެވޮއިޑެންސް އޮފް ޑަބަލް ޓެކްސޭޝަނާއި، ވިސާ ވެއިވާ އޮން ޑިޕްލޮމެޓިކް އެންޑް އޮފިޝަލް ވިސާ، އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމާ ގުޅޭ އެއްބަސްވުން ހިމެނެއެވެ.

ދިވެހިރާއްޖެއާއި ޔޫ.އޭ.އީ އާ ދެމެދުގައިވާ ޒަމާންވީ ގާތް ގުޅުމަކީ ދެ ޤައުމުގެ ތަރައްޤީއާއި ރައްޔިތުންގެ ލާބައާއި މަންފާގެ މައްޗަށް ބިނާވެފައިވާ އެކުވެރިކަމުގެ ގުޅުމެކެވެ. ދިވެހި ރާއްޖެއާއި ޔޫ.އޭ.އީ އާ ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރިތާ އަންނަ 2018 ވަނަ އަހަރުގެ މާރިޗު މަހުގެ 15 ވަނަ ދުވަހު 40 އަހަރު ފުރޭނެއެވެ.

މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ އަދި އެ މަނިކުފާނުގެ އަނބިކަނބަލުންގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިންއެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދާއި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާހީމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރާއި، އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ އިކޮނޮމިކް ރިލޭޝަންސް މުޙައްމަދު ލުވެއިޒް ބައިވެރިވެވަޑައިގަންނަވައެވެ.