ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް މިހިނގާ އޮކްޓޫބަރު މަހުގެ 16 އިން 19 އަށް ‏ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު މެންދުރުފަހު ދުބާއީއަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މިދަތުރުފުޅަކީ ޔޫ.އޭ.އީގެ ރައީސް ހިޒް އެކްސެލެންސީ ޝެއިޚް ޚަލީފާ ބިން ޒައިދު އައްނަޙްޔާން ދެއްވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ދުބާއީ އިންޓަރނޭޝަނަލް އެއާޕޯޓަށް ވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ ޔޫ.އޭ.އީގެ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަންމަންޓް ހިޒް އެކްސެލަންސީ ޑޮކްޓަރ ޘާނީ އަޙްމަދު އަލް ޒިޔޫދީއެވެ.

ރައީސުލްޖުމްހޫރިއްޔާ ޔޫ.އޭ.އީ އަށް މިކުރައްވާ ތިން ދުވަހުގެ ދަތުރުފުޅުގައި، އެ ޤައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖެ އާއި ޔޫ.އޭ.އީ އާ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.