ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި އެފަދަ ހުރިހާ މައްސަލަތައް ބައްލަވާނެކަމުގެ ޔަގީންކަން ދެއްވާކަމަށް ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީގެ ރިޔާސަތު ބަލަހައްޓަވާ، މިނިސްޓަރ އޮފް ހޯމް އެފެއާޒް އަޒްލީން އަޙްމަދު ވިދާޅުވެއްޖެއެވެ.
ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީގެ މަސައްކަތްތަކާއި ބެހޭގޮތުން މައުލޫމާތު ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ އަޒްލީން ވިދާޅުވިގޮތުގައި، ފުރަތަމަ އިސްކަންދެއްވައިގެން ބައްލަވަމުން ގެންދަވަނީ 5 މިލިޔަން ރުފިޔާއަށްވުރެ މަތީ ޢަދަދުތަކުގެ މައްސަލަތަކެވެ. އަދި ކޮމިޝަނުގެ މެންޑޭޓުގައި ހިމެނޭ 5 މިލިއަން ރުފިޔާއަށްވުރެ ދަށުގެ މައްސަލަތައްވެސް ބައްލަވާނެ ކަމަށް އަޒްލީން ވިދާޅުވިއެވެ.
އަޒްލީން އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ބައްލަވަމުން ގެންދަވާ މައްސަލަތަކާއި، ބައްލަވައި ނިންމަވާފައިވާ މައްސަލަތަކަށް ބަލާއިރު، ކޮރަޕްޝަނުގެ ގޮތުގައި ހިމެނޭ، އަދި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ ޢަދަދު 13.5 ބިލިޔަން ރުފިޔާއަށް އަރާކަމަށް ބެލެވޭކަމުގައި ވިދާޅުވިއެވެ. އެހެން ނަމަވެސް ބޮޑެތި ޢަދަދުތަކުން ޚިޔާނާތްތެރިވެފައިވާ މައްސަލަތައް ބެލުމަށް ކުރީގެ ސަރުކާރުތަކުން މަސައްކަތް ކޮށްފައިނުވާކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.
މިއަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކޮމިޝަން އޮން ސްޓޭޓް އެސެޓްސް ރިކަވަރީ އުފެއްދެވުމުގެ މައިގަނޑު މަޤުޞަދަކީ އޮޑިޓަރ ޖެނެރަލްގެ އޮފީހާއި އެންޓިކޮރަޕްޝަން ކޮމިޝަނުން ނެރުއްވާފައިވާ ރިޕޯޓްތަކުން، ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކަމާބެހޭ މުއައްސަސާތަކުން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބަލައި، އެރިޕޯޓްތަކުގައި ފާހަގަކޮށްފައިވާ ދައުލަތަށް ލިބެންޖެހޭ ފައިސާގެ މައްސަލަތައް ބަލައި ދިރާސާކޮށް، އެމައްސަލަތަކާ ގުޅޭގޮތުން އެކަށީގެންވާ ފިޔަވަޅު އަޅައި އެފައިސާ ހޯދުމަށްޓަކައި މަސައްކަތް ކުރުމެވެ.