ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިއްޔަށް މިއަދު ވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ، ހުވަދުއަތޮޅު އުތުރުބުރީގެ ބައެއް ރަށްރަށަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގެ ބައެއްގެ ގޮތުން، ވިލިނގިއްޔަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ކޫއްޑޫއިން ވިލިނގިއްޔަށް ވަޑައިގަތީ، އެ ދެކަނބަލުންގެ އިސްތިގުބާލުގައި ކޫއްޑުއަށް ދަތުރުކުރި، ޒީނަތްތެރިކޮށްފައިވާ ވިލިނގިލީ ކަންނެލި މަސްދޯންޏެއްގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި، ދައުލަތުގެ ވަޒީރުންނާއި، މަޖިލިސް މެންބަރުން މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަތެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވިލިނގިއްޔަށް ފައިބާވަޑައިގަތުމާއެކު އެ ރަށު ރައްޔިތުންގެ ފަރާތުން ވަރަށް ހޫނު މަރުހަބާއެއް އެ ދެކަނބަލުންނަށް ދެންނެވިއެވެ.