ދިވެހިރާއްޖެ ބަދުނާމު ކުރުމަށް ކުރާ މަސައްކަތަކީ މި ސަރުކާރަށް ދެވޭ ގެއްލުމެއް ނޫންކަމަށާއި އެއީ ދިވެހި ރައްޔިތުންނަށް ދެވޭ ގެއްލުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ހުވަދުއަތޮޅު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރަވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ‏ކޫއްޑޫއަށް ވަޑައިގެން އެރަށުގައި ތަރައްޤީކުރެވިފައިވާ 'މަރކިއޯ ހޮޓެލްސް މޯލްޑިވްސް ‏ކޫއްޑޫ' މިރޭ ރަސްމީކޮށް އިފްތިތާޙްކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ ފަތުރުވެރިކަމުގެ ސިނާޢަތަށް ބަރޯސާވާ، ބޭރުގެ އިންވެސްޓަރުންނަށް މަރުޚަބާ ކިޔާ ޤައުމެއްކަމަށް ވާއިރު، މި ޤައުމުގެ ނަން ބަދުނާމުކޮށް އިންސާފުވެރި ކަމެއްނެތި ދިވެހިރާއްޖެއާ ދޭތެރޭ މި އަންނަ ބަދުނާމުތަކުގެ އިސްސަފުގައި ނުތިއްބެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެންމެހާ ދިވެހިންނަށް އިލްތިމާސްކުރައްވާފައެވެ.

މިއަދު ހުޅުވިގެން ދިޔަ އެއާޕޯޓާއި، އެއާޕޯޓު ހޮޓެލުން އެކަނި ވެސް މި އަތޮޅަށް ޚާއްޞަ 1000 ވަޒީފާގެ ފުރުޞަތު ތަނަވަސްވެގެން ދާނެކަމަށާއި، މިއީ ކުޑަދުވަސްކޮޅެއްގެ ތެރޭގައި 1000 އާއިލާއަށް ލިބޭނެ ވަރަށް ބޮޑު ނިޢުމަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ބޭރު ދުނިޔޭގައި ރާއްޖެ ބަދުނާމުކޮށް ފަތުރުވެރިކަމަށް ބުރޫއަރާ ފަދަ ކަންކަމުގައި އުޅުއްވާ ސިޔާސީ ފަރާތްތަކުން އެފަދަ ކަންކަން ހުއްޓާލުމަށް މި ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން އެދޭނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ވެސް އެމަނިކުފާނުވަނީ ރާއްޖޭގެ ސިޔާސީ ފަރާތްތަކުން ރާއްޖޭގެ ތަސައްވަރު ބޭރު ދުނިޔޭގައި ކިލަނބުވާގޮތަށް ވާހަކަނުދެއްކެވުމަށް ގޮވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި މިއަދު އާދެވިފައި މިތިބަ ހިސާބުން 10 ފިޔަވަޅު ފަހަތަށް ދިއުމަށް ޖާގައެއް ނެތްކަމަށެވެ.

މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އިތުރަށް ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވިގޮތުގައި ބަވަނަވެފައިވާ އިޤްތިޞާދެއްގައި އެންމެ މުހިންމީ ރައްޔިތުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމާއެކު އެތައް ސަތޭކަ މިލިއަން ޑޮލަރެއްގެ އިންވެސްޓްމަންޓް ހިފައިގެން އަންނަ އިންވެސްޓަރުންނަށް އިސްކަންދިނުންކަމުގައެވެ. މިގޮތުން އެމަނިކުފާނު ވަނީ ސަރުކާރުން އިންވެސްޓަރުންނަށް މަރުޚަބާ ކިޔުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވެފައިވަނީ މިއަދު ރާއްޖޭން މިފެންނަނީ މުޅި އޭޝިޔާ ސަރަޙައްދުގައިވެސް ލާމަސީލު މިސާލެއްގެ ގޮތުގައި ދައްކާ ސިންގްޕޫރުގެ ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެ އަންނަތަންކަމަށެވެ. އަދި އެއީ އެއްގޮތަކަށް ވެސް އެ ޤައުމުގައި ވިޔަފާރީގެ ފުރުޞަތު ނެތިގެން ނޫންކަމަށާއި އެއީ ރާއްޖެއިން ރަނގަޅު ވިޔަފާރީގެ ފުރުޞަތުތަކެއް ފަހިކޮށްދޭތީކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.