ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހުވަދުއަތޮޅު އުތުރުބުރީގެ ބައެއް ރަށްތަކަށް ކުރަވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ‏ކޫއްޑޫއަށް ވަޑައިގެން އެރަށުގައި ތަރައްޤީކުރެވިފައިވާ 'މަރކިއޯ ހޮޓެލްސް މޯލްޑިވްސް' ‏ކޫއްޑޫ މިރޭ ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފިއެވެ.

މަރކިއޯ ‏ކޫއްޑޫ ހޮޓެލަކީ ޕްރިސްޓިން އައިލެންޑް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ތަރައްޤީކޮށްފައިވާ ރިޒޯޓް ހޮޓެލެކެވެ. މިތަނަކީ މެދުފަންތީގެ 68 ވިލާ ހިމެނޭގޮތަށް ފަރުމާކުރެވިފައިވާ، 24 ގަޑިއިރު ޚިދުމަތްދޭގޮތަށް ތައްޔާރުކުރެވިފައިވާ ތަނެކެވެ. މަރކިއޯ ‏ކޫއްޑޫ ހޮޓެލަކީ ރާއްޖޭގެ ރަހަތަކާއި ބޭރުގެ ރަހަތައް އެކުލެވޭގޮތަށް ފަރުމާކުރެވިފައިވާ ތަނެކެވެ.

މަރކިއޯ ‏ކޫއްޑޫ ހޮޓެލް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ޕްރިސްޓިން އައިލެންޑް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެކުންފުނީގެ ޗެއާމަން މިސްޓަރ ރޮނާލްޑް ލިއޯއާއި، ހޮޓެލްސް އެންޑް ރިޒޯޓްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޗެއާމަން މުޙައްމަދު ޢަލީ ޖަނާޙު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް ވެދުމަށް އަރުވާފައެވެ.

މިރޭގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޓޫރިޒަމާއި، ޕްރިސްޓިން އައިލެންޑް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި، ހޮޓެލްސް އެންޑް ރިޒޯޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ދެމެދުގައި ވަނީ ގއ. އަތޮޅުގެ 1000 ޒުވާނުންނަށް ތަމްރީނާއި ވަޒީފާގެ ފުރުޞަތު އުފެއްދުމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ.