ކޫއްޑޫ އެއާޕޯޓުގެ ތަރައްޤީގެ މަޝްރޫޢު ފަދަ ބޮޑެތި އިންވެސްޓްމަންޓްތަކުގެ ބޭނުމަކީ ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކޮށްދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ކޫއްޑޫ އެއާޕޯޓު ބޮޑުކޮށް، ތަރައްޤީ ކުރުމަށްފަހު އަލުން އިފްތިތާހު ކުރުމަށްޓަކައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކޫއްޑޫ ވައިގެ ބަނދަރުގެ މުވައްޒަފުންނަކީ ވީވަރަކުން ދިވެހި މުވައްޒަފުންނަށް ހައްދަވައިދެއްވުމަށް ކޫއްޑޫ އެއާޕޯޓް ކުންފުންޏަށް އިލްތިމާސް ކުރައްވާފައިވާނެ ކަމުގައި ވިދާޅުވިއެވެ. އެހެންކަމުން، ކޫއްޑޫ އެއަރޕޯރޓްގެ ވަޒީފާގައި މިހާރު ތިއްބެވި މުވައްޒަފުން ވަޒީފާގައި ދެމި ތިއްބެވުމަށް ސަމާލުކަން ދެއްވުމަށާއި، ވަޒީފާއަށް ފަރުވާ ކުޑަ ނުކުރެއްވުމަށް ހުރިހާ ދިވެހި މުވައްޒަފުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ކޫއްޑޫ އެއާޕޯޓް ބޮޑުކޮށް ތަރައްޤީ ކުރުމާ ގުޅިގެން، އަލުން މި އެއާޕޯޓް އިފްތިތާހު ކޮށްދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި އެއާޕޯޓްތައް އިތުރުވެގެން ދިއުމުން ފަސޭހަވެގެންދަނީ ހަމައެކަނި ދަތުރުފަތުރަށް ނޫންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ދިވެހިރާއްޖެއަށް ލިބިގެންދާ އިޤްތިޞާދީ ތަނަވަސްކަމާއި، ރާއްޖޭގެ އެކި ހިސާބުތަކަށް ފަތުރުވެރިކަމުގެ ފައިދާ ލިބިގެން ދިއުމަކީވެސް މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ކުރިއެރުންތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ފަތުރުވެރިކަމުގެ ސިނާއަތް މުޅި ރާއްޖެއަށް ފުޅާވެގެން ދިޔުމުން ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެގެންގޮސް، ތަފާތު އެކި ބާވަތްތަކުގެ ވިޔަފާރިތައް އިތުރު ވެގެންދާ ކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ އެކި ހިސާބުތަކުގައި އެއާޕޯޓްތައް ތަރައްޤީ ކުރުމުގެ އަނެއް ބޭނުމަކީ، މީގެ ކުރީގައި މާލެއާއި މާލެ ކައިރި ސަރަހައްދަށް އެކަނި ޚާއްޞަވެފައި އޮތް ފަތުރުވެރިކަމުގެ ސިނާއަތް މުޅި ރާއްޖެއަށް ފަތުރާލުން ކަމުގައި ވިދާޅުވިއެވެ. އަދި މިފަދަ އިންވެސްޓްމަންޓްތަކުގެ ސަބަބުންވެސް ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސް ވެގެން ދިއުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، މިހާރުގެ ސަރުކާރަކީ އިންވެސްޓަރުންނާ ރައްޓެހި، އިންވެސްޓަރުންނަށް އަބަދުވެސް މަރުހަބާ ކިޔާ ސަރުކާރެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.