ކޫއްޑޫ އެއާޕޯޓް ބޮޑުކޮށް ތަރައްޤީކުރުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އަލުން އެއާޕޯޓް މިއަދު ހަވީރު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވައިފިއެވެ.

‏ކޫއްޑޫ އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، މި އެއާޕޯޓުގައި ކުރިން އޮތް 1200 މީޓަރު ދިގު ރަންވޭ 1800 މީޓަރަށް ވަނީ ދިގު ކޮށްފައެވެ. އަދި، އާ ވީ.އަ.ޕީ ލައުންޖަކާއި، މުވައްޒަފުންގެ 2 އެކޮމޮޑޭޝަން ބްލޮކް ވެސް އެއާޕޯޓުގައި އިތުރަށް ތަރައްޤީކޮށްފައިވެއެވެ. މި ބަދަލުތަކާއެކު ކޫއްޑޫ އެއާޕޯޓް ވަނީ ކެޓަގަރީ 2 ސީ ގެ އެއާޕޯޓަކުން ކެޓަގަރީ 3 ސީ ގެ އެއާޕޯޓަކަށް ބަދަލުވެފައެވެ.

ކޫއްޑޫ އެއާޕޯޓް ތަރައްގީކޮށް އަލުން ހުޅުއްވައިދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ޓޫރިޒަމް މޫސާ ޒަމީރާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙައްމަދު ސަޢީދާއި، ކޫއްޑޫ އެއާޕޯޓުގެ ސީ.އީ.އޯ މުޙައްމަދު ޢަލީ ޖަނާޙާއި، ޕްރިސްޓިން އައިލެންޑް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ޗެއާމަން މިސްޓަރ ރޮނަލްޑް ލިއޯ ބައިވެރިވެވަޑައިގެންނެވިއެވެ.