މެލޭޝިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން- ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ ވަން ޒައިދީ ވަން ޢަބްދުﷲ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުއްވައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، މެލޭޝިޔާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަޙުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ދެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި މެލޭޝިޔާގެ ރަސްގެފާނަށާއި، ބޮޑުވަޒީރަށް ހެޔޮއެދުންތައް ރައްދުކޮށްދެއްވުމަށް މެލޭޝިޔާގެ އާ ސަފީރުގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތެވެ. އަދި، ރާއްޖެއާއި މެލޭޝިޔާއާ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ރާއްޖެއިންދޭ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މި ބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މެލޭޝިޔާގެ އަމިއްލަ ވިޔަފާރިވެރިން، ޚާއްޞަކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓްކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ވިދާޅުވެފައެވެ.

މެލޭޝިޔާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން – ރެޒިޑެންޓް ސަފީރުގެ ގޮތުގައި އެމަނިކުފާނަށް މަރުޙަބާ ދެންނެވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރެއްވިއެވެ. އަދި، ދެ ޤައުމުގެ ދެމެދުގައިވާ އެކުވެރި ގާތް ގުޅުން އެމަނިކުފާނުގެ ސަފީރުކަމުގައި އިތުރަށް ބަދަހިކުރެވޭނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާއާއި މެލޭޝިޔާގެ އާ ސަފީރު އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި މެލޭޝިޔާއަކީ ބައިނަލްއަޤްވާމީ މައިދާނުގައި އެކި މައްސަލަތަކުގައި އެއްކަހަލަ ވިސްނުންތަކެއް ގެންގުޅުއްވާ ދެ ޤައުމުކަން ފާހަގަކުރެއްވިއެވެ. އަދި، ދެބޭފުޅުން އިތުރަށް ދެއްކެވި ވާހަކަފުޅުގައި ކުރިއަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު ‏ބައިވެރިވެވަޑައިގެންނެވިއެވެ.