ދިވެހި ސަރުކާރުން އިސްނަންގަވައިގެން ސިޔާސީ ޕާޓީތަކާއެކު ބޭއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ މަޝްވަރާތަކުގައި ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކާއި، މި ވަގުތު ސިޔާސީ ގިނަ ޙަރަކާތްތަކުގައި އިސްވެ އުޅުއްވާ ބޭފުޅެއްގެ ހައިސިއްޔަތުން ޕީޕީއެމްގެ ކުރީގެ ރައީސް އަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމަށް، ސަރުކާރުން މިއަދު ދަޢުވަތު ދެއްވައިފިއެވެ.

ސަރުކާރުން އިސްނަންގަވައިގެން ބޭއްވެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ މި މަޝްވަރާތައް އަލުން ފެށްޓެވުމަށް ސަރުކާރުގެ ފަރާތުން ދަޢުވަތު ދެއްވީ މި މަޝްވަރާތަކުގައި ސަރުކާރުގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަމުންދާ އެންމެ އިސް މަންދޫބު، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، ޑޮކްޓަރ މުޙައްމަދު ޝައިނީއެވެ.

މިކަމާއި ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން، ޑޮކްޓަރ ޝައިނީ ވިދާޅުވިގޮތުގައި، އަނެއްކާވެސް ސަރުކާރުން ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަށް ކުރިޔަށް ގެންދިޔުމަށް މަސައްކަތް މިފެއްޓެވީ އިދިކޮޅުފަރާތްތަކުން އިސްލާހީ ބަދަލުތަކެއްގެ ވާހަކަ ދައްކަވައި އެކި ވަސީލަތްތައް މެދުވެރިކޮށް އެކަމަށް ގޮވާލައްވަމުން ގެންދަވާތީ، މިފަދަ ފުރުޞަތަކަށް ޕާޓީތަކުން ތައްޔާރަށް ތިބިކަމަށް ސަރުކާރަށް ޤަބޫލުކުރެއްވޭތީއެވެ. ނަމަވެސް މަޝްވަރާތައް އަދިވެސް ކުރިއަށް ގެންދެވޭނީ މަޝްވަރާ ތަކުގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން އެއްވެސް ޝަރުތަކާއި ނުލައި ހެޔޮނިޔަތުގައި މަޝްވަރާ ތަކަށް ވަޑައިގެންނެވުމުން ކަމުގައި ޑޮކްޓަރ ޝައިނީ ވިދާޅުވިއެވެ.

ޑޮކްޓަރ ޝައިނީ އިތުރަށް ދެއްކެވި ވާހަކަފުޅުގައި 2015 ވަނަ އަހަރުގެ ޖުލައި މަހުގައި ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަކަށް ފުރަތަމަ ފަހަރަށް ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ފެއްޓެވިކަމަށާއި، ނަމަވެސް ޕާޓީތަކުގެ މެދުގައި އުފެދުނު ދެބަސްވުންތަކުގެ ސަބަބުން މި މަޝްވަރާތައް ކުރިޔަށް ގެންދެވިފައި ނުވާކަމަށް ޑޮކްޓަރ ޝައިނީ ވިދާޅުވިއެވެ. ނަމަވެސް، 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހު އަލުން މަޝްވަރާތައް ބޭއްވޭތޯ މަސައްކަތް ފެށިފަހުން މި ފުރުޞަތު ސަރުކާރުން އެއްވެސް ވަރަކަށް ބަންދުކޮށްފައި ނުވާކަން މިނިސްޓަރ ޝައިނީ ފާހަގަކުރެއްވިއެވެ.

ޑޮކްޓަރ ޝައިނީ އިތުރަށް ވިދާޅުވިގޮތުގައި މި ފަހަރު މި ހުޅުވާލި ފުރުޞަތަކީ އެއްވެސް ޝަރުތަކާނުލާ، ވަކި ވަކި ފަރުދުންގެ ވާހަކަނުދައްކަވާ، ރާއްޖޭގައި ދިމާވެފައިވާ ކަމަށް ވާދަވެރި ފަރާތްތަކުން ވިދާޅުވާ ބޮޑެތި މައްސަލަތަކަށް ޙައްލުހޯދުމަށްޓަކައި، އެބޭފުޅުންގެ ހުށަހެޅުންތަކެއް ހުރިކަމަށް ސަރުކާރަށް ފެންނާތީވެ، ހުޅުވާލި ފުރުސަތެއް ކަމަށެވެ. އެގޮތުން ޕާޓީތަކުން ބޭނުންވާ އިސްލާހީ ބަދަލުތަކަކީ ކޮބައިކަން ހަފުތާއެއްހާ ދުވަސްތެރޭ ސަރުކާރަށް ހުށައަޅުއްވައި ދެއްވުމަށް ޑޮކްޓަރ ޝައިނީ ވަނީ ގޮވާލައްވާފައެވެ. އަދި، މި ހުށަހެޅުންތައް ލިބިވަޑައިގެންނެވުމުން ސަރުކާރާއެކު ތިއްބެވި ޕާޓީތަކާއިއެކު މަޝްވަރާ ކުރެއްވުމަށްފަހު ސިޔާސީ ޕާޓީތަކުގެ މަޝްވަރާތައް ކުރިޔަށް ގެންދިޔުމުގެ މަސައްކަތްތައް އަލުން ފައްޓަވާނެކަމުގެ ޔަޤީންކަން ޑޮކްޓަރ ޝައިނީ ދެއްވިއެވެ.