ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ޒަންގް ލިޒޯންގް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުއްވައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ޗައިނާގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް މަރްޙަބާ ދަންނަވާ ޗައިނާ ސަފީރުގެ ސަފީރުކަމުގެ ދައުރު ފެށްޓެވުމާ ގުޅިގެން އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޗައިނާގެ ރައީސް ހިޒް އެކްސެލަންސީ ޝީ ޖިންޕިންގްއަށް ހެޔޮއެދުންތައް އަރިސްކުރައްވާ، ދެ ޤައުމުގެ ދެމެދުގައިވާ ޚާރިޖީ ގުޅުން އިތުރަށް ބަދަހިކުރަން ފުރިހަމަ އެއްބާރުލެއްވުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ވެދެއްވާ އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވިއެވެ. މިގޮތުން، ޗައިނާއިން ރާއްޖޭގައި ހިންގާ މައިގަނޑު 2 މަޝްރޫޢު ކަމަށްވާ ޗައިނާ – މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާއި ރާއްޖޭގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގެ ރަންވޭ ތަރައްޤީކުރުމުގެ މަޝްރޫޢު ފާހަގަކުރެއްވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހި ސަރުކާރުގެ ފަރާތުން ވަން-ޗައިނާ ސިޔާސަތަށް އެއްބާރުލެއްވުން ދެއްވާ މިންވަރު ފާހަގަކުރައްވާ ޗައިނާ ރައްޔިތުން ތަމްސީލު ކުރުމަށްޓަކައި މި ސިޔާސަތުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މީގެ އިތުރުން، ރާއްޖެއާ ޗައިނާއާ ދެމެދުގައި އޮތް ޚާރިޖީ ގުޅުން ބަދަހިކުރުމަށް ޗައިނާއިން ދެއްވާ އެއްބާރުލެއްވުން ފާހަގަކުރައްވާ ބައިނަލްއަޤްވާމީ މަޝްރަހުގައިވެސް ދެ ޤައުމަށް ފައިދާވާފަދަ ކަންކަން ކުރެއްވުމަށް ދެ ޤައުމުގެ ފަރާތުން ކުރަމުންގެންދާ މަސައްކަތަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

ޗައިނާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ޗައިނާގެ ރައީސް އަދި ސަރުކާރުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ. އަދި، ރާއްޖޭގައި މިހާރު ކުރިއަށްދާ ތަފާތު ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާ ގޮތާމެދު އެމަނިކުފާނުގެ ހިތްޕުޅު ހަމަޖެހޭކަން ފާޅު ކުރައްވާ ރާއްޖޭގެ ބޮޑެތި މަޝްރޫޢުތަކުގައި ބޭރުގެ ފަރާތްތަކުން އިންވެސްޓުކުރަން ފުރުސަތު ދިނުމަކީ ރާއްޖޭގެ އިޤްތިޞާދަށް ވަރަށް މުހިންމުކަމެއްކަމަށް ޗައިނާގެ ސަފީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖެއާ ޗައިނާއާ ދެމެދުގައި އޮތް ޚާރިޖީ ގުޅުން އިތުރަށް ބަދަހިކުރުމަށާ ވިޔަފާރީގެ ދާއިރާގައި ދެ ޤައުމުގެ ގުޅުން ތަރައްޤީކުރުމަށް އެއްބާރުލެއްވުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު އަދި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓަރީ އަޙްމަދު ސަރީރު ބައިވެރިވެވަޑައިގެންނެވިއެވެ.