ޗައިނާގެ ޕީޕަލްސް ލިބަރޭޝަން ނޭވީގެ ތިން އުޅަނދުގެ ކޮމާންޑަރ ރެއާ އެޑްމިރަލް ޝެން ހާއޯ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ޗައިނާގެ ފަރާތުން ރާއްޖެ ތަރައްޤީކުރުމަށް ވެދެއްވާ އެހީތެރިކަމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި، ރާއްޖެއާއި ޗައިނާއާ ދެމެދުގައިވާ ޚާރިޖީ ގުޅުމަށް 45 އަހަރު މިއަހަރު ފުރޭތީއާއެކު އެކަން ފާހަގަކުރައްވާ، ކުރިއަށްއޮތް ތަނުގައިވެސް މި ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

ކޮމާންޑަރގެ ވާހަކަފުޅުގައި، ޗައިނާގެ ވަފްދު ރާއްޖެވަޑައިގަތުމުން ރާއްޖޭން ކީ ހޫނު މަރުޙަބާއަށް ޝުކުރު ދަންނަވާކަމުގައި ވިދާޅުވިއެވެ. އަދި އެމަނިކުފާނު ފާހަގަކުރެއްވިގޮތުގައި ޗައިނާގެ ރައީސް، ރާއްޖެއާއި ޗައިނާއާ ދެމެދުގައި އޮންނަ ގުޅުމުގެ އަގު ވަޒަންކުރައްވާކަމަށާއި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކްރެޓަރީ، ބައިލެޓަރަލް އަލްފާޟިލް އަޙްމަދު ޚަލީލާއި، ފޮރިން ރިލޭޝަންސްގެ އަންޑަރސެކްރެޓަރީ އަލްއުސްތާޛް ފައްޔާޒް ޝާތިރު ބައިވެރިވެވަޑައިގެންނެވިއެވެ.

ރެއާ އެޑްމިރަލް ޝެން ހާއޯގެ އަރިހުގައި، ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ ޒަންގް ލިޒޯންގް ބައިވެރިވެވަޑައިގެންނެވިއެވެ.