بســم اللّـه الرّحمـن الرّحيــم
الحمـدللّـه ربّ العــالمـين، والصّـــلاة والسّــــلام على محـمّد، وَعلـى آلـه وصحبــه أجمـعــين.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑޮކްޓަރ މުޙަންމަދު ލަޠީފް، ޑެޕިއުޓީ ވައިސް ޗާންސެލަރ އަލްފާޟިލާ ޢާއިޝަތު ޝާހީން، ފެކަލްޓީގެ ޑީނުން، އިސް މަސްއޫލުވެރިން، ޔުނިވަރސިޓީގެ ކައުންސިލް މެމްބަރުން، ޖަލްސާއަށް ވަޑައިގެންނެވި ޢިއްޒަތްތެރިން، އަދި މިރޭގެ އެންމެ ޚާއްޞަ ބޭފުޅުން ކަމަށްވާ މިރޭގެ ދަސްވެނިން، މި ޖަލްސާ ދުރާއިގާތުން ބައްލަވަމުންގެންދަވާ ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން؛
السّلام عليــكم ورحـمــة اللّـه وبـركاتـه.
އާދެ، މި ދަނޑިވަޅުގައި މިހާ ދަން ގަޑިއެއްގައި އަޅުގަނޑު ހިތަށްއަރާ، ދެން އަޅުގަނޑަށް ކޮން ވާހަކަތަކެއްތޯ ދެއްކޭނީ؟ އަޅުގަނޑު ވަރަށްގިނަ ވާހަކަ ދައްކާނަމޭ ހިތަށް އަރައިގެން އައީ. އެހެންނަމަވެސް، އަޅުގަނޑު ހިތަށްއެރީ މި އުފާވެރިކަމަށް އިތުރު ބުރުލެއް އައިސްފާނެއޭ، އަޅުގަނޑު ވާހަކަ މާ ދިގުކޮށްފިއްޔާމު. އެހެންވީމާ، އަޅުގަނޑު ވާހަކަ ކުރުކޮށްލާނަން.
އަޅުގަނޑު އެންމެ ފުރަތަމަ ވާޖިބެއް ކަމަށް ދެކެނީ، އަޅުގަނޑަށް މި ޝަރަފުވެރި ޙަފްލާއަށް ދަޢުވަތު ދެއްވިކަމަށްޓަކައި ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރއަށް އަދި ކައުންސިލްގެ ބޭފުޅުންނަށް އަދި މެނޭޖްމަންޓަށް އިޚްލާޞްތެރިކަމާއެކު ވަރަށް ޚާއްޞަ ޝުކުރެއް ދެންނެވުން.
އާދެ، ޤައުމީ ޔުނިވަރސިޓީއާއި އަޅުގަނޑާ އޮންނަ ގުޅުން ކޮންމެވެސްވަރަކަށް އަޅުގަނޑު ދަންނަވާލަން ބޭނުން. އަޅުގަނޑަކީވެސް ކޮންމެވެސް ލެވެލްއެއްގައި ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމު ވަރަށް ކުރީގައި ހާސިލުކުރި މީހެއް. އޭރު މިހާރު ފެކަލްޓީ އޮފް ބިޒްނަސް ހިނގަމުންދާ ތަނުގައި ހިނގަމުންދިޔަ ޤުރްއާން ކުލާހެއްގައި ބައިވެރިވެ އެތަނުގައި ކިޔެވި މީހެއް. އެތަނުން އަޅުގަނޑު ޤުރްއާން ކިޔެވުމުގެ، ތަޖުވީދުމަގަށް ޤުރްއާން ކިޔެވުމުގެ ފުރުޞަތު ލިބުނީ. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ ޔުނިވަރސިޓީގެ ކޮންމެވެސް ހިސާބަކުން ތަޢުލީމު ހާސިލުކުރުމުގެ ފުރުޞަތު އަޅުގަނޑަށްވެސް މިވަނީ ލިބިފައޭ.
ދެވަނައަށް އަޅުގަނޑު ދަންނަވާނީ އަޅުގަނޑަކީވެސް ޔުނިވަރސިޓީގެ، ޔުނިވަރސިޓީ ނުކިޔެވި ކަމުގައިވިނަމަވެސް، ޔުނިވަރސިޓީގައި ކިޔަވައިދިނުމުގެ ފުރުޞަތު ލިބިފައިހުރި މީހެކޭ. އާދެ، އޭރު މޯލްޑިވްސް ސެންޓަރ ފޮރ މެނޭޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން، އެމް.ސީ.އެމް.އޭ. 1998 ވަނަ އަހަރު އުފެއްދެވިއިރު އެތަނުގެ ހެޑަކަށް އުޅުއްވީ ޑޮކްޓަރ ލަޠީފް. އެހެންނަމަވެސް، އޭރު 1998 ގައި އަޅުގަނޑު ކިޔަވައިދޭކަށް ނުދަން. އޭގެފަހު ދުވަސްވަރެއްގައި އަޅުގަނޑު، ކަތީބުން ކޯސްތަކުގައި މެނޭޖްމަންޓް ކިޔަވައިދޭން ވަރަށްގިނަ އަހަރުތަކުގެ ތެރޭގައި އަޅުގަނޑު ގޮސްފައި ހުންނާނެ. މިހާރުވެސް ބައެއް ރަށްރަށުގައި އެއީ ކަތީބުން ނުކީކަމުގައިވިޔަސް، އެކި އިސް މަގާމުތަކުގައި ބައެއް ބޭފުޅުން އެބަތިއްބެވި. އެހެންވީމާ، އަޅުގަނޑަށްވެސް ޔުނިވަރސިޓީގައި ކިޔަވައިދިނުމުގެ ފުރުޞަތު މިވަނީ ލިބިފައި.
މީގެއިތުރަށް، ޔުނިވަރސިޓީގެ ކައުންސިލް މެންބަރެއްގެ ހައިސިއްޔަތުންވެސް މަސައްކަތް ކުރުމުގެ ފުރުޞަތު ވަނީ ލިބިފައި. އެހެންވީމާ، ޔުނިވަރސިޓީއާއި އަޅުގަނޑާވެސް ވަރަށްގާތް ގުޅުމެއްވަނީ އުފެދިފައި. އަދި ޔުނިވަރސިޓީ އުފެދިގެން އައިއިރު، އަޅުގަނޑު އޭރުހުރި މަގާމުގެ ހައިސިއްޔަތުން ޔުނިވަރސިޓީގެ ވަރަށްގިނަ ކަންތައްތަކެއް ގާތުން ބަލަމުން ގެންދަންޖެހުނު. އެއީ، އޭރު ފައިސާ ދޫކުރަން ހުންނަ މީހެއްގެ ހައިސިއްޔަތުން ވަރަށްގިނަ ކަންތައްތަކެއް ޔުނިވަރސިޓީގެ ބަލަންޖެހޭތީ. އެހެންވީމާ، އަޅުގަނޑަކީ އަޅުގަނޑު ދަންނަވާނީ ޔުނިވަރސިޓީގެ ވަރަށްގާތް މީހެކޭ. މިހާރު ކޮންމެގޮތެއްވިޔަސް މިހާރުގެ މަގާމުން އެހާ ގާތް ގުޅުމެއް ބޭއްވެން ނެތް ކަމުގައިވިޔަސް ނުވަތަ އެކަހަލަ ފުރުޞަތެއް ނެތްކަމުގައިވިޔަސް ރައީސުލްޖުމްހޫރިއްޔާގެ ބެއްލެވުމުގެ ދަށުން ސޯޝަލް ކައުންސިލްގައި ޔުނިވަރސިޓީއާބެހޭ ވަރަށް ގިނަ ބައެއްކަހަލަ ކަންތައްތައް ދިރާސާކޮށް ބައެއްކަހަލަ ކަންތައްތައް ހުށަހެޅޭ. އަދި އެޖެންޑާ ކުރެވި ޢަމަލީގޮތުންވެސް ވާހަކަ ދެކެވެމުންދަނީވެސް. އެހެންވީމާ، އަޅުގަނޑު ހަމަ މިނޭވާގައި އަޅުގަނޑު އަދިވެސް އެއްފަހަރު ޔުނިވަރސިޓީއަށް އަޅުގަނޑަށް މި ފުރުޞަތު ދެއްވިކަމަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
އަޅުގަނޑު ހިތަށްއަރާ، އަޅުގަނޑަށްވެސް އަދިވެސް ފުރުޞަތެއް ލިބިދާނެބާއޭ ޔުނިވަރސިޓީގައި ކިޔަވައިދޭން. އެބޭފުޅުން ގޮވާލައްވައިފި ކަމަށްވަންޏާ ނުވަތަ އެދިވަޑައިގެންފިއްޔާ އެ ފުރުޞަތު އަބަދުވެސް އޮންނާނެ ވާހަކަ ދަންނަވާލަން. އެހެންނަމަވެސް، ދާއިމީ ކްލާސްތަކުގައި ކިޔަވައިދިނުމަކީ އަޅުގަނޑަށް ކުރެވޭނެކަމެއް ނޫން. ޚާއްޞަ މެހްމާނެއްގެ ހައިސިއްޔަތުން ފަހަރެއްގައި އަޅުގަނޑު ހަމަ ޔުނިވަރސިޓީގައި ކިޔަވައިދޭން ދިޔުމަކީ އަޅުގަނޑަށް ހަމަ ކުރެވިދާނެ ކަމެއް. އެހެންވީމާ، އެކަމަށް އަޅުގަނޑު ތައްޔާރަށް ހުރި ވާހަކަ ޔުނިވަރސިޓީގައި ދަންނަވަން.
ދެވަނަ ކަމަކަށް އަޅުގަނޑު ދަންނަވާނީ 670 ދަސްވެނިން މި ބަހަކީ ތަންކޮޅެއް ކިޔާލަން އުނދަގޫ ބަހެއް އަޅުގަނޑަށްވެސް. އަޅުގަނޑުމެން ކިޔަނީ ގްރެޖްއޭޓުން. އެހެންނަމަވެސް، ދަސްވެނިން 670 ދަސްވެނިން ދެންމެ އަޅުގަނޑު ކުރިމަތީގައި ސަނަދު ހިފައިގެން ނުވަތަ ސަނަދު ހިއްޕަވައިގެން ވަޑައިގެންނެވިއިރު، އެބޭފުޅުންގެ މޫނުމަތިން އެ ފެންނަ އުޖާލާ މަންޒަރު އަޅުގަނޑަށް އިހުސާސް ކުރެވުނު. އޭގެ މާނައަކީ މި ޚާއްޞަ ސެޓްފިކެޓް ހާސިލުކުރި ކުދިންނަކީ ވަރަށްގިނަ ދުވަހު ވަރަށްބުރަ މަސައްކަތުން، ވަރަށްގިނަ ދާ އޮހޮރުވައިގެން، ވަރަށްގިނަ މަސައްކަތްކޮށްގެން، ބައެއްފަހަރު ރޭގަނޑު ހޭލައި ތިބެގެން މަސައްކަތްކޮށްގެން ހާސިލުކުރި ކުދިންނޭ. އެ ދަސްވެނިމި އެ ފެންނަނީ އެކުދިންގެ މޫނުން، މޫނުމަތިން. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ ތިޔަ އުޖާލާކަން އަބަދުވެސް ތިޔަ ހުރިހާ ކުދިންގެ، ތިޔަ ހުރިހާ ދަރިވަރުންގެ މޫނުމަތިން ފެންނަންޖެހޭނެއޭ.
ހަމައެގޮތަށް، ދަސްވެނިމުމާ އެކީގައި ދެން އޮންނާނީ އަދިވެސް ކިޔަވަން ފުރުޞަތު ލިބިއްޖިއްޔާ ކިޔެވުން. އެހެންނޫނީ ކޮންމެވެސް ވަޒީފާއަކަށް ދިޔުން އޮންނާނީ. ބައެއްފަހަރަށް އަޅުގަނޑަށްވެސް އިވޭ އަޑަކީ، ބައެއް ކުދިން ކިޔަވައި ނިމުނީމަ، އެކުދިން ބޭނުންވާ މަގާމެއް ނުލިބޭކަމަށްވަންޏާ އެކުދިން ތިބޭނީ ވަޒީފާއަށް ނުގޮހޭ. މިއީ އަޅުގަނޑަށް ހީވަނީ ވަރަށް ދެރަކަމެއްހެން. ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅުތެރޭގައި ހިމެނޭ، މި ދައުރު ނިމޭއިރު 95000 ވަޒީފާ ހަމަޖައްސައިދެއްވުން. ރައީސުލްޖުމްހޫރިއްޔާގެ އިޤްތިޞާދީ ބިންގާ ފުޅާކުރުމުގެ މަސައްކަތް ރެޔާދުވާލު ކުރައްވާއިރު، ވަޒީފާތަކެއް އިތުރުވަމުން އެބަދޭ. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ ވަޒީފާ ހޯދުމަކީ ދަތިކަމަކަށް ނުވާނެއޭ. އެހެންނަމަވެސް ތިޔަބޭފުޅުން ބޭނުންވާކަހަލަ ވަޒީފާއެއް ހޯދުމަކީ ދަތިކަމަކަށްވެދާނެ. ދެކަމެއް މިއުޅެނީ. ވަޒީފާގެ ފުރުޞަތު ލިބިފައި، އެހެންނަމަވެސް ބޭނުންވާ ވަޒީފާއެއް ނުލިބުން.
އެހެންވީމާ، އަޅުގަނޑު ތިޔަބޭފުޅުންނަށް އިލްތިމާސް ކުރަނީ، އަޅުގަނޑަށް ގަބޫލުކުރެވޭގޮތުގައި ގިނަ ބޭފުޅުންނަކީ ވަޒީފާގައި އުޅުއްވާ ބޭފުޅުން. ދެންމެ އަޅުގަނޑަށް ތިޔަ ވިދާޅުވެދެއްވި. އެހެންނަމަވެސް، ވަޒީފާގައި ނޫޅުއްވާ ބޭފުޅުން މި ސަނަދާ އެކީގައި ވަޒީފާ ހޯއްދަވަން މަސައްކަތް ކުރައްވާއިރު އަބަދު ވިސްނަންޖެހެނީ އެންމެ ފަސޭހައިން ލިބެންއޮތް ވަޒީފާ. އެ ވަޒީފާގައި ހުރެގެން ކުރިއަށްދެވޭތޯ މަސައްކަތް ކުރާނީ. އަދި އެހެން ވަޒީފާއެއް ލިބޭތޯ މަސައްކަތް ކުރަނީ. އެހެންނޫނިއްޔާ، އޭނަ ހޭދަކުރަންޖެހޭނީ އެއްވެސް ވަޒީފާއެއްނެތި ގޭތެރޭގައި ނުވަތަ ކޮންމެވެސް ދިމާލަކު. އެހެން ހަދައިފި ކަމަށްވަންޏާ، އަޅުގަނޑު ދަންނަވާނީ ތިޔަބޭފުޅުން ކުރެއްވި މަސައްކަތްވެސް ފެނަށްދިޔައީ. އިސްރާފު ކުރެވުނީ. އަދި ތިޔަބޭފުޅުންގެ ތަޢުލީމު އުނގަންނައިދިނުމަށް ޔުނިވަރސިޓީން ކުރި މަސައްކަތްވެސް ފެނަށް ދިޔައީ. އެހެންވެގެން ނުވާނެ. ކޮންމެ ކުއްޖަކު ކިޔަވައި ނިމޭއިރު ވަރަށް ބައިވަރު މީހުންގެ އެހީތެރިކަން ލިބިފައި ހުންނާނީ. ވަރަށްގިނަ ފައިސާތަށް ޚަރަދު ކުރެވިފައި ހުންނާނެ. އަޅުގަނޑަށް އަޑުއިވޭ، އަޅުގަނޑު ގަބޫލުކުރާގޮތުގައި ޔުނިވަރސިޓީ މި ހިންގަނީ ސަރުކާރުން ވަރަށް ބޮޑެތި ސަބްސިޑީ ދީގެން. ތިޔަ ދަރިވަރުން ޔުނިވަރސިޓީއަށް ފީއެއްގެ ގޮތުގައި ދައްކާ އެއްޗަކީ ވަރަށް ނޮމިނަލް އެއްޗެއް. ވަރަށް ކުޑަކުޑަ އަދަދެއް. އެ ހުރިހާ ޚަރަދެއް ޔުނިވަރސިޓީގެ ކުދިން އަތުން އަތުލާކަމަށްވަންޏާ އަޅުގަނޑަށް ހީވަނީ ޔުނިވަރސިޓީ ކުދިންނަށް އެ ޚަރަދެއް ނުދެއްކޭނެހެން. އެއީ ވާނެ ކަމެއް ނޫން. އެހެންވީމާ، ވަރަށް ކުޑަކުޑަ ފީއެއް ނަގައިގެން މި ކިޔަވައިދެނީ. ވަރަށް ގިނަމީހުންގެ ވަގުތު ހޭދަކޮށްގެން. ތިޔަބޭފުޅުންގެ ވަގުތު ހޭދަކޮށްގެން. އެހެންވީމާ، ވީހާވެސް އަވަހަކަށް ވަޒީފާ ހޯދުމަކީ ވަރަށް މުހިންމު ކަމެއް. އެ ވާހަކަ އަޅުގަނޑު ދަންނަވާލަން މިއުޅެނީ. މިޒަމާނުގައި ވަޒީފާގެ ބާޒާރަކީ ވަރަށް ވާދަވެރި ވަޒީފާގެ ބާޒާރެއް. އެހެންވީމާ، އެންމެ ބޭނުންވާ، އެންމެ ބޭނުންވާ ވަޒީފާ ނުލިބިދާނެ. އެހެންނަމަވެސް، ސެކަންޑް ޗޮއިސްއަށް ބަލަމާހިނގާ. ދެވަނަ ޗޮއިސް، ތިންވަނަ ޗޮއިސް. އެގޮތަށް ވިސްނައިގެން އަޅުގަނޑަށް ހީވަނީ ތިޔަބޭފުޅުން މަސައްކަތް ކުރައްވާނެހެން.
ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ވަޒީފާއަށް ދިޔުމަށްފަހު ވަރަށް ގިނަ ފަހަރަށް ފެންނަކަމެއް ވަޒީފާއާ ހިތްހަމަނުޖެހިގެން ވަޒިފާއިން ވަކިވާތަން. ނުވަތަ ވަޒީފާއިން ވަކިކުރާތަންވެސް. މިއީވެސް ދިމާވާކަމެއް. އަޅުގަނޑުމެން ޔުނިވަރސިޓީއިން މި ކިޔަވައިދެނީ ޓޮލަރެންސް، އެހެންނޫންތޯ؟ ކިޔަވައިދިނުމުގެ ބޭނުމަކީ ޓޮލަރެންސް އިތުރުކުރުން. ވަޒީފާ އަދާކުރާއިރު ހިތްހަމަނުޖެހޭ ކަންތައްތައްވެސް ދިމާވާނެ. އެ ހިތްހަމަނުޖެހޭ ކޮންމެފަހަރަކު ވަޒީފާއިން ވަކިވާންވެއްޖެ ކަމަށްވަންޏާ ނުވަތަ ވަޒީފާ އަދާކުރާތަނުގައި ތިބޭ މީހުންނާ ދެބަސްވާން ވެއްޖެކަމަށްވަންޏާ ވަޒީފާގައި ދެމިހުރުން އެއީ ދަތިކަމަކަށްވާނެ.
އެހެންވީމާ، އަޅުގަނޑުމެން ޔުނިވަރސިޓީ ނިންމާ ކުދިން އެބަޖެހޭ ޓޮލަރެންސް ލެވެލް މަތިކުރަން. ޓޮލަރެންސް ލެވެލްގެ ދިރިއުޅުމެއް ދަސްކޮށްދޭން. އެއީ އަޅުގަނޑުމެން މިއަދު ޔުނިވަރސިޓީއިން ކުރާކަމަކީ. އެއްގޮތަކަށްވެސް ގަބޫލުނުކުރައްވާތި، ތިޔަބޭފުޅުން ޔުނިވަރސިޓީއިން ކިޔަވައިވިދާޅުވާ ހުރިހާ ކަންތައްތަކަކީ އެއީ އަކުރުން އަކުރަށް ތިޔަބޭފުޅުން ވަޒީފާގައި ބޭނުންކުރެވޭނެ ކަމަކަށް ނުވަތަ ދިރިއުޅުމުގައިވެސް ބޭނުންކުރެވޭނެ ކަމަކަށްވާނެ ކަމަށް. އެއީ ވާނެކަމެއްނޫން އަސްލު. އަދި ތިޔަބޭފުޅުން ޔުނިވަރސިޓީ ނިންމުމަށްފަހު ތިޔަބޭފުޅުން އެ ބޭނުންވާ އެކްސްޕެކްޓޭޝަނާ އެއްވަރަށްވެސް އަދި ކަންތައްތައް ވާނެކަމަށްވެސް ޤަބޫލުކުރައްވަންވާނެ ނުވާނެ. އުއްމީދު ކުރަންޖެހޭނެ. އުއްމީދު އޮތިއްޔާ ކާމިޔާބުވާނެ. އެހެންވީމާ، އަޅުގަނޑު ތިޔަބޭފުޅުންނަށް އިލްތިމާސް ކުރަން ބޭނުންވަނީ، ޓޮލޮރެންސް ލެވެލް ހުންނަންޖެހޭނެއޭ. އެއީ އަދި ވަޒީފާވީ ކަމުގައިވިޔަސް އަދި އެހެން ވަޒީފާގެ މާޙައުލުގައި ދިމާވާ ކަންތައްތަކުގައިވެސް ޓޮލޮރެންސް ހުންނަންޖެހޭނެ. އެހެންވީމާ، ޓޮލޮރެންސް ލެވެލް އެއީ ވަރަށް މުހިންމުކަމެއް.
ތިންވަނަކަމަކަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ސެޓްފިކެޓެއް އޮތުމަކުން އަދި ނުނިމޭ. ސެޓްފިކެޓާ އެކީގައި ތަރުބިއްޔަތު އެއީ ވަރަށް މުހިންމު އެއްޗެއް. އަޅުގަނޑުމެން ހުރިހާ އެންމެންވެސް ގަބޫލުކުރަންޖެހޭ، ބައެއްމީހުން ގަބޫލުކުރާ ގޮތުގައި ސެޓްފިކެޓް ނެތަސް މީހާގެ ތަރުބިއްޔަތު، މީހާގެ އަޚުލާޤު، މީހާގެ ސުލޫކު ހުރިއްޔާ އެމީހާއަކީ މާ ރަނގަޅު މީހެއް. އެމީހަކީ ހިތްތިރި މީހަކަށްވެފައި، އެމީހާގެ އަޚުލާޤު ރަނގަޅު ކަމަށްވަންޏާ ކޮންމެހެން ސެޓްފިކެޓެއް ބޭނުމެއްނުވޭ. ބައެއް މީހުން ދެކޭގޮތް އެއީވެސް. އެހެންވީމާ، އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަލާން ބޭނުންވަނީ، ސެޓްފިކެޓާ އެކީގައި އަޅުގަނޑުމެން ހުރިހާ އެންމެން ކިޔަވައިގެން ޔުނިވަރސިޓީއިން ނިކުންނަ ދަރިވަރުންގެ އަޚްލާޤާއި ސުލޫކަކީ ވަރަށް މުހިންމު ކަމެކޭ. ޓޮލޮރެންސްގެ އިތުރަށް އަޅުގަނޑު މި ދެންނެވި އަޚްލާޤު، ތަރުބިއްޔަތު މިއީވެސް ވަރަށް މުހިންމު ކަމެއް.
އަޅުގަނޑުމެންގެ ތެރެއިން މިހާރު ނެތެމުންދާ އާދަތައްވެސް އެބަހުރި. އެ ހުރިހާ ކަމަކީ އެއްފަހަރާ ރަނގަޅުކުރެވޭނެ ކަންތައްތަކެއްނޫން ކަންނޭނގެ. އަޅުގަނޑުމެން ކުޑައިރު މުސްކުޅިމީހެއްގެ ކުރިމަތިން ހުރަސްކުރުމަކީ އެއީ، އަޅުގަނޑުމެންނަށް އަންގާފައި އޮންނަނީ ރަނގަޅު ކަމެއް ނޫނޭ. މި ޒަމާނަކަށް އައިސް ތިމާއަށްވުރެ ނުވަތަ އުމުރުން ދުވަސްވެފައިހުރި މީހެއްގެ ކުރިމަތިން ހުރަސްކުރުމަކީ މާބޮޑުކަމެއް ނޫން. މިކަހަލަ އާދަތަކެއްވެސް އެބަހުރި. އެހެންވީމާ، އަޅުގަނޑުމެން ޔުނިވަރސިޓީއިން ކިޔަވައިގެން ނުކުންނަކުދިން އެބަޖެހޭ ނަމޫނާ ބަޔަކަށްވާން. ލީޑް ބައި އެގްޒާމްޕަލް. ނަމޫނާ ދައްކައިގެން މީހުންނަށް ކަންތައްތައް އޮޅުންފިލުވައިދޭ ބަޔަކަށްވާން އެބަޖެހޭ.
އެހެންވީމާ، ތިޔަ ހުރިހާ ކުދިންވެސް މީހުންނަށް އިޙްތިރާމު ކުރުމާއި، މީހުންނަށް އޯގާތެރިވުމާއި، މީހުންނަށް ކަމޭހިތުމަކީ، ދެން އަޅުގަނޑު ކޮންމެހެން ހުރިހާ ވާހަކައެއް ދަންނަވާކަށް ނެތިން. އެއީ ވަރަށް މުހިންމު ކަމެއް. މިހާރަކަށް އައިސް އަޅުގަނޑުމެންގެ ތެރޭގައި އަންނަ އޮއިވަރެއް އަސްލު ތިމާއަށްވުރެ ދޮށީ މީހުންނަށް އިޙްތިރާމު ނުކުރުމުގެ މައްސަލަ. ކަންތައް. ދެން ބައެއް މީހުން ބުނާނެ އަސްލު އެއީ މޮޑަން ސޮސައިޓީގެ އޮންނަކަމެއް ނޫނޭ ކޮންމެހެން އިޙްތިރާމު ކުރުމަކީ. އެކަމަކު އަޅުގަނޑުމެންނަކީ 100 ޕަސެންޓް މުސްލިމް ޤައުމެއް. އެހެންވީމާ، ވެސްޓަރން ސޮސައިޓީގައި އޮންނަގޮތާއި އަޅުގަނޑުމެން މުސްލިމް ސޮސައިޓީގައި އޮންނަގޮތާ ތަފާތުވާންޖެހޭނެ. އެހެންވީމާ، މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަކީ ވަރަށް މުހިންމު ކަމެއް.
އަޅުގަނޑުމެންގެ އިސް ރަށްވެހިންގެ ގޮތުގައި ވަރަށް ގިނަ ރަށްވެހިން އެބަތިބި. އަދި ޢުމުރުން ދުވަސްވީ ވަރަށްގިނަ މީހުންވެސް އެބަތިބި. ބައެއް ފަހަރަށް އަޅުގަނޑުމެންނަށް ފެންނަ މަންޒަރުތަކަކީ، ޢުމުރުން ދުވަސްވާ މީހުންނަށް އަޅައިނުލެވި ގޭތެރޭގައި އޮންނަ މަންޒަރު. އެހެންނޫނިއްޔާ ވަކި ހިސާބަކުން ދައުލަތާ ހަވާލުކުރާ މަންޒަރު. އެއީވެސް އަޅުގަނޑުމެންނަށް ފެންނަ މަންޒަރެއް. އެހެންވީމާ، އަޅުގަނޑު ތިޔަބޭފުޅުންނަށް އިލްތިމާސްކުރަން ބޭނުންވަނީ، އަޅުގަނޑުމެން ހުރިހާ އެންމެންވެސް އުމުރުން ދުވަސްވީ މީހުންނަށް އަޅައިލަމާ ހިނގާށޭ. އެމީހުންނަށް ކަމޭހިތަމާ ހިނގާށޭ. އެމީހުންނަށް އޯގާތެރިވަމާ ހިނގާށޭ. އެމީހުންނަކީ ދައުލަތުން ބަލަންޖެހޭ ބައެއްގެ ގޮތުގައި ނަހަދަމާ ހިނގާށޭ. އެމީހުން ބަލާނީ އަޅުގަނޑުމެން އަމިއްލައަށޭ. މިހެން ދެންނެވި ކަމުގައިވިޔަސް، ތިޔަބޭފުޅުންނަކީ ވަރަށް ޒުވާން ބޭފުޅުން. އެހެންނަމަވެސް ތިޔަބޭފުޅުންގެ މަންމަޔާއި ބައްޕަޔާއި ހަމަ މިހާރުވެސް ތިޔަބޭފުޅުންނާ އެކީގައި ތިއްބަވާނެ. އެބޭފުޅުންނަކީ ޢުމުރުން އަދި މާގިނަދުވަސް ނުވެތިބި ބަޔަކަށްވެސް ވެދާނެ. އަދި ދުވަސްވެފައިތިބި ބަޔަކަށްވެސް ވެދާނެ. މިއީ ވަރަށް މުހިންމު ކަމެއް އަސްލު. އެހެންވީމާ، ޔުނިވަރސިޓީއިން އަންނަ ކުދިންވާން އެބަޖެހޭ ރޯލްމޮޑެލުންނަށް. މީހުންނަށް ކަމޭހިތުންވެސް. އަދި މީހުންނަށް އޯގާތެރިވުންވެސް. މިވާހަކަ އަޅުގަނޑު ދަންނަވާލަން ބޭނުން.
ހަމަ އެގޮތަށް، ތުއްތު ކުދިންނާ އަޅައިނުލެވި ބައެއްފަހަރު ދައުލަތާ ހަވާލުކުރާތަން އަޅުގަނޑުމެންނަށް ފެނޭ. ތިޔަބޭފުޅުން އެހެން ހައްދަވާނެއެކޭނޫން މި ދަންނަވަނީ. އެހެންނަމަވެސް އެއީކީވެސް އަޅުގަނޑުމެން މުޖްތަމަޢުން ފެންނަންޖެހޭނޭ ކަމެއްނޫން. ބައެއްފަހަރު މަންމަ ނުވަތަ ބައްޕަ މަރުވެއްޖިއްޔާ ނުވަތަ ޔަތީމު ހާލު ޖެހިއްޖިއްޔާ ފަހަރެއްގައި ހަމަ ދައުލަތާ ހަވާލުކުރުމަކީ ކުރެވިދާނެ ކަމެއް. އެހެންނަމަވެސް އަޅުގަނޑުމެންނަށް އެބަފެނޭ، ބައެއް ވަޒީފާގައި ތިބި މަންމައިން ނުވަތަ ބައްޕައިން، ދަރިން ދައުލަތަށް ހަވާލުކުރާތަން. މިއީކީވެސް ރަނގަޅުގޮތެއް ނޫން. އަޅުގަނޑުވެސް ވަރަށް ގާތުން ފިޔަވަތީގެ ކަންތައް ބަލަމުންދާ މީހަކަށްވާތީ، އެތާތިބޭ ތުއްތުކުދިން އަޅުގަނޑުމެންނަށް ފެނޭ ވަރަށްގާތުން. ބައެއް ބެލެނިވެރިން ތިބެނީ ކޮންމެވެސް އެހެން ވަޒީފާއެއްގައި. އެ ވެދާނެ ސަރުކާރުގެ ވަޒީފާއެއްގައި ނުވަތަ އަމިއްލަ ވަޒީފާއަކަށްވެސް. މިއިކީ ވެގެންވާނެ ކަމެއްނޫން. އެހެންވީމާ، އެ ތުއްތު ކުދިން ބަލަންޖެހޭނީ އަޅުގަނޑުމެން އަމިއްލައަށް. ދައުލަތަކުންނޫން ބަލަންޖެހޭނީކީއެއް. ވަކި ޚާއްޞަ ޙާލަތެއްގައި ދައުލަތާ ހަވާލުކުރަންޖެހުނު ކަމުގައިވިޔަސް ހަމަ ރަނގަޅަށް މައިންބަފައިން ތިބި ދަރިން ކަމުގައިވަންޏާ އެދަރިން އަސްލު ބަލަންޖެހޭނީ މައިންބަފައިން. މިވާހަކަވެސް އަޅުގަނޑު ތިޔަބޭފުޅުންނަށް ޙިއްޞާކޮށްލަން ބޭނުންވަނީ މިކަހަލަ ކަންތައްތައް އަޅުގަނޑުމެންގެ މުޖުތަމަޢުން ފެންނާތީ.
ދެން އަޅުގަނޑަށް ކުރީ ދުވަހު އިވުނު އަޑަކީ ރާއްޖެއަކީ ވަރަށް ވަރިގިނަ ރާއްޖެއެކޭ. އަޅުގަނޑު މިދެންނެވީ ގާތްގަނޑަކަށް 2016 ވަނަ އަހަރު 3700 ވަރި ކޮށްފައި އެބައޮތް. އަދި 2012 ވަނަ އަހަރު ގިނިސް ބުކް އޮފް ވާރލްޑް ރެކޯޑުގައި ރާއްޖެއަކީ ދުނިޔޭގެ އެންމެ ވަރިގިނަ ޤައުމުގެ ގޮތުގައިވެސް އެބައޮތް. މިއީ ވަރަށް ބޮޑު މައްސަލައެއް. އަޅުގަނޑުމެން ދެމީހަކު ލޯބިވެގެން މި އިންނަނީ. ވަކި ހިސާބަކުން ދެމަފިރިން ވަކިވަނީ. ދެމީހުންގެ އޮންނަ ޓްރަސްޓް ގެއްލެނީ. އެކަކު އަނެކަކަށް ޓްރަސްޓް ނުކުރެވެނީ. އެހާހިސާބުން ވަކިވަނީ. އަޅުގަނޑަށް އެނގިފައި އޮތްގޮތުގައި ބައެއް ޤައުމުތަކުގައި ޤާނޫނުތަކުގައިވެސް ލިޔެފައިހުރޭ ވަރި ނުކުރެވޭނެކަމަށް. ރާއްޖޭގައި ވަރަށް ފަސޭހައިން ވަރިކުރެވޭގޮތަށް މިއޮންނަނީ. ދެން މިހާރު ކޮންމެވެސްކަހަލަ ފައިސާއެއް ދައްކަވަންޖެހޭ. އެހެންނަމަވެސް، އަޅުގަނޑު ތިޔަބޭފުޅުންނަށް މިވާހަކަ ދަންނަވަންޖެހެނީ، ތިޔަބޭފުޅުންނަކީ މިހާރު ދިރިއުޅުމެއް ފަށްޓަވާފައި ތިބި ބޭފުޅުންނާއި، ދިރިއުޅުމެއް ފަށްޓަވަން ޚިޔާލު ކުރައްވާ ބޭފުޅުން ކަމަށްވާތީ. މިކަމާ ދޭތެރޭގައި ތިޔަބޭފުޅުންވެސް ވިސްނަވަން އެބަޖެހޭ. އަޅުގަނޑުމެންގެ ތެރޭގައި ވަރި މި ގިނަވަނީ ކީއްވެގެންތޯ. އެހެންވީމާ، ވަރި މަދުކުރެވޭނެ ގޮތަކީ ކޮބައިތޯ ތިޔަބޭފުޅުންވެސް އެބަޖެހޭ ވިސްނަވަން. އަޅުގަނޑަށް ހީވަނީ މިކަމާ ތަންކޮޅެއް ބޮޑަށް ސަމާސަގޮތަށްކަންނޭނގެ ބައެއް ބޭފުޅުން ބައްލަވަނީވެސް. އެހެންނަމަވެސް، މިއީ، ވަރަށް ސީރިއަސް އިޝޫއެއް. ވަރަށް ސީރިއަސް އިޝޫއެއް. ރާއްޖޭގައި ވަރި ގިނަވަމުންދާ ސަބަބު އަޅުގަނޑުމެން ތިޔަބޭފުޅުންގެ ޔަނިވަރސިޓީއިން ދިރާސާކުރައްވާ ޓޮޕިކްގެ ތެރޭގައި ހިމަނަން އަޅުގަނޑަށް ފެނޭ. އަދި އެއަށް ޙައްލެއް ފެނޭތޯ މަސައްކަތް ކުރުމަކީ އަޅުގަނޑުމެންނަށް ހަމަ ވަރަށްބޮޑު ލުޔެއް ލިބޭނެކަމެއް. އެހެންވީމާ، ޒުވާން އަންހެން ބޭފުޅުން، ޒުވާން ފިރިހެން ބޭފުޅުން މިކަމާ ދޭތެރޭގައި ވިސްނާވަޑައިގަތުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކޭތީ އަޅުގަނޑު ހިތަށްއެރީ މިވާހަކަވެސް ދަންނަވާލާނަމޭ.
ދެން ކުޑަކޮށް ނަމޫނާ ނަގަމާ ހިނގާ. ޗައިނާގައި އޮންނަނީ ވަން ޗައިލްޑް ޕޮލިސީ. އެހެންނޫންތޯ؟ ވަން ޗައިލްޑް ޕޮލިސީ. ކޮންމެ ދެމަފިރިއަކަށް ލިބޭނީ އެންމެ ކުއްޖެއް. ހޯދަންޖެހެނީ އެންމެ ކުއްޖެކޭ. ދެން ބައެއް މީހުން ގަބޫލުކުރާގޮތުގައި އެއީ އިންސާނިއްޔަތާ ޚިލާފުކަމެއް. އެހެންނަމަވެސް، ވަން ޗައިލްޑް ޕޮލިސީ ބޭނުންކޮށްގެން މިހާތަނަށް ޗައިނާ ކުރިއަރާފައި އެއޮތީ. ކޮބައިތޯ އޭގެ ސިއްރަކީ އަސްލު؟ ކޮބައިތޯ އޭގެ ސިއްރަކީ؟ އަދި ތިޔަބޭފުޅުން އެއްވެސްކަހަލަ ދިރާސާއެއް ހައްދަވާފައި އެބައޮތްތޯ؟ ކީއްވެގެންތޯ ޗައިނާ ވަން ޗައިލްޑް ޕޮލިސީގެ ސަބަބުން ޗައިނާ ކުރިއަރައިގެން ގޮސްފައި އޮތީ؟ އާދެ، ބެލިބެލުމުން މި ވާގޮތަކީ، ދެމަފިރިންނަށް ލިބޭ ހުރިހާ ވަގުތެއް މި ހޭދަކުރަނީ އެކުއްޖާއާއެކީ. ދެމީހުންނަށް ލިބޭ ހުރިހާ އާމްދަނީއެއް މި ހޭދަކުރަނީ އެކުއްޖާއަށް. އެހެންވީމާ، އެކުއްޖާ ބޮޑުވެގެން އަންނަނީ ވަރަށް ލޯތްބާއި އަޅާލުމާ އެކީގައި. އެކުއްޖާއަށް ބޭނުންވާ ހުރިހާ ފަސޭހަތައް ލިބިގެން އެކުއްޖާ ބޮޑުވަނީ.
އެހެންވީމާ، މިކުއްޖާއަކީ މުޖުތަމަޢަށް ފައިދާހުރި، ވަރަށް އުފެއްދުންތެރި ކުއްޖަކަށް އެވަނީ ބޮޑުވެގެން އައިސް. މިއީ މީގެ ސިއްރަކީވެސް. ދެން މިހާރު ޗައިނާގެ އެ އުސޫލު ދޫކޮށްލާފައި މިހާރު ދެކުދިންވެސް ހޯދުން ހުއްދަކޮށްފައި އޮތީ. އެހެންނަމަވެސް، އެ ވަން ޗައިލްޑް ޕޮލިސީގެ ސަބަބުން ޗައިނާގެ ކުރިއެރުމަށް ވަރަށް ބޮޑެތި އެދެވޭ އަސަރުތައް ކޮށްފި. ދެން ޗައިނާއަކީ އާބާދީގެ ގޮތުން ވަރަށްބޮޑު ޤައުމަކަށްވާތީ، އެކަން ކުރަން މަޖުބޫރުވީ ކަމަށްވެސް ވެދާނެކަންނޭނގެ. އެހެންނަމަވެސް، އަޅުގަނޑުދޭ މެސެޖަކީ، ދަންނަވަން މިއުޅޭ ވާހަކައަކީ، ދަރިންނަށް އަޅައިލައިގެން، ދަރިންނަށް ވަގުތު ހޭދަކޮށްގެން ބޮޑުކުރާ ދަރިން އެކުދިންނަކީ އުފެއްދުންތެރިކަން ރަނގަޅު ދަރިންނަށްވާކަމަށް ދިރާސާތަކުން ދައްކާކަން. އެއާ ޚިލާފަށް ދަރިންނަށް އަޅައިނުލެވި، އެކުދިންނަށް ބޭނުންވާ ކަންތައްތައް ފޯރުނުކޮށްދެވޭ ކަމަށްވަންޏާ އެކުދިންވާނީ މުޖުތަމަޢު އެންމެބޭނުންވާ ކުދިންނަކަށްނޫން. އެހެންވީމާ، އަޅުގަނޑު މިވާހަކަ ދެންނެވުމުގެ ބޭނުމަކީ، އަޅުގަނޑުމެން ހުރިހާ އެންމެންވެސް އެބަޖެހޭ އަޅުގަނޑުމެންގެ ދަރިންނަށް އަޅައިލާ ބަޔަކަށްވާން. އަދި އަޅުގަނޑުމެންނަކީ، އަޅުގަނޑުމެން ބޭނުންވާ ނުވަތަ ދަރިން ބޭނުންވާ ކަންތައްތައް ހާސިލުކުރެވޭގޮތަށް ނުވަތަ އަޅުގަނޑުމެންގެ ދިރިއުޅުން ބައްޓަންކުރެވޭ ބަޔަކަށްވާން އެބަޖެހޭ.
މި ވަގުތަކީ މާގިނަ ވާހަކަ ދެއްކުމުގެ ފުރުޞަތު އޮތް ވަގުތެއް ނޫންކަންނޭނގެ. އެހެންވީމާ ކުރުކޮށްލާނަން. ކުރުކޮށްލުމުގެ ކުރިން، އަޅުގަނޑު ވަރަށް އުފަލާއެކީ ފާހަގަކޮށްލަން ބޭނުން، ދައުލަތަށް ވަރަށްގިނަ ޚިދުމަތްތަކެއް ކޮށްދެއްވި، އޭގެ ތެރެއިން އެއް ޚިދުމަތަކީ މިހާރު ސަރުކާރުން ބޭނުންވެގެން 3000 މުދައްރިސުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް މިހާރުވަނީ ފަށްޓަވާފައި އެހެންނޫންތޯ 2016 ވަނަ އަހަރު؟ ހަމައެގޮތަށް، 3000 ނަރުހުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއްވެސް މިހާރުވަނީ ފަށްޓަވާފައި. އަޅުގަނޑު ގަބޫލުކުރާގޮތުގައި، ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި ނުވަތަ އެއަށްވުރެ ކުރު، އެއަށްވުރެ ތަންކޮޅެއް ދިގު މުއަދަތެއްގެ ތެރޭގައި މިހުރިހާ އެންމެން ތަމްރީނުވެ ނިމިގެންދާނެ.
މީގެ ނަތީޖާއަކަށްވާނީ ކޮބައިތޯ؟ ބޭރު މީހުންނަށް ބަރޯސާވުމުގެ ބަދަލުގައި އަޅުގަނޑުމެން ދިވެހި ރައްޔިތުން އަޅުގަނޑުމެންގެ ވަޒީފާގައި ތިބުން، ވަޒީފާއަށް ލިބުމުގެ ފުރުޞަތު ބޮޑުވެގެން ދިއުން. އެހެންވީމާ، އަޅުގަނޑު ދަންނަވާނީ މިއީ، އަޅުގަނޑުމެންގެ ރައީސްގެ ޕޮލިސީ ތަންފީޒު ކުރުމުގައި ލިބުނު ވަރަށްބޮޑު ކުރިއެރުމެކޭ. އެހެންވީމާ، މިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ޔުނިވަރސިޓީގެ ޗާންސެލަރއަށާއި، ޔުނިވަރސިޓީގެ މެނޭޖްމަންޓަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. އާދެ، މިހާހިސާބުން އަޅުގަނޑަށް ހީވަނީ އަޅުގަނޑު ކުރުކޮށްލާނީހެން.
އަޅުގަނޑު އެދެނީ ތިޔަ ހުރިހާ ބޭފުޅުންނަކީވެސް މިއަދު ލިބުނު ސަނަދުގެ ބޭނުން، ވީހާވެސް ފުރިހަމައަށް ހިއްޕަވައި، ރާއްޖޭގައި މިހާރު ދިމާވެފައި ހުރި މައްސަލަތަކަށް އަބަދުވެސް ޙައްލުހޯދުމަށް ފެންބޮވައިގެންފައި ތިބި ބައެއްގެ ގޮތުގައި މަސައްކަތް ކުރަން ތިބި ބަޔަކަށްވުން. އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ޔުނިވަރސިޓީ ތަޢުލީމު ފުޅާކުރެއްވުމަށްޓަކައި ކުރައްވާ މަސައްކަތުގައި ބަރަކާތް ލެއްވުން. އަދި ޔުނިވަރސިޓީއަށް އަދަށްވުރެ ފެހި މުސްތަޤްބަލެއް ދެއްކެވުން.
والسّلام عليــكم ورحـمــة اللّـه وبـركاتـه.