ރަސްރަނި ބަގީޗާ ބިނާކުރުމުގައި އިސްކޮށްއުޅުއްވި ސިފައިންގެ ބޭކަލުންނާއި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައްދަލުކުރައްވާ ޝުކުރު ދަންނަވައިފިއެވެ.

މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސިފައިންގެ ސިވެކް ކުންފުނީގެ ފަރާތުން ރަސްރަނި ބަގީޗާ، ކުރު މުއްދަތެއްގެ ތެރޭގައި ވަރަށް ފުރިހަމަޔަށް ތައްޔާރުކޮށްދެވާފައިވާކަން ފާހަގަކުރައްވާ އެކަމަށްޓަކައި ޝުކުރު ދެއްނެވިއެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި، ސިފައިންގެ ރަސްމީ މަސައްކަތުގެ ބޭރުން ޤައުމު ބިނާކުރުމުގެ މިފަދަ މަޝްރޫޢުތަކުގައި ސިފައިން މަސްޢޫލުވެ އުޅުމަކީ ދިވެހި ކޮންމެ ރައްޔިތަކުމެ ހިތުގެ އެންމެ ފުންމިނުން ބަލައިގަންނާނެކަމެކެވެ.

މާލޭ ސަލްޓަންޕާކު ސަރަޙައްދުގައި "އެޑިއުޓެއިންމަންޓް އެންޑް ހެރިޓޭޖް" ކޮންސެޕްޓަށް ތަރައްޤީކުރެވިފައިވާ ރަސްރަނި ބަގީޗާ ހުޅުއްވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާޠިމަތު އިބްރާހީމެވެ. މިމަހުގެ 21 ވަނަ ދުވަހުގެރޭ ރަސްމީކޮށް ހުޅުއްވައިދެއްވި ރަސްރަނި ބަގީޗާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި މި ބަގީޗާއަކީ ހުރިހާ ދިވެހިންގެ ތަނެއްކަމަށާއި، މިފަދަ ބަގީޗާއެއް ހެދުމުގެ ބޭނުމަކީ، ކުޑަކުދިންނަށް ފަންނީ މަސައްކަތްކުރެވޭ، ތަޢުލީމީ ތަޖުރިބާ ލިބޭފަދަ ތަނެއް ޤާއިމުކުރުން ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރަސްރަނި ބަގީޗާއަކީ ތަފާތު އެކި ބައިތަކާއި ވަޞީލަތްތަށް ހިމަނައިގެން ތަރައްޤީކުރެވުނު ބަގީޗާއެކެވެ. މި ބަގީޗާގައި ކުޑަކުދިންނަށް ޚާއްޞަ ޙަރަކާތްތަކާއި ކުޅިވަރުތައް ކުޅެވޭނެފަދަ އިންތިޒާމުތައް ހަމަޖެހިފައިވުމުގެ އިތުރުން، މި ބަގީޗާއަކީ އެކި ޢުމުރުފުރާތަކަށް ވެސް ހިތްހަމަޖެހޭ އުފާވެރި މާޙައުލެއްގައި ވަގުތު ހޭދަކުރެވޭނެގޮތަށް ތައްޔާރުކުރެވިފައިވާ ހިތްފަސޭހަ މައިދާނެކެވެ.