މަތީ ތަޢުލީމު ހާސިލުކޮށްގެން ދަސްވެނިވާ ދަރިވަރުންގެ ކިބައިގާ ރިވެތި އަޚުލާޤާ ސުލޫކު ހުރުމަކީ މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެކިއެކި ކޯސްތައް ނިންމައި ދަސްވެނިވާ ދަރިވަރުންނަށް ސަނަދު ދިނުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ތަޢުލީމު ހާސިލްކޮށް ނިމުމަށްފަހު ވަޒީފާގެ މައިދާނަށް ނުކުމެ، އަމިއްލަ ފުދުންތެރިކަމަށްޓަކައި، ވަޒީފާ އަދާ ކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވާ، މި ދައުރު ނިމުމުގެ ކުރިން 95،000 ވަޒީފާ އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާ އަހަންމިއްޔަތުކަން ދެއްވާ މިންވަރު އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ޤައުމީ ބޭނުންތަކަށް މީހުން ބިނާކުރުމުގައި ދައުލަތުގެ އެކި އިދާރާތަކާ ޤައުމީ ޔުނިވަރސިޓީން ގުޅިގެން މަސައްކަތްކުރުން މުހިންމުކަމުގައި އިޝާރާތްކުރައްވަމުން، މިހާރު ކުރިއަށްދާ މިފަދަ ބައެއް ޕްރޮގްރާމްތަކަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން، އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި ޕްރޮގްރާމްތަކުގެ ތެރޭގައި 3000 ޓީޗަރުން ތަމްރީން ކުރުމަށް ހިންގާ ޕްރޮގްރާމާއި 3000 ނަރުހުން ތަމްރީން ކުރުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމް ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލެއްވުމުގެ ކުރިން، މިރޭ އެކި ކޯސްތަކުން ދަސްވެނިވުނު ދަސްވެނިންނާ ހަވާލުވެފައިވާ މުހިންމު ޤައުމީ ޒިންމާ އަދާ ކުރުމުގައި ދެމި ތިއްބަވާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ދަސްވެނިންނަށް ދަސްވި އެއްޗެއްގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން، ޤައުމީ މުހިންމު މައްސަލަތަކަށް އުފެއްދުންތެރި ހައްލު ހޯދައިދިނުމަށް މަސައްކަތްކުރުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.