بســم اللّـه الرّحمـن الرّحيــم


ނިޢުމަތްތަކުގެ ވެރި اللّـه سبحانه وتعالى އަށް حمد ކޮށް ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ محمّد رسول اللّــه صلى اللّــه عليه وسلّم އަށް صلوات އާއި سلام ލެއްވުން އެދި دعاء ކުރަނީ، އެކަލޭގެފާނުގެ އާލުންނާއި މިތުރު ޞަޙާބީން ޝާމިލުކުރަމުން.

އާދެ، ދިވެހިރާއްޖޭގެ އެންމެހައި ލޮބުވެތި ކުޑަކުދިން، ކުޑަކުދިންގެ މަންމައިން، ބައްޕައިން، ޢާއިލާގެ އެހެން މެންބަރުން، އަޅުގަނޑާއެކީ ކުޑަކުދިންނަށްޓަކައި މި ރަސްރަނި ބަގީޗާ ހުޅުވައިދިނުމުގެ މި ފަޚްރުވެރި ރޭ ބައިވެރިވެވަޑައިގެންދެއްވާ އެންމެހައި ދިވެހި ދައުލަތުގެ ޢިއްޒަތްތެރިން؛


السّلام عليــكم ورحـمــة اللّـه وبـركاتـه.


އަޅުގަނޑު ވާހަކަ ދިގެއް ނުކުރާނަން. އަޅުގަނޑު ހަމައެކަނި ދަންނަވާލަން ބޭނުންވަނީ، މިއީ އަޅުގަނޑުމެންގެ ސަރުކާރުގެ ފަރާތުން ދިވެހި ހުރިހާ ކުޑަކުދިންނަށް، ކުޑަކުދިން އުފާކުރާނެ ތަނެއް ހޯދައިދިނުމަށްޓަކައި އަޅުގަނޑުމެން ކުޑަކުދިންނަށް ކުރި ހަދިޔާއެކޭ.


އަޅުގަނޑުމެން މި ހަދިޔާ ކުރަން ބޭނުންވީ، މިދިޔަ އަހަރުގެ އަޟްޙާ ޢީދާ ދިމާކޮށް. އެހެންނަމަވެސް، މިތާ ކުރަންހުރި މަސައްކަތްތަކާއި، އަދި އާދައިގެ ޕާކަކަށްވުރެ ބޮޑަށް، ދެންމެ މިނިސްޓަރ މުޢިއްޒުގެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތަށް، ކުޑަކުދިންނަށް ފަންނީ މަސައްކަތް ކުރެވޭ، ތަޢުލީމު އުނގެނޭ އަދި ދިވެހި ތާރީޚުގެ ތެރެއަށް ކޮންމެވެސްވަރަކަށް ދަތުރުކުރެވޭ، މިކަހަލަ އެތައް ކަމެއް. އަދި ދުނިޔޭގައި އެކުދިންނަށް މިހާތަނަށް އިޙްސާސް ނުކުރެވޭ، މިސާލަކަށް، ފިނި މޫސުމުގައި މި ދިމާވާ ކަންކަމާއި، ފިނި މޫސުމަކީ ކޯއްޗެއްތޯ. މިކަހަލަ ތީމްތަކަކާއެކީ، އަދި އިންޓްރެކްޓިވް އެޑިޔުކޭޝަނަލް ފިލާވަޅުތަކެއް ލިބޭކަހަލަގޮތަކަށް އަޅުގަނޑުމެން މިތަން ޑިޒައިންކޮށް، ތީމް ޕާކެއްގޮތަށް މިއޮތީ ހަދާފައި.


އަޅުގަނޑު ހަމަ ދަންނަވާލަން ބޭނުންވަނީ، މިތަނަކީ ދެންމެ ޑޮކްޓަރ މުޢިއްޒުގެ ވާހަކަފުޅުގައި އެ ވިދާޅުވިގޮތަށް، އަޅުގަނޑުމެން ދިވެހިރާއްޖޭގެ އެންމެ މުޤައްދަސް އެއްބިން. އެންމެ ވަރުގަދަ ބިނާތަކާއި، ހުރިހާ ދިވެހި ރައްޔިތުން، އެބައެއްގެ މައްޗަށް ޢަމަލުކުރާނެ އުޞޫލުތަކާއި، އަމުރު މަޢުރޫފް ހިންގަވަމުން ގެންދެވި އަށްސަތޭކަވަރަކަށް އަހަރަށްވުރެ ދިގު ތާރީޚުގައި ރަސްކަލުން، ރަނިކަނބަލުން ވެރިކަން ކުރައްވަން އުޅުއްވި މި ސަރަޙައްދަކީ މި ސަލްޓަން ޕާކް. ވީރާނާވެ، މުޙައްމަދު ފަރީދުގެ ވެރިކަމަށްފަހު ރަސްކަން ނިމުނީ. ދިވެހިރާއްޖޭގެ ރަސްކަން ނިމުނީ. މިތާތިބި ކުދިންނަކަށް އެއްގޮތަކަށްވެސް ޕްރެޒިޑެންޓުން ނޫން ބަޔަކު ނޭނގޭނެ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ތެރޭގައި ހަމަ ހުރިހާ ކުދިންވެސް ގަބޫލުކުރަންވާނެ، އިނގިރޭސިވިލާތުގައި ކްއީން އެލިޒަބަތު ހުންނަވާ ގޮތަށް ދިވެހިރާއްޖޭގައިވެސް ކިންގުން ތިއްބެވި. ކްއީނުން ތިއްބެވި. ކިންގުންވެސް ތިއްބެވި. ކްއީނުންވެސް ތިއްބެވި.


އެހެންވީމާ، އެ ރަސްކަން ނިމިގެން ގޮސްފައި، މިތަނަކީ އަޅައިނުލެވި އޮތް ތަނެއް. އެހެންނަމަވެސް، މިތަނަށް ދިރުން އަންނާނީ، ދިވެހި ތުއްތު ކުދިންނާއި، ދިވެހި ޒުވާނުންގެ ދިރުމުގެ ތެރެއިން މުޅި ދިވެހިރާއްޖެއަށް އަންނަ ދިރުމެއް. އެހެންވީމާ، އަޅުގަނޑުމެން ގަސްދުކުރީ މިތަން ޚާއްޞަކުރަން. ދިވެހި ކުޑަކުދިންނަށް އުފާތަކެއް ހާސިލުކޮށްދޭނޭ ތަނަކަށް ހަދައިދޭން.


އެހެންވީމާ، އަޅުގަނޑު ދިގު ވާހަކައެއް ހަމަ ނުވެސް ދައްކާނަން. އަޅުގަނޑު މި ފުރްޞަތު މި ބޭނުންކޮށްލީ ދެ ވާހަކައެއް ހަމައެކަނި ދަންނަވާލަން. އެއް ވާހަކައަކީ މިއީ، ދިވެހި ސަރުކާރުގެ ފަރާތުން ކުޑަކުދިންގެ ހިތްހަމަޖެހުމަށް، އަދި ކުޑަކުދިން ތަރުބިއްޔަތުވަމުން ބޮޑެތިވަމުން އަންނައިރު، ދުޅަހެޔޮ ޞިއްޙަތަކަށް ވަރަށްގިނަ ފުރްޞަތުތަކެއް ހޯދައިދޭނެ ތަނަކަށް މިތަން ވެގެންދާނެ. އަދި މިތަނަކީ ގަޑިންގަޑިއަށް ނަމާދަށް ދެވޭގޮތަށް ތަރުތީބު ކުރެވިފައި ހުރި ތަނަކަށްވާތީއާއެކީ، މި ދެންނެވި ތަމްރީނާއި ތަރުތީބުވެސް ކުދިންނަށް ލިބެމުންދާ ތަނަކަށް ވެގެންދާނެ.


ދެވަނަ ވާހަކައަކަށް ހަމަ ދަންނަވާލަން ބޭނުންވަނީ، މިތަން މި ދެންނެވި ފެންވަރަށް ގެނައުމަށްޓަކައި ވަރަށްގިނަ ފަރާތްތަކުން މަސައްކަތް ކޮށްދެއްވާފައި މިވަނީ. މި ޚިޔާލާއި މިކަންކަން އުފެދިގެން އައިގޮތް، ޑޮކްޓަރ މުޢިއްޒުގެ ވާހަކަފުޅުގައި އެ ވިދާޅުވީ. އަދި މިތަނުގެ ޢަމަލީ މަސައްކަތްތައް އަޅުގަނޑުމެން ސިފައިންނާ ހަވާލުކޮށްގެން [ސިވެކް] މެދުވެރިކޮށް، ސިފައިންގެ ކުންފުނި މެދުވެރިކޮށް ހުރިހާ މަސައްކަތްތައް ކޮށް ނިންމާފައި. ދެން ހަމައެކަނި ނުނިމެނީ ވިންޓަރ ތީމް. އިރާދަކުރެއްވިއްޔާ، ދިވެހިރާއްޖެއަށް ފުރަތަމަފަހަރު އަޅުގަނޑުމެންނަށް ފިނި މޫސުމް އަންނާނެ. މިފަހަރު ޑިސެންބަރު ތެރޭގައި ޔޫރަޕަށް ފިނި މޫސުމް އަންނައިރު، ދިވެހިރާއްޖޭގެ ކުޑަކުދިންނަށްވެސް ފިނި މޫސުމް އަންނާނެ.


އެހެންވީމާ، ކުޑަކުދިންނަށް މި އިޙްސާސްތައް އަޅުގަނޑުމެން ކޮށްދޭން ބޭނުންވޭ. މިތަނަކީ ހަމަ ހުރިހާ ކުދިންނަށްވެސް ރައްޓެހިން ގޮވައިގެން އައިސް، އެކުދިން ކުރަން ބޭނުންވާ މަޖަލެއް ކުރާނެ ތަނެއްގެ ގޮތުގައި. މައިންބަފައިން ކުޑަކުދިން ދޫކޮށްލެއްވިޔަ ދެއްވިޔާ ވަރަށް ރަނގަޅު. ދެން ގައިޑްކޮށްލަދޭން ޓީޗަރުންގެ ތެރެއިން، ނޫނީވިއްޔާ މައިންބަފައިންގެ ތެރެއިން ކޮންމެވެސްވަރަކަށް ބޭފުޅުންކޮޅެއް އުޅުއްވީމާ ރަނގަޅުވާނެ. މިތަން ބެލެހެއްޓުމުގެ ކަންތައް ހިނގާނެ. އަޅުގަނޑު ބޭނުންވަނީ ކުދިންގެ އިޙްސާސްތައް، ވަރަށް މިނިވަންކަމާއެކީ ނުކުމެ އެކުދިން، އެކުދިންގެ ހަރަކާތުން ދައްކައިދޭނެ، މަޖާ އަދި ސަލާމަތްކަން އޮތް ތަނަކަށް ވެގެންދިޔުން.


މާލެއަކީ ވަރަށްގިނަ މީހުން އުޅޭ ތަނެއް. ވަރަށް ނުރައްކާ ތަނެއް، ކުޑަކުދިން ނުކުމެ މަގުމަތީގައި އުޅެން. އެހެންނަމަވެސް، މުޅި މި ސަރަޙައްދަކީ ހިނގާ ސަރަޙައްދެއް. ދެންމެ މުޢިއްޒުގެ ވާހަކަފުޅުގައި ވިދާޅުވިގޮތަށް، މިތަނަކީ ރީތި ތަނެއްގެ ގޮތުގައި އަޅުގަނޑުމެން ބާއްވަން ބޭނުންވަނީ، މިއީ ކުޑަކުދިންގެ ހައިޖިންއާ ގުޅިފައި އޮތް ތަނަކަށްވާތީ. މިތަނަށް ދުފައިގެން ވަދެ ކުޅުޖެހުމަކީ އަޅުގަނޑުމެން އެދޭ ކަމެއްނޫން. މިތަނަށް ކުނި އެޅުމަކީ އަޅުގަނޑުމެން އެދޭ ކަމެއްނޫން. މިތަނަށް ގެއްލުން ދިނުމަކީ އަޅުގަނޑުމެން އެދޭ ކަމެއްނޫން. އެއީ، މިއީ އަޅުގަނޑުމެންގެ ތުއްތުކުދިންނަށް އަޅުގަނޑުމެން ކޮށްދޭ ކަމެއް.


އެހެންވީމާ، މިތަން މި ރީތިކަންމަތީގައި، ޒީނަތްތެރިކަންމަތީގައި ބަހައްޓައިފި ކަމަށްވަންޏާ، މިހުރިހާ އުފަލެއް ޙަޤީޤަތުގައި ލިބިގެންދާނީ ދިވެހި ކުޑަކުދިންނަށް. ހުރިހާ ޢުމުރުފުރައެއްގެ ކުޑަކުދިންނަށް. އަޅުގަނޑަށް އެނގިފައި އޮތްގޮތުން ވެއްޖިއްޔާ، މުޢިއްޒުގެ ވާހަކަފުޅުގައި ވިދާޅުވުމުގެ ޚިޔާލުފުޅު އޮތްކަންނޭނގެ، މިތަނަކީ އަދި ބޮޑެތި މީހުންނަށްވެސް އެކިއެކި ޙަފްލާތަކަށް ހުޅުވައިލެވިފައި އޮންނަ ތަނަކަށްވާނެއޭ. އޭގެ މާނައަކީ، ބްރިޖުމަތީގައި ޒުވާނުން ޒަވާޖީ ޙަޔާތުގެ ގުޅުން ފަށާގޮތަށް މިތަނަކީވެސް ހަމަ ކައިވެނި ޕާޓީތައްވެސް ބޭއްވޭ ތަނަކަށް ވެގެންދާނެ. ބާރތްޑޭ ޕާޓީވެސް ބޭއްވޭ ތަނަކަށްވާނެ. މިއީ ހަމަ ހުރިހާ ދިވެހިންގެ ތަނެއް. ހަމައެކަނި އަޅުގަނޑުމެން ފީއެއް ނަގަން ޚިޔާލުކޮށްފައި މިއޮތީ. ރާއްޖެއިން ބޭރުގައި އުޅޭ ފަރާތްތަކުން މިތަނަށް އައިމާ ފީއެއް ނަގާނެ. އެހެން ނޫންކަމަށްވަންޏާ، މިއީ ހަމަ ދިވެހި ކުޑަކުދިންނަށް، ދިވެހި ޒުވާނުންނަށް.


އެހެންވީމާ، ހުރިހާ ޒުވާނުންވެސް އަދި ޒުވާނުންނާއެކީ ވަޑައިގަންނަވާ ބޭފުޅުންނަށްވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މިތަން ކުޑަކުދިންނަށްޓަކައި ރީތި، ތާހިރު ތަނެއްގެ ގޮތުގައި، ސަލާމަތްކަން އޮތް ތަނެއްގެ ގޮތުގައި، އެއްވެސްކަހަލަ ގޯސް ޢަމަލެއް ނުހިންގުމަކީ، ހަމަ ހުރިހާ ކުޑަކުދިންގެ ޙައްޤުގައި އަޅުގަނޑުމެން ދަންނަވާލާ އެދުމެއް، އިލްތިމާސެއް.


ސިފައިން ކުރެއްވީ ޝައްކެއްވެސްނެތްގޮތުގައި ވަރަށް ވަރުގަދަ މަސައްކަތްތަކެއް. އަޅުގަނޑުމެންނަށް ކޮންމެ ކަމެއް ދިމާވާއިރު އެންމެ ގާތުގައި، އެންމެ ޚިދުމަތްތެރި މަސައްކަތެއް ކޮށްދެއްވަން ތިއްބަވަނީ ފުލުހުންނާއި ސިފައިން. ސިފައިންގެ މި މަސައްކަތަކީވެސް ހަމަ ދިވެހި ކުދިންނަށް، ދިވެހި އާ ޖީލަކަށް، މިހާރުގެ ޖީލަކަށް ސިފައިން ކޮށްދީފައި އޮތް ހަދިޔާއެއް. މިތަން ބެލެހެއްޓުމާ، މިހުރިހާ ކަމެއް އެންމެ ފުރިހަމަކޮށް، އާބާތުރަފިލުވުމާއި، މި އަންނަ ބަދަލުތައް، ނޫނީ ގެންނަންޖެހޭ ބަދަލުތައް އެންމެ ރަނގަޅަށް ގެނެވޭނެ ބައެއް ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ ޙަޤީޤަތުގައިވެސް ސިފައިން. ސިފައިންގެ ކުންފުނީގެ ތެރެއިން. އެހެންވީމާ، ސިވެކާ މިމަސައްކަތް ހަވާލުވެފައި މިއޮތީ.


ބާއްޖަވެރި ރެޔަކަށް ހުރިހާ ކުޑަކުދިންނަށް ރައީސް އެދެން. މާދަމާ އިރާދަކުރެއްވިއްޔާ އަނެއްކާވެސް ކުޑަކުދިން ހަމަ ނިދާލާފައި ތެދުވެ ޚިޔާލުކުރަންވީ. ރޭގަނޑު ނިދާއިރުވެސް ހަމަ ހުވަފެންނުވެސް ފެންނާނެކަންނޭނގެ، މިތާ ދެން މާދަމާ ކުރާނީ ކޮންކަހަލަ މަޖާ ކަންތައްތަކެއްތޯ! އެހެންވީމާ، ދެން ހަމައެކަނި ފޮތްފޮތުން އެކިއެކި ފެއަރީން އުޅޭ ވާހަކައާއި، ޕަރީން އުޅޭ ވާހަކައާ، މިއެއް ނޫން. މިތަނުގައި ކުދިން އައިސް ހަމަ ކުދިން މަޖާކުރަންވީ. ޓްރީހައުސް ވަރަށްރީތި ކުދިން އެބައުޅޭ. ޕާކުގައި ހުރި ބައެއް ތީމްތައް ވަރަށްރީތި ކުދިން އެބައުޅޭ. ވަރަށްގިނަ ކަންތައް މިތާ މިހިރީ. ހަމަ ހުރިހާ ކުދިން އައިސް، ބަސްއަހައިގެން ރަނގަޅު ކުދިންނަށްވީމަ، ރައީސް ވަރަށް އުފާވާނެ. ހުރިހާ ކުދިންވެސް މިތަނުގައި މަޖާކޮށްލާ! ގުޑްނައިޓް.