މާލޭ ސަލްޓަންޕާކު ސަރަޙައްދުގައި ޤާއިމްކުރެވުނު "އެޑިއުޓެއިންމަންޓް އެންޑް ހެރިޓޭޖް" ކޮންސެޕްޓަށް ތަރައްޤީކުރެވިފައިވާ ރަސްރަނި ބަގީޗާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާޠިމަތު އިބްރާހީމް މިރޭ ހުޅުއްވައިދެއްވާ، މި ބަގީޗާ ބައްލަވާލައްވައިފިއެވެ.

ރަސްރަނި ބަގީޗާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މި ބަގީޗާއަކީ ހުރިހާ ދިވެހިންގެ ތަނެއްކަމާށާއި، މިފަދަ ބަގީޗާއެއް ހެދުމުގެ ބޭނުމަކީ، ކުޑަކުދިންނަށް ފަންނީ މަސައްކަތްކުރެވޭ، ތަޢުލީމީ ތަޖުރިބާ ލިބޭފަދަ ތަނެއް ޤާއިމުކުރުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

މިރޭ ހުޅުވިގެން ދިޔަ މި ބަގީޗާއަކީ ތަފާތު އެކި ބައިތަކާއި ވަޞީލަތްތަށް ހިމަނައިގެން ތަރައްޤީކުރެވުނު ބަގީޗާއެއްކަން ފާހަގަކޮށްލެވެއެވެ. މި ބަގީޗާގައި ކުޑަކުދިންނަށް ޚާއްޞަ ޙަރަކާތްތަކާއި ކުޅިވަރުތައް ކުޅެވޭނެފަދަ އިންތިޒާމްތައް ހަމަޖެހިފައިވުމުގެ އިތުރުން، މި ބަގީޗާއަކީ އެކި ޢުމުރުފުރާތަކަށް ވެސް ހިތްހަމަޖެހޭ އުފާވެރި މާޙައުލެއްގައި ވަގުތު ހޭދަކުރެވޭނެގޮތަށް ތައްޔާރުކުރެވިފައިވާ ހިތްފަސޭހަ މައިދާނެކެވެ.

މި ބަގީޗާ ހުޅުވުމާއިއެކު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރަސްރަނި ބަގީޗާގައި ހަދާފައިވާ އުސްގެކޮޅަށް ވަޑައިގެން އެތަނުގައި ބިނާކޮށްފައިވާ ޑިޖިޓަލް ހިސްޓްރީ ޑިސްޕްލޭ ބައްލަވާލެއްވިއެވެ. މިތަނުން ދިވެހި ތާރީޚާ ބެހޭ މުހިންމު މަޢުލޫމާތު އެލްސީޑީ ޓީވީ މެދުވެރިކޮށް ފެންނަން ހުރެއެވެ.

އެއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޕްލޭ ސްޓްރަކްޗަރ އަދި ވަރޓިކަލް ގަރޑަން ބައްލަވާލެއްވިއެވެ. ޖުމްލަ 3 ޕްލޭ ސްޓްރަކްޗަރ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި ބަގީޗާގައި ހަދާފައިވާ ވަރޓިކަލް ގަރޑަންގައި ރީތި ޓްރޭ ތަކެއްގައި ގިނަ ޢަދަދެއްގެ ގަސް އިންދާފައިވެއެވެ.

މިރޭ ހުޅުވިގެންދިޔަ ބަގީޗާގައި ހިމެނޭ މުހިންމު ވަޞީލަތްތަކަށް ބަލާއިރު، ރަސްރަނި ވިއުގެ ނަމުގައި ވަށައިގެން ބިއްލޫރި ޖަހާފައިވާ އެންމެ ޒަމާނީ ވަޞީލަތްތައް ހިމެނޭ ކްލާސްރޫމްތަކާއި، އެކި ޢުމުރުފުރާގެ ކުދިންގެ ކުރެހުމާ ފަންނުވެރިކަމުގެ ޙަރަކާތްތަކަށް ޚާއްޞަކުރެވިފައިވާ 180 ޑިގްރީ އާޓް ޑެކަކާއި، ޒުވާން ހުނަރުވެރި އާޓިސްޓުންގެ ހުނަރު ދައްކާލެވޭ ފަދަ އެމްފިތިއޭޓަރަކާއި، ދިވެހިންގެ ޘަޤާފީ ކުޅިވަރުގެ ރޫޙު އަށަގެންނެވުމުގެ ގޮތުން ކޮރާގެއެއް ޤާއިމްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ވެސް މި ބަގީޗާގައި ފައްވާރާއަކާއި، ޚާއްޞަކޮށް އިސްރަށްވެހީންނަށް އަމާޒުކޮށްގެން ޖޯލިތަކާއި، ހޮޅުއަށިތައް ހިމެނޭގޮތަށް ފަރުމާކުރެވިފައިވާ މަރިޔާދުގެއެއް ހިމެނެއެވެ.