ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ ވަންގް ފުކާންގް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޗައިނާގެ ސަފީރުގެ ފަރާތުންނާ އަދި ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް ވެދެއްވާ އެހީތެރިކަމަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ. އަދި، ކުރިއަށްއޮތް ތަނުގައިވެސް ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

މިގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޗައިނާގެ ފަރާތުން ރާއްޖޭގެ ތަރައްޤީއަށް ވެދެއްވާ އެހީތެރިކަމަށް އަލިއަޅުއްވާލައްވަމުން، ރާއްޖޭގައި މިހާރު ހިނގަމުންދާ މައިގަނޑު މަޝްރޫޢުތައް ފާހަގަކުރައްވައި، މި މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގައި، ޗައިނާގެ ސަފީރުގެ ޚާއްޞަ ދައުރު ފާހަގަކުރައްވާ ޝުކުރުއަދާކުރެއްވިއެވެ. އަދި ކުރިއަށްއޮތް ތަނުގައި އެ މަޤާމާ ހަވާލުވެވަޑައިގަންނަވާ ބޭފުޅާގެ ފަރާތުންވެސް އެފަދަ އެއްބާރުލެއްވުމާ އެހީތެރިކަން ލިބިވަޑައިގަންނަވާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

ޗައިނާގެ ސަފީރުގެ ވާހަކަފުޅުގައި، ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުގެ މަޤާމުގައި ހުންނަވައިގެން ރާއްޖެއާއި ޗައިނާއާ ދެމެދުގައިވާ ޚާރިޖީ ގުޅުން އިތުރަށް ބަދަހިކުރުމަށް ފުރުޞަތު ލިބިވަޑައިގަތުމުން ފަޚުރުވެރިވާކަމަށް ވިދާޅުވެ، އެމަނިކުފާނުގެ ސަފީރުކަމުގެ ދައުރުގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ލިބިވަޑައިގެންނެވި އެހީތެރިކަމަށް ޝުކުރުއަދާކުރެއްވިއެވެ. މީގެ އިތުރުން، ކުރިއަށްއޮތް ތަނުގައިވެސް، ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން، ޚާރިޖީ ގޮތުންނާ ބައިނަލްއަޤްވާމީ ދުނިޔޭގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނަށް އޮތް ކަމުގައި ޗައިނާގެ ސަފީރު ވިދާޅުވިއެވެ.

މިއަހަރަކީ ރާއްޖެއާއި ޗައިނާއާ ދެމެދުގައިވާ ޚާރިޖީ ގުޅުމަށް 45 އަހަރު ފުރޭ އަހަރަށްވާތީއާއެކު، ދެ ޤައުމުގެ ދެމެދުގައިވާ ޒަމާންވީ ގާތް ގުޅުން ބަދަހިކުރެވޭނެ އިތުރު ދާއިރާތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާ ޗައިނާގެ ސަފީރު މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމާއި، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު ‏ބައިވެރިވެވަޑައިގެންނެވިއެވެ.