بســم اللّـه الرّحمـن الرّحيــم

الحمـدللّـه ربّ العــالمـين، والصّـــلاة والسّــــلام على ســــيّدنا محـمّد، وَعلـى آلـه وصحبــه أجمـعــين.

ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި ނައިބު ރައީސް އަލްފާޟިލް މޫސާ މަނިކު، މަޖިލީހުގެ މެޖޯރިޓީ ލީޑަރ އަލްފާޟިލް ނިހާން ޙުސައިން މަނިކު، ހޯމް މިނިސްޓަރ އަޒްލީން، ކޮމިޝަނަރ ޖެނެރަލް ޔަޒީދު، ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް ޒަރީރު، އަދި މިނިވަން މުއައްސަސާތަކުގެ ވެރިން، މީރާގެ ހީވާގި އުފެއްދުންތެރި މުވައްޒަފުން، މިރޭ ރަންލާރި އެވޯޑް ހާސިލު ކުރެއްވި ފަރާތްތައް، އަދި ޓެކްސް ދައްކާ ކޮމިއުނިޓީ، މި ޖަލްސާ ދުރާއި ގާތުން ބައްލަވަމުން ގެންދަވާ ބޭފުޅުން، އަދި މީގެއިތުރަށް، މީރާގެ ބޯޑުގެ މެންބަރުންވެސް އަޅުގަނޑު ހިމަނަން؛


السّلام عليــكم ورحـمــة اللّـه وبـركاتـه.


އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ފެށުމުގެ ކުރިން، އަޅުގަނޑު ކޮމިޝަނަރ ޖެނެރަލްގެ އިޒުނައާ އެކީގައި މީރާގެ ހިސްޓްރީއަށް ދާން ބޭނުން. ބައެއްފަހަރު ބައެއް ފަރާތްތަކުން މި ސުވާލު އުފައްދާތީވެ، އަޅުގަނޑު ހިތަށްއެރީ މި ވާހަކަ ކުޑަކޮށް ސާފުކޮށްދޭނަމޭ.

 

އާދެ، ޓެކްސް ނެގުމުގެ ކަންތައް ފެށިގެން އައިގޮތަކީ ކޮބައިތޯއޭ؟ އެންމެ ފުރަތަމަ އަޅުގަނޑު ހަނދާނަށް އަންނަނީ، 1993 ވަނަ އަހަރު. އޭރު އެހާތަނަށް އެންމެބޮޑު ޑެފިސިޓްވީ އަހަރަކީ. އަޅުގަނޑު ހަނދާންވަނީ ގާތްގަނޑަކަށް 300 މިލިއަން ރުފިޔާހެން އޭރު ޑެފިސިޓްވީ. އޭރުން ފެށިގެން އަޅުގަނޑުމެން ފިނޭންސްގައި މަސައްކަތް ކުރަމުން ދިޔައީ، ކިހިނެއްތޯ ދައުލަތުގެ އާމްދަނީ އިތުރުކުރާނީ. ނުވަތަ ދައުލަތުގެ ޑެފިސިޓް ފޫބައްދާނީ. މިކަމަށްޓަކައި އަޅުގަނޑުމެން އައި.އެމް.އެފް.ގެ އެހީއާ އެކީގައި ރެވެނިއު އެންހޭންސްމަންޓް ކިޔާ ސްޓަޑީއެއް ހެދިން. އެ ސްޓަޑީގެ އެހީގައި ވަރަށް ގިނަ ކަންތައްތަކެއް ހާމަވެގެންދިޔަ. އޭގެތެރެއިން އެއްކަމަކަށް އައި.އެމް.އެފް.އިން ސަޖެސްޓް ކުރީ ރާއްޖެއަށް ޓެކްސް ތަޢާރުފް ކުރުން. ހަމަ އެދުވަހުން ފެށިގެން އަޅުގަނޑުމެން ފިނޭންސް ތެރޭގައި މަސައްކަތް ކުރަމުން ގެންދިޔައީ، މި ޓެކްސް ނިޒާމު ޤާއިމުކުރުމަށް. އަދި އައި.އެމް.އެފް.ގެ އެހީގައި ޓެކްސްއާބެހޭ ވަރަށް އާދައިގެ ނަމަވެސް ޤާނޫނުތަކެއް ފަރުމާކުރެވިގެންދިޔަ. އަޅުގަނޑު މިވާހަކަ މި ދަންނަވަނީ އެކަމުގެ ތެރޭގައި އެންމެ ކައިރިން މަސައްކަތްކުރި މީހަކަށްވާތީ. އަދި ބައެއް މީހުން މި ސުވާލު އުފައްދާތީ.

 

އާދެ، އެދުވަހުން ފެށިގެން މަސައްކަތް ކުރަމުންގޮސް 2006 ވަނަ އަހަރު ޑިސެންބަރު މަހުގެ 25 ވަނަ ދުވަހު އޭރުގެ ރައީސް، ރައީސް މައުމޫން ޑިޕާޓްމަންޓް އޮފް އިންލަންޑް ރެވެނިއު ކިޔާ ޑިޕާޓްމަންޓެއް، ރައީސްގެ ޚާއްޞަ ޤަރާރުގެ ދަށުން އުފެދިގެންދިޔަ. އެދުވަހުން ފެށިގެން ޚާއްޞަ ޑިޕާޓްމަންޓެއް އޮވެގެން، އެ ޑިޕާޓްމަންޓްގެ މުވައްޒަފުން ތިބެގެން މަސައްކަތް ކުރަމުން ދިޔައީ ޓެކްސްގެ ނިޒާމް ހަރުދަނާ ކުރަންވެގެން. އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ބެލީ ސަރުކާރުގެ އެތަން މިތަނުން އެއްކުރަމުންދާ ނުވަތަ ބަލައިގަންނަ ފައިސާތައް، އެއް ފުރާޅެއްގެ ދަށަށް ގެންނަން. ނުވަތަ ރެވެނިއު ކޮންސޮލިޑޭޝަން. ދެވަނަ ކަމަކަށް އޮތީ ރޯޑް ބޭސްޑް ޓެކްސް ނުވަތަ ފުޅާ ދާއިރާއެއްގައި ޓެކްސް ނިޒާމެއް ޤާއިމުކުރުން. މިއީ، އަޞްލު ދެކަމެއް.



އެހެންވީމާ، ޑިޕާޓްމަންޓް އޮފް އިންލަންޑް ރެވެނިއު އިން މި މަސައްކަތްތައް އައީ ކުރަމުން. އެހެންނަމަވެސް ކަންދިމާކުރިގޮތުން އަޅުގަނޑުމެންނަށް ކުރެވުނު މަސައްކަތަކީ އެއްފުރާޅެއްގެ ދަށުން ދައުލަތުގެ އާމްދަނީ ބަލައިގަންނަ މަސައްކަތް ކުރުމާއި، އަދި ޓެކްސާބެހޭ ޤާނޫނުގެ ދެލިކޮޕީ ތައްޔާރުކުރުމުގެ މަސައްކަތް. އެހެންއޮއްވައި ސަރުކާރު ބަދަލުވީ. ދެން އައި ސަރުކާރުން ޓެކްސްއާބެހޭ ޤާނޫނުތައް ފާސްކޮށް، އެއަށް ޢަމަލުކުރަން ފެށީ. އެއީ 2010 ވަނަ އަހަރު. އެހެންވީމާ، މީރާ އަޞްލު ވުޖޫދަށް މިއައީ 2010 ވަނަ އަހަރު. އެހެންނަމަވެސް، އޭގެ މާނައަކީ، އޭގެކުރިން ޓެކްސް މަސައްކަތްތައް ނުކުރެޔެކޭ ނޫން. އެހެންވީމާ، މި ވާހަކަ އަޅުގަނޑު ދަންނަވާލަން ބޭނުންވީ. އަޅުގަނޑު މި ޓައީ އަޅައިގެން މިހުންނަނީ، އަޅުގަނޑުގެ ހިތުގައި އަބަދުވެސް މީރާއަށް ޚާއްޞަ ކަނެއް ނުވަތަ ޚާއްޞަ ކޯނަރއެއް އޮންނާތީވެ. މިހާހިސާބުން އަޅުގަނޑު އެނބުރިލާނަން.

 

އެހެންވީމާ، އަޅުގަނޑު ހިތަށްއަރަނީ، ކުރިން ޑިޕާޓްމަންޓް އޮފް އިންލަންޑް ރެވެނިއުގައި މަސައްކަތް ކުރި ކުދިން އެއްގޮތަކަށްވެސް ދެރައެއްނުވާނެ. މީގެތެރޭގައި ޑިޕާޓްމަންޓް އޮފް އިންލަންޑް ރެވެނިއުގައި މަސައްކަތްކުރި ވަރަށްގިނަ ކުދިން ނުވަތަ ވަރަށް ގިނަ ސްޓާފުންނަށް އަޅުގަނޑުގެ ކުރިމަތީގައި ވަރަށް ގިނަ އިނާމުތައް ލިބިގެންދިޔަތަން. އަދި ވަރަށް ގިނަ އިސް މަގާމުތަކުގައި މިހާރުވެސް މީރާގައި އެބަ އުޅުއްވާ. އެކުދިންނަކީ އަޅުގަނޑާ އެކީގައި ވަރަށްގިނަ ދުވަހު މަސައްކަތްކުރި ކުދިންނަށްވާތީ، އަޅުގަނޑު ހަމަ މިނޭވާގައިވެސް އެ ސްޓާފުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

 

އާދެ، ޓެކްސް ނެގުމާބެހޭ ކަންތައްތަކަކީ ހަމައެކަނި ސަރުކާރުން ކުރަން ބޭނުންވިކަމުގައިވިޔަސް ކުރެވޭނެ ކަމެއްނޫން. އަޅުގަނޑު މިވާހަކަ ގެންނަން ބޭނުން. ޓެކްސް ނެގުމުގެ ކަންތައްތައް، ވަރަށް ގިނަ މަސައްކަތްތަކެއް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރެވޭ. އެހެންވީމާ، އަޞްލު ވަރަށްގިނަ ފަހަރަށް އަޅުގަނޑުމެން ހަނދާންނެތިފައި އޮންނަނީ މަޖިލީހުގެ މަތިން. އެހެންވީމާ، މިނޭވާގައި އަޅުގަނޑު ހިތަށްއެރީ އަޅުގަނޑު ޚާއްޞަ ޝުކުރެއް މަޖިލީހުގެ ޢިއްޒަތްތެރި ރައީސަށާއި މެންބަރުންނަށް ދަންނަވަން.

 

އާދެ، މީރާއަށް މިހާރު 7 އަހަރު ފުރިއްޖެ. 2 އޮގަސްޓު 2017 އިން ފެށިގެން މީރާ އެ ނުކުތީ 8 ވަނަ އަހަރަށް. އެހެންކަމުން، މި އުފާވެރި މުނާސަބަތުގައި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއަށާއި، އަދި މީރާގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަނަށާއި، ޑެޕިއުޓީ ކޮމިޝަނަރއާއި، އަދި މީރާގެ ބޯޑު މެންބަރުންނާއި، އަދި މީރާގެ ހީވާގި މުވައްޒަފުންނާއި، މީރާއަށް ޓެކްސް ދައްކަވާ ފަރާތްތަކަށް، އަޅުގަނޑު މިދުވަހުގެ ތަހުނިޔާއާއި މުބާރިކްބާދީ އަރިސްކުރަން.

 

ޝައްކެއްނެތް، މީރާ އުފެދިގެން މިވީ ކުޑަދުވަސްކޮޅުގެ ތެރޭގައި ނުވަތަ 7 އަހަރު ދުވަހުގެ ތެރޭގައި މީރާއިން ހޯދިފައިވާ ކާމިޔާބީތައް އަޅުގަނޑު ކޮންމެހެން ތަކުރާރުކޮށް ދަންނަވާކަށްނުޖެހޭ. ތިޔަބޭފުޅުންނަށް އަހަރީ ރިޕޯޓުތަކުގައި އަދި އަޅުގަނޑަށްވުރެ ކުރިން ޕްރެޒެންޓޭޝަންގައި ފެނިވަޑައިގެންފައި އޮންނާނީ. ޤައުމު ބިނާކުރުމުގައި މީރާ ކުރިއަށް އެދަނީ ދައުލަތުގެ އާމްދަނީގެ މުހިންމުކަން އިޙުސާސް ކުރެވޭ، ވެރިންނާއި މުވައްޒަފުން ތިބި ތަނެއްކަން ފިސާރި ރަނގަޅަށް ހާމަކުރަމުން. މިކަން ދިވެހި ސަރުކާރުވެސް ގަބޫލުކުރޭ. އަދި ދިވެހި ރައްޔިތުންވެސް ގަބޫލުކުރޭ. އަޅުގަނޑު މިނޭވާގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ޚާއްޞަ ޝުކުރެއް މީރާގެ ހުރިހާ ހީވާގި މުވައްޒަފުންނަށް އަރިސްކުރަން.

 

އަޅުގަނޑުގެ ނަޒަރުގައި މީރާއަކީ ޚިދުމަތުގެ މައިދާނުގައި ދައުލަތުގެ އެހެން މުއައްސަސާތަކަށް ނަމޫނާތަނެއް. މިހެން މި ދަންނަވަންޖެހެނީ މީރާގައި ތިބި ހަމައެކަނި ގިނަ މުވައްޒަފުންނަކީ 25 އަހަރުން ދަށުގެ މުވައްޒަފުންނަށްވާތީކީއެއް ނޫން. އަދި މީރާގެ މުވައްޒަފުންގެ ތެރެއިން ގާތްގަނޑަކަށް 60 ޕަސެންޓަކީ، ގްރެޖުއޭޓުންނަށްވާތީކީވެސް ނޫން. މީރާގެ މުވައްޒަފުންނަކީ ގިނަ ވަގުތުގައި މަސައްކަތުގައި ހޭދަކުރާ ބަޔަކަށްވާތީ. އަޅުގަނޑު މިހާރުވެސް ދަންނަވަން ބޭނުން. އެހެން އޮފީސްތައް ހޮނިހިރު ދުވަހު ބަންދުކުރި ކަމުގައިވިޔަސް މީރާގެ މަސައްކަތަކީ ހޮނިހިރު ދުވަހު ބަންދުކުރާ މަސައްކަތްތަކެއް ނޫން. ހޮނިހިރު ދުވަހުވެސް މީރާގެ މަސައްކަތްތައް ކުރިއަށްދޭ. ޚިދުމަތް ހޯދަން އަންނަ މީހުންނާ މުޢާމަލާތް ކުރުމުގައި ރަނގަޅު އަޚްލާޤެއް ގެންގުޅުމަށް މަސައްކަތްކުރާ ބައެއް.


ޝައްކެއްނެތް، ޓެކްސް ނެގުމުގެ މުހިންމު ޒިންމާ އަދާކުރާ މީރާގެ މުވައްޒަފުންނަކީ، ޓެކްސް ދައްކާ ފަރާތްތަކުގެ ނަޒަރުގައި މިނިވަން އަދި މުސްތަޤިއްލު މަސައްކަތްކުރާ ބަޔަކަށްވުމީ، އެފަރާތްތަކުގެ އިތުބާރު، ޓެކްސް ނިޒާމަށް ހޯދުމަށް ވަރަށް މުހިންމު ކަމެއްކަން. އެހެންކަމުން، ތިޔަ ލޮބުވެތި މުވައްޒަފުންނަށް ތިޔަކުރާ މަސައްކަތަށް ޝުކުރުވެރިވަމުން، ތިޔަކުރަނީ ފައިސާގެ މުޢާމަލާތްކަން ދެނެތިބެ، ވަފާތެރިކަމާއެކު އަދި ކުރިއަށް އޮތް ތާނގައި އަދި މިހާރަށްވުރެވެސް ބޮޑަށް މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު، ވަކި ފަރާތެއް ތަފާތުނުކޮށް، އެންމެން ހަމަހަމަކޮށް މިހާރަށްވުރެވެސް ހީވާގިކޮށް މަސައްކަތް ކުރުމަށް، މި ފުރުޞަތުގައި ތިޔަ ލޮބުވެތި މުވައްޒަފުންނަށް ދަންނަވަން. އަދި މިހާތަނަށް މީރާއަށް ލިބިފައިވާ ރީތި ނަން، މުސްތަޤްބަލުގައި މިހާރަށްވުރެވެސް އުޖާލާކޮށް ދެމެހެއްޓުމަށް ތިޔަ އެންމެހައި ލޮބުވެތި މުވައްޒަފުންނަށް އަޅުގަނޑު ނަސޭހަތްތެރިވަން.

 

ރާއްޖެއަކީ ދުނިޔެއާ ލާމެހިފައިވާ ޤައުމެއް. ރާއްޖޭގެ އިޤްތިޞާދަކީ ނާޒުކު އިޤްތިޞާދެއް. ރާއްޖޭގެ އިޤްތިޞާދީ ހަމަޖެހުންވަނީ ރާއްޖޭގެ އެތެރޭގެ ހަމަޖެހުމާ ގުޅިފައި. ދިވެހި ޤައުމަކީ ދިވެހި އެންމެހައި ދަރިންގެ ޤައުމެއް. ޤައުމު ބިނާކުރެވެމުން މިދަނީ އެންމެންގެ ޙިއްޞާ ހިމެނިގެން. ހަމަ ކުޑަކުޑަ މިސާލެއް ދަންނަވާނަން. ދިވެހި ފަރުދުން ކުރާ ވިޔަފާރީގެ ކޮންމެ މުޢާމަލާތަކުން، ޖެނެރަލް ޖީ.އެސް.ޓީ.ގެ ގޮތުގައި ސަރުކާރާ ރައްޔިތުން ބައިވެރިވޭ. އެހެންވީމާ، ރައްޔިތުންގެ ޙިއްޞާ ދައުލަތް ބިނާކުރުމުގައި ވަރަށް ބޮޑުކަން އަޅުގަނޑު ދަންނަވަން ބޭނުން.

 

މީރާގެ ޚިދުމަތަކީ ފައިސާއާ ގުޅޭ ޚިދުމަތަކަށްވުމުން، އޭގެ ލިޔެކިޔުންތައް، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ހުރުމަކީ ވަރަށް މުހިންމު ކަމެއްކަން އަޅުގަނޑު މިނޭވާގައި ދަންނަވަން. ފައިސާ މެދުވެރިކޮށް ޚިދުމަތްދޭ ފަރާތްތަކުން އޭގެ ހިސާބުތައް ވީހާވެސް ރަނގަޅަށް ބެލެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް. ކަން މިހެން ހުރުމާއެކު، ފައިސާ ދައްކާ ފަރާތްތައް ބޭނުންވެއްޖެ ޙާލަތެއްގައި، ހަމަޖެހިފައިވާ އުސޫލުގެ މަތިން މީރާގެ އޮޑިޓަރުންގެ ޚިދުމަތް އަޅުގަނޑަށް ޚަބަރު ލިބިފައިވާގޮތުން އެފަރާތްތަކަށް ބޭނުންވާ ފަރާތްތަކަށް ލިބިދޭކަން އެއީ، އަޅުގަނޑު ދަންނަވާނީ ވަރަށް ރަނގަޅު ޚިދުމަތެކޭ.

 

އެހެންކަމުން، މީރާއަކީ ޤައުމަށް ވަރަށް ބޭނުންތެރި، ވަރަށްބޮޑު މަސައްކަތެއްކުރާ އިދާރާއެއް. އާދެ، ތިޔަ އެންމެހައި ބޭފުޅުންވެސް ގަބޫލުފުޅުކުރައްވާނެ، އާދައިގެ މީހެއްގެ ދިރިއުޅުންވެސް ބިނާވެގެން ކުރިއަށް އަންނަނީ، އޭނާއަށް ލިބޭ އާމްދަނީއިން. ހަމައެގޮތަށް ޤައުމެއްގައިވެސް އެ ޤައުމު ކުރިއަރަން ބޭނުންވާކަމަށްވަންޏާ، ޤައުމަށް ލިބޭ އާމްދަނީއިން އެކަން ކުރިއަށް ގެންދެވޭނީ. މިކަމުގެ އެންމެ ކައިރިން މަސައްކަތްކުރާ ފަރާތަކީ މީރާ. އެހެންވީމާ، އަޅުގަނޑު ކޮންމެހެން މީރާގެ ރޯލު ތަކުރާރުކޮށް ދަންނަވާކަށް ނެތިން. މީރާގެ ރޯލަކީ ވަރަށް މުހިންމު ރޯލެއް. އަބަދުވެސް ޤައުމުގެ ކަންތައްތައް ހިންގަނީ ޤައުމަށް ލިބޭ އާމްދަނީއިން ކަމަށްވާތީ.

 

ބައެއްފަހަރު ސުވާލު އުފައްދާ. [މީރާއަށް ލިބޭ އާމްދަނީއިން ކުރަނީ ކޮންކަމެއްހެއްޔޭ؟] އަޅުގަނޑުމެން ބަލައިލި ކޮންމެ ދިމާއަކުން މިއަދު ފެންނަންހުރި ޙަޤީޤަތަކީ ކޮބައިތޯ؟ ޤައުމު ތަރައްޤީގެ ހަރުފަތަށް މި އަންނަނީ އާދަޔާޚިލާފު މިންތަކަކަށް ވާސިލުވަމުން. މުޅި ރާއްޖޭގެ އެތަން މިތަނުގައި ބިންވަނީ ހިއްކިފައި. އަދި ހިއްކި ބިމުގައި އެތައް ބައިވަރު ކަންތައްތަކެއް ނުވަތަ އާރާސްތު ކުރަމުން ގެންދަނީ ކުރިއަށް. އެތަންމިތާނގައި ވައިގެ ބަނދަރުތައް ހެދި، މާލެއާއި ހުޅުލެއާ ދެމެދު ބްރިޖް އެޅުމުގެ މަސައްކަތް ފެށި، އަދި އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް، ބައިނަލްއަޤްވާމީ އެއަރޕޯޓުގެ އެންމެމަތީ ސަފަށް ގެނައުމަށްޓަކައި މިހާރުދަނީ މަސައްކަތްތައް ކުރަމުން. އަޅުގަނޑުމެން ބޭނުންކުރާ، މާލޭ ހުޅަނގުފަރާތުގެ ރީތި ރަސްފަންނަކީ އަޅުގަނޑުމެންނަށް ވަރަށް ހިތްފަސޭހަ މައިޒާނެއް. މިހެން ދަންނަވާކަށް އަޅުގަނޑު ކޮންމެހެން މިވާހަކަ ތަކުރާރުކުރާކަށް ނެތިން. މިހެން ދަންނަވަން ވެއްޖެ ކަމަށްވަންޏާ އަޅުގަނޑަށް ހީވަނީ މިރޭ ހުސް މިކަމަށް މިތާހުރެގެން ލިސްޓްކިޔަން ވެއްޖެކަމަށްވަންޏާ ހަމަ އެ ހުހެއްނުވާނެ. އެހެންވީމާ، މީރާއަށް ލިބޭ އާމްދަނީން ކުރާ މަސައްކަތްތައް ރައްޔިތުންނަށް ވަރަށް ފަސޭހައިން ވަރަށް ކައިރިން ފެންނަމުންދާނެ.

 

އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ވަރަށްކުރު މުއްދަތެއްގެ ތެރޭގައި ރާއްޖެ ވަރަށް އުސް ހަރުފަތްތަކެއް މިހާރުވަނީ ގިރާކޮށްފައި. އަދި މިހާރުވެސް އަންނަނީ އެކަންކަން އިތުރަށް ފުޅާކުރަމުން. އާދެ، އެކަން އެހެން އޮތް ކަމުގައިވިޔަސް، ދިވެހި ދައުލަތުން މިކަންކަމަށް ކުރާ ޚަރަދުތައް، އަޅުގަނޑު ދަންނަވާނީ ކުރިއާ އަޅައިބަލާއިރު ވަރަށް ބޮޑުތަން ބޮޑުވެއްޖެއޭ. މީގެކުރިން ސަރުކާރަކުން އެއްގޮތަކަށްވެސް ނުކުރާވަރަށް އަޅުގަނޑުމެން މިދަނީ ދައުލަތުގެ ބަޖެޓުން ހޭދަކުރަމުން. މިނޭވާގައި އަޅުގަނޑުމެން އެކަކުވެސް އޮޅުވާލަން، އަދި ދަންނަވާކަށްނެތިން. އަޅުގަނޑުމެން ތަރައްޤީގެ މަޝްރޫޢުތައް ހިންގަނީ ހަމައެކަނި ދައުލަތަށް ލިބޭ އާމްދަނީއަކުން އެކަންޏެއްނޫނޭ. ބޭރުގެ ފަރާތްތަކުގެ އެހީވެސް ލިބިގެން އެމަސައްކަތް ކުރަމުންދަނީ.

 

މިއަދުގެ ސަރުކާރުގެ އިޤްތިޞާދީ އެޖެންޑާއަކީ، ވަރަށް ފުޅާކޮށް މުޅި ރާއްޖެއަށް ފެތުރިފައިވާ އެޖެންޑާއެއް. އެއްވެސް ވިޔަފާރިއެއް ބާކީނުކޮށް ހިންގަވާ، އިޤްތިޞާދީ އެޖެންޑާއެއް. އިތުރު އިންވެސްޓްމަންޓްތައް ރާއްޖެ ގެންނެވުން ހިމަނުއްވާފައިވާ އެޖެންޑާއެއް. ޝައްކެއްނެތް. ތަރައްޤީ ކުރެވޭނީ ޚަރަދުކޮށްގެން. މި ހުރިހާ ކަމެއް އަމާޒުކުރައްވާފައި މިވަނީ ތަރައްޤީއަށް. ދިވެހި ޤައުމުގެ ތަރައްޤީއަށް. އަދަށްވުރެ ފަސޭހަ އުފާވެރި މާދަމައެއް ދިވެހި ރައްޔިތުންނަށް ގެނެސްދިނުމަށް.

 

ތަރައްޤީވެވޭނީ ނުވަތަ ތަރައްޤީ ބަޔަކަށްވެވޭނީ، ފުދުންތެރި ބަޔަކަށްވެގެން. ފުދުންތެރި ޤައުމަކަށްވެވޭނީ އުފެއްދުންތެރި ޤައުމަކަށްވެގެން. ރާއްޖޭގެ އުފެއްދުންތައް ރާއްޖެއިން ބޭރަށް ވިއްކުމުގެ ޤާބިލުކަން ލިބިގެންވާ ބަޔަކަށްވެގެން. އެހެން ޤައުމުތަކަށް ބަރޯސާނުވެ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެވޭނީ މި މިޞްރާބުން ތަރައްޤީއާ ދިމާއަށް ދަތުރުކުރެވިގެން. ޤައުމުގެ ސަލާމަތާއި، އަމިއްލަ މިނިވަންކަމާއި ރީތިނަން ހިފެހެއްޓޭނީ، މިގޮތަށް ކުރިއަށް ގެންދިޔުމަށް މަސައްކަތް ކޮށްގެން. އަޅުގަނޑު ޔަޤީންކަމާއެކު ދަންނަވަން، ރައީސް ޔާމީންގެ ތަރައްޤީގެ މިޞްރާބަކީ މިއީ.

 

އަޅުގަނޑު ކުޑަކޮށް ތަފާސްހިސާބު ދަންނަވާލަން ބޭނުން. އާދެ، ރާއްޖެއަށް މިއައި ޓެކްސްއާބެހޭ އިންޤިލާބުގެ ސަބަބުން ރާއްޖޭގެ އާމްދަނީއަށް ނުވަތަ ދައުލަތުގެ އާމްދަނީއަށް އައިސްފައިވާ ކުރިއެރުން ކޮންމެވެސް ހިސާބެއް އަޅުގަނޑު ދަންނަވާލަން ބޭނުން.

 

މީރާ އުފެދުނީ، 2010 ވަނަ އަހަރު. 2011 ވަނަ އަހަރު ރާއްޖެއަށް ލިބުނު އާމްދަނީއަކީ 4.6 ބިލިއަން. އެހިސާބު އަޅުނޑުގެ ކުރިން ޕްރެޒެންޓޭޝަނުންވެސް ފެނިފައިވާނީ. 2016 ވަނަ އަހަރު މީރާއަށް ލިބިފައިވާ އާމްދަނީއަކީ ނުވަތަ މީރާއިން ބަލައިގެންފައިވާ އާމްދަނީއަކީ 14.5 ބިލިއަން. މީރާ އެކަންޏެއްނޫން ދައުލަތަށް ލިބުނު އާމްދަނީއަކީ 14.5 ބިލިއަން. އޭގެ މާނައަކީ 5 އަހަރުގެ ތެރޭގައި ދައުލަތުގެ އާމްދަނީ 3 ގުނައަށް އިތުރުވެއްޖެއޭ. އެހެންވީމާ، މީގެ ނަތީޖާ އަޅުގަނޑުމެންނަށް މި ފެންނަނީ. ރާއްޖޭގެ އެތައްމިތަނުގައި ޕްރޮޖެކްޓްތައް ހިންގި، އޭގެ ފޮނިމީރުކަން ލިބިގެންދަނީ.

 

އާދެ، ކަސްޓަމް ޑިއުޓީ ފިޔަވައި ހުރިހާ އާމްދަނީއެއް ބަލައިގަންނަނީ މީރާ މެދުވެރިކޮށް. އަޅުގަނޑު މި ނުކުތާ ހާމަކުރުމުގެ ބޭނުމަކީ، ޤައުމު ބިނާކުރުމުގައި މީގެކުރިންވެސް ވާހަކަ ދެއްކެވި ބޭފުޅުން ވިދަޅުވިފަދައިން، މީރާގެ ރޯލުގެ މުހިންމުކަން އަދިވެސް ހާމަކުރަން ބޭނުންވާތީ. ޝައްކެއްވެސްނެތް. މިވަރު މަސައްކަތެއް އެއްތަނަކުން ކުރުމަކީ އެހާ ފަސޭހަކަމަކަށް ނުވާނެ. އެހެންކަމުން، މީރާގެ މެނޭޖްމަންޓުން މިހާރު ބައެއް އަތޮޅުތަކުގައި މީރާގެ ބްރާންޗް ހުޅުވިގެންދާތަން ވަރަށް ގިނައިން ތިޔަބޭފުޅުންނަށް މީގެ ޕްރެޒެންޓޭޝަން ފެނިވަޑައިގެންފައި ހުންނާނެ. އޭގެ ބައެއް ރަސްމިއްޔާތުތަކުގައި ބައިވެރިވުމުގެ ޝަރަފު އަޅުގަނޑަށްވެސްވަނީ ލިބިފައި. މިކަމަށްޓަކައި އަޅުގަނޑު ހަމަ ކޮމިޝަނަރ ޖެނެރަލަށާއި، މީރާގެ ހީވާގި މުވައްޒަފުންނަށް މިފުރުޞަތު ދެއްވިކަމަށްޓަކައި އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން.

 

އަދި ކުރިން އަޅުގަނޑަށް އިވުނު ފަދައިން، ކައުންޓަރަށް ވަޑައިނުގެންނެވިނަމަވެސް ފައިސާ ދެއްކޭނެ އިންތިޒާމުވެސް މިހާރުވަނީ ހަމަޖެހިފައި. ކޮންމެއަކަސް ދެންމެ އަޅުގަނޑަށް ހީވަނީ ޒަރީރު ވިދާޅުވިކަންނޭނގެ [މީރާ] ކޯޗެއްތޯ އެއީ. މިހާރުވަނީ ކޮންމެގޮތަކަށްނަމަވެސް
އެ ނިޒާމު ހަމަޖެހިފައި.

 

އަދި މިހާ ހިސާބަކުން ނިމުނީކީ ނޫން. މީރާގެ ޚިދުމަތުގެ އޮނިގަނޑު ފުޅާވެ ރައްޔިތުންނާ ހަމައަށް ޚިދުމަތް ގެނައުމަށް މިއަދު މިވަނީ މީރާ މިޒަމާނުގެ އެންމެ ފަސޭހަ ޓެކްނޮލޮޖީ ގުޅުވައިދީފައި. އޭގެ އިނާމުވެސް މިހާރުވަނީ މީރާއަށް ލިބިވަޑައިގެންފައި. މިއަދު މިވަނީ މޯބައިލް އެޕްލިކޭޝަނާ ހަމައަށް ތަރައްޤީވެފައި. އެ އެޕްލިކޭޝަނަށް ކިޔަނީ، ކޮންނަމެއްތޯ! [މީރާ ކަނެކްޓް]. އަޅުގަނޑަށް ހީވަނީ އެ އެޕްލިކޭޝަން ބޭނުންކޮށްގެން އެނީޓައިމް އެނީވެއަރގެ އުސޫލުން ކޮންމެތަނަކު މީހަކު ހުއްޓަސް، ކޮންމެ އިރަކު ފައިސާ ދައްކަން ބޭނުންވިކަމުގައިވިޔަސް ކޮންމެ ދިވެހި ރައްޔިތަކަށް މީރާއަށް ފައިސާ ދެއްކުމުގެ ނިޒާމު، މޯބައިލް ފޯނު ބޭނުންކޮށްގެންވަނީ ހަމަޖައްސައިދީފައި. މިއީ އަޅުގަނޑު ދަންނަވާނީ މީރާއިން ކުރާ، ދިވެހި ރައްޔިތުންނަށް ކޮށްދޭ ވަރަށް ފަސޭހަ ކަމެއް ނުވަތަ ހިތްފަސޭހަކަމާއެކީ ތަނަވަސްކަމާއެކީ އެކަން ކޮށްދިނުން. އަޅުގަނޑަށް ހީވަނީ މީރާއިން ބޭނުންވަނީ، ވީހާވެސް ގިނައިން ރައްޔިތުން އަތުން ލާރިއަތުލަންހެން. އެހެންވީމާ، ނިދާފައި ތިއްބަސް އަދި ކޮންމެތަނެއްގައި ހުއްޓަސް އެނީޓައިމް، އެނީވެއަރ، އެނީ ޕްލޭސް އެ އުސޫލުގެ ދަށުން މީރާއަށް މި ފައިސާ ދައްކަން މިހާރު ހަމަޖައްސާފައި އޮތީ. ކުރީގައިވިއްޔާ މީރާ ހުޅުވާފައި ހުންނަ ގަޑީގައި ނޫނީ ފައިސާ ނުދެއްކޭނެ. އެ އެކްސްކިއުޒަކަށް ނުދެއްކޭނެ މިހާރަކު. މިހާރު ކޮންމެ ގޮތެއްވިޔަސް މީރާ އެހެރީ 24 ގަޑިއިރު ހުޅުވިފައި. އަޅުގަނޑު ދެންނެވިން، ކުރިން ހޮނިހިރު ދުވަހު ހުޅުވިފައި ހުންނަ ވާހަކަ. މިހާރު 24 ގަޑިއިރު މީރާ އެހެރީ ހުޅުވިފައި. ބޭނުންފަރާތަކަށް ބޭނުންއިރެއްގައި އެކިއެކި ފީތައް ދެއްކުމުގެ ކަންތައް ކުރިއަށް ގެންދެވޭނެ. ދެން އަޅުގަނޑު މިހެން ދެންނެވި ކަމުގައިވިޔަސް، ބައެއް ބޮޑެތި ޓެކްސް ދެއްކުމަކީ އެއީ މި އެޕްލިކޭޝަންގެ ތެރެއިން ކުރެވޭ ކަމެއްނޫންކަންނޭނގެ އަޞްލު. އަޅުގަނޑަށްހީވަނީ އެއަށް ދުވަސްކޮޅެއް ނަގާނެހެން. ދޮގެއްތޯ! އެވެސް ދެއްކޭނެ.

 

އެހެންވީމާ، އަޅުގަނޑު މިނޭވާގައި މީރާގެ މެނޭޖްމަންޓަށާއި، މީރާގެ ހީވާގި މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި އަދި ދިވެހި ރައްޔިތުންގެ ނަމުގައި ޚާއްޞަ ޝުކުރެއް ދަންނަވަން. އެނީޓައިމް، އެނީވެއަރ.

 

އަޅުގަނޑަށް ހީވަނީ އަޅުގަނޑުގެ ވާހަކަ ކުރުކޮށްލަން ބޭނުންހެން. އަޅުގަނޑުގެ ވާހަކަކޮޅު ކުރުކުރުމުގެ ކުރިން އަދިވެސް އެއްފަހަރު މިރޭގެ ރަން އެވޯޑް ހާސިލުކުރި ފަރާތްތަކަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނަމުގައި މީރާގެ ހީވާގި މުވައްޒަފުންގެ ނަމުގައި، އަދި އަޅުގަނޑުގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން. އަދި މީރާގެ ހީވާގި މުވައްޒަފުންގެ ތެރެއިން ހޮވާލެވުނު ބައެއް މުވައްޒަފުންނަށް ވަނީ އިނާމުވެސް ލިބިފައި. އަޅުގަނޑު އެ މުވައްޒަފުންނަށް އަޅުގަނޑުގެ އަމިއްލަ ނަމުގައި އަދި ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

 

އާދެ، 100 ޕަސެންޓް އެޓެންޑެންސުން ހޯދުމަކީ ފަސޭހަކަމެއް ނޫން. އެހެންނަމަވެސް އަޅުގަނޑަށް ހީވަނީ އެ މުވައްޒަފު އަދާކުރަނީ ކޮމްޕްލަޔަންސް ޑިޕާޓްމަންޓް ކަމަށްވާތީ ހާޒިރީއަށް ކޮމްޕްލަޔަންޓް ވެގެން އޭނާއަށް 100 ޕަސެންޓް ލިބިގެން އޭނައަށް އިނާމު ލިބުނީ. އެހެންވީމާ، ވަރަށްބޮޑަށް ކޮމްޕްލަޔަންޓް މުވައްޒަފެކޭ އަޅުގަނޑު ދަންނަވާނީ. ތިޔަގޮތުގައި ތިއްބަވާށޭ! ހަމައެކަނި ހާޒިރީއަށް އެކަންޏެއް ނޫނޭ މުވައްޒަފުން ކޮމްޕްލަޔަންޓް ވާންޖެހޭނީ. ފައިސާ ބަލައިގަންނަ މުވައްޒަފުންވެސް ކޮމްޕްލަޔަންޓް ވާންޖެހޭނެއޭ، ހުރިހާ އިދާރީ އުސޫލުތަކަށްވެސް. އެހެންވީމާ، އެތަން އަޅުގަނޑަށް މިފެނިގެން ދަނީވެސް.

 

އަޅުގަނޑު ވަރަށްގިނަ ވާހަކަ ދައްކަން އެބަހުރި. އެހެންނަމަވެސް އަޅުގަނޑުގެ ވާހަކަ ކުރުކޮށްލާނީ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، މިރޭ އަދިވެސް އެއްފަހަރު އެވޯޑްތައް ލިބުނު ފަރާތްތަކަށް އަޅުގަނޑު މުބާރަކްބާދީ ދަންނަވަމުން. މީރާއަށް މިއަދަށްވުރެ ފާގަތި މާދަމާއަކަށް އެދެމުން. އަދި ރައީސުލްޖުމްހޫރިއްޔާ ޤައުމު ބިނާކުރެއްވުމުގައި ޚާއްޞަކޮށް، ރާއްޖޭގެ އާމްދަނީ ބިންގާ ފުޅާކުރެއްވުމަށް ކުރައްވާ މަސައްކަތްފުޅަށް މާތްﷲ ހެޔޮ ތައުފީޤު މިންވަރު ކުރެއްވުން އެދެމުން. އަދި ދިވެހި ޤައުމަށް ތަނަވަސްކަމާއި ކުރިއެރުން އަބަދުމެ މިންވަރު ކުރެއްވުން އެދި اللّـه سبحـانـه وتعـالى އަށް ދުޢާ ދަންނަވަމުން. އާމީން!


والسّلام عليــكم ورحـمــة اللّـه وبـركاتـه.