ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އެކި ދާއިރާތަކުން ދިވެހިރާއްޖެއަށް ގެނެސްދެއްވަމުން ގެންދަވާ ތަރައްޤީއަށްޓަކައި އެމަނިފާނަށް ޝުކުރު އަދާކުރުމުގެ ގޮތުން ދިވެހި ޒުވާނުން އިސްނަގައިގެން ކުޅިވަރުގެ ހަރަކާތެއް ބާއްވައިފިއެވެ. މި ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާއާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު ހަވީރު އެކުވެނި ދަނޑުގައި އޮތް މި ހަރަކާތުގައި، ޒުވާނުން އިސްނަގައިގެން ބޭއްވި ޕެރަމޯޓަރ އުދުހުމުގެ ވަރަށް ޚާއްޞަ ހަރަކާތެއް ކުރިއަށްދިޔައެވެ. މިއަދުގެ ހަރަކާތުގައި ގިނަ އަދަދެއްގެ ޒުވާނުންނާއި ކުޑަކުދިން ބައިވެރިވިއެވެ.