ރާއްޖޭގެ އިޤްތިޞާދީ ހަމަޖެހުން ގުޅިފައިވަނީ ރާއްޖޭގެ އެތެރޭގެ ހަމަޖެހުމާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާގެ 7 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށާއި، "ރަންލާރި" އެވޯޑް ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ދިވެހި ޤައުމަކީ ދިވެހި އެންމެހައި ދަރިންގެ ޤައުމެއްކަމަށާ ޤައުމު ބިނާކުރެވެމުން މިދަނީ އެންމެންގެ ޙިއްޞާ ހިމެނިގެންކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، މި ސަރުކާރަކީ މުޅި ރާއްޖެއަށް ފެތުރިފައިވާ އިޤްތިޞާދީ އެޖެންޑާއެއް ހިމެނޭ ސަރުކާރެއްކަމަށް ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ތަރައްޤީވެފައިވާ ބަޔަކަށް ވެވޭނީ ފުދުންތެރި ޤައުމަކަށްވެގެންކަމަށާ ފުދުންތެރި ޤައުމަކަށްވެވޭނީ އުފެއްދުންތެރި ޤައުމަކަށްވެގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީރާއިން ދެމުންގެންދާ ޚިދުމަތްތަކަށް އިޝާރާތްކުރައްވަމުން، ޓެކްސް ނެގުމުގެ މުހިންމު ޒިންމާ އަދާކުރާ މީރާގެ މުވައްޒަފުންނަކީ ޓެކްސް ދައްކާ ފަރާތްތަކުގެ ނަޒަރުގައި މިނިވަން އަދި މުސްތަޤިއްލުކަމާއެކު މަސައްކަތްކުރާ ބަޔަކަށްވުމަކީ، އެފަރާތްތަކުގެ އިތުބާރު ޓެކްސް ނިޒާމަށް ހޯދުމަށް ވަރަށް މުހިންމުކަމެއް ކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ.

މިރޭގެ ޖަލްސާގައި "ރަންލާރި" އެވޯޑް ލިބުނު ފަރާތްތަކަށް އެ އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެވެ.