ދިވެހި ދައުލަތުގައި ޤާނޫނީ ހުކޫމަތް ހިނގާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ހުޅުމާލޭގައި ޤާއިމްކުރެވުނު "ފެހިރެސް" ނެއިބަރހުޑް ޕާކާއި، "ފަހިވެނި" އިޖްތިމާޢީ މަރުކަޒު ހުޅުވުމުގެ ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަޅުގަނޑުމެންގެ ޤައުމަށް ހެޔޮ އެދޭނީ އަޅުގަނޑުމެންކަމަށާއި، މި ޤައުމު ތަރައްޤީ ކުރާނެ ގޮތުގެ އަޒުމާއި އުކުޅުތައް އަޅުގަނޑުމެންގެ ތެރޭގައި ހުންނަންވާނެކަމަށް ވިދާޅުވިއެވެ. އަދި، އެއްބަޔަކު މި މަސައްކަތްކުރަނީ ރައްޔިތުންނަށް އުފާވެރިކަން ގެނެސްދޭންކަމުގައި ވީނަމަވެސް، އަނެއް ބަޔަކު މަސައްކަތް ކުރަނީ ރައްޔިތަކަށް ބޭނުންވާ އެއްވެސް ކަމެއްގައި ބައިވެރިނުވެ، މުޖުތަމަޢު ވީރާނާވުމަށް މަގުފަހިވާ ކަންކަން ކުރަން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ސަރުކާރު ޖަވާބުދާރީ ކުރުވަންޖެހޭނެ ކަމަށާއި، އެކަން ކުރަންވާނީ އޭގެ ސަބަބުން ދިވެހި ރައްޔިތުންގެ މޫނުތަކަށް ހިނިތުންވުން ގެނެސްދެވޭ ފަދަ ގޮތަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖޭގައި ބާރުގަދަވާންޖެހޭނީ ދިވެހިރާއްޖޭގައި އަމަލުކުރަމުންދާ ޤާނޫނުތައްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހުޅުމާލެއަކީ ޒުވާނުންގެ އުއްމީދުތަކާ ލާމެހިފައި އޮތް ތަނެއްކަމުގައި ސިފަކުރައްވަމުން، މުޅި ދިވެހިރާއްޖެވެސް ގުޅިފައިވަނީ ހުޅުމާލެއާ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން، ހުޅުމާލޭގައި ގެދޮރު ބިނާކުރުމުގެ މަޝްރޫޢަކީ ސަރުކާރުން އެންމެ އިސްކަންދެއްވާ އެއް މަޝްރޫޢުކަންވެސް އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ރައްޔިތުންނަށް ހަމަޖެހުން ލިބިގެންދަނީ އާމްދަނީ ނުލިބި ތިބި މީހުންނަށް އާމްދަނީ ލިބޭނެގޮތް ތަނަވަސްވެގެން ދިއުމުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، މި ސަރުކާރުގެ އަމާޒަކީ މި 5 އަހަރުގެ ނިޔަލަށް 94000 ވަޒީފާ އުފެއްދުންކަމަށާއި، މިހާރު އެ އަމާޒަށް ވާސިލުވުމަށް ވަރަށް ކައިރިވެފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.