ހުޅުމާލޭގައި ޤާއިމްކުރެވުނު "ފެހިރެސް" ނެއިބަރހުޑް ޕާކާއި، "ފަހިވެނި" އިޖްތިމާޢީ މަރުކަޒު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ފާޠިމަތު އިބްރާހީމް މިރޭ ހުޅުއްވައިދެއްވައިފިއެވެ.
މިރޭގެ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ އެންމެ ފުރަތަމަ ހުޅުއްވައިދެއްވީ "ފެހިރެސް" ނެއިބަރހުޑް ޕާކެވެ. މިއީ ހުޅުމާލޭގެ ނެއިބަރހުޑް 3 ގައި ޤާއިމްކުރެވިފައިވާ ޕާކެކެވެ. ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުން ފަހިކުރުމަށާއި ހުޅުމާލެ ފެހި ކުރުމަށްޓަކައި ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކުރަމުންދާ ތަފާތު މަސައްކަތްތަކުގެ ދަށުން، މިރޭ ހުޅުވިގެން މިދިޔަ ޕާކަކީ ކުޑަކުދިންގެ ޕްލޭގްރައުންޑެއްގެ އިތުރުން ހުރިހާ އުމުރު ފުރާތަކާ ގުޅުންހުރި ހަރަކާތްތަކާއި ކުޅިވަރުތައް ކުޅެވޭނެފަދަ އިންތިޒާމްތައް ހަމަޖެހިފައިވާ ތަނެކެވެ.
މިގޮތުން، މި ޕާކުގައި ހިމެނޭ ވަސީލަތްތަކުގެ ތެރޭގައި ކުޑަކުދިން ކުޅޭ ޕްލޭގްރައުންޑަކާއި، އައުޓްޑޯ ޖިމަކާއި، ވޮލީ ކޯޓަކާއި، ތުރީ އޮން ތުރީ ބާސްކެޓްބޯޅަ ކޯޓަކާއި، ވޯޓަރ ޕޮންޑެއްވެސް ހިމެނެއެވެ. މީގެއިތުރުން ޕާކް ތެރޭގައި މަޑުކޮށްލެވޭ ގޮތަށް ހަދާފައިވާ ޖޯލިތަކާއި ބެންޗްތަކާއި ގްރީން ސްޕޭސްއެއް ޕާކްގައި ހިމެނެއެވެ. "ފެހިރެސް" ނެއިބަރހުޑް ޕާކު ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޕާކް ބައްލަވާލެއްވިއެވެ.
އެއަށްފަހު އެމަނިކުފާނު، "ފަހިވެނި" އިޖްތިމާޢީ މަރުކަޒު ހުޅުއްވައިދެއްވާ، އެ މަރުކަޒު ބައްލަވާލެއްވިއެވެ. "ފަހިވެނި" އިޖްތިމާޢީ މަރުކަޒު ޤާއިމްކުރެވިފައިވަނީ ހުޅުމާލޭ ނެއިބަރހުޑް 1 ގައެވެ. ހުޅުމާލެއަކީ ޒުވާނުންނަށް ޚާއްޞަ ޔޫތު ސިޓީއެއްގެގޮތުގައި މި ސަރުކާރުން ތަރައްޤީ ކުރަމުން އަންނަ ތަނަކަށްވާއިރު، މިރޭ ހުޅުވިގެންދިޔަ އިޖްތިމާޢީ މަރުކަޒަކީ ޒުވާނުންނަށް ހިތްހަމަޖެހޭ އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކުރެވޭނެގޮތަށް ތައްޔާރުކުރެވިފައިވާ މަރުކަޒެކެވެ. މިއީ ހުޅުމާލޭގައި ޤާއިމްކުރެވުނު މިފަދަ ފުރަތަމަ މަރުކަޒެވެ. މިފަދަ އިތުރު މަރުކަޒުތައް ހުޅުމާލޭ ނެއިބަރހުޑް 2 އަދި 3 ގައިވެސް ޤާއިމްކުރުމަށްވަނީ ހަމަޖެހިފައެވެ.
މިރޭ ހުޅުވިގެންދިޔަ އިޖުތިމާޢީ މަރުކަޒުގައި ބެޑްމިންޓަން ކޯޓަކާއި ޕޫލް ކުޅޭތަނަކާއި ސިނަމާއަކާއި ކެފޭއަކާއި، ޖިމެއްގެ އިތުރުން ކްލާސް ރޫމަކާއި އެކި ކަހަލަ ހަރަކާތްތައް ބޭއްވުމަށް ޚާއްޞަ ކުރެވިފައިވާ ބައިތައްވެސް ހިމެނެއެވެ.