ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ ދަޢުވަތަކަށް، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފާއި، އެމަނިކުފާނުގެ އަނބިކަނބަލުން ބޭގަމް ކަލްސޫމް ނަވާޒް ޝަރީފް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ. ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދެކަނބަލުންނަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އަލްވަދާޢު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފްގެ ދެކަނބަލުން ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅުގައި، ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެ ޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވިއެވެ. ރަސްމީ ވާހަކަފުޅުތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ އެކި ދާއިރާތަކުން ރާއްޖެއާއި ޕާކިސްތާނާ ދެމެދު އިތުރަށް ގުޅުން ބަދަހި ކުރެއްވުމާ ބެހޭ ގޮތުންނެވެ. މިގޮތުން، އިޤްތިޞާދީ ދާއިރާ އާއި، ތައުލީމާއި، ސިއްހަތާއި، ފަތުރުވެރިކަމާއި، ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ވަރުގަދަ ކުރެއްވުމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ. އަދި، ބައިނަލްއަޤްވާމީ ގޮތުންނާއި ސަރަހައްދީ ގޮތުން ދެ ޤައުމަށް މުހިންމު އެކިއެކި ކަންކަމާ ބެހޭ ގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ވާހަކަފުޅު ދެއްކެވިއެވެ.

އަދި ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ 6 އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފައެވެ. މި ދަތުރުފުޅުގައި، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދެކަނބަލުންގެ ޝަރަފުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ރަސްމީ ޖާފަތެއް އަންގާރަ ދުވަހުގެ ރޭ ވަނީ ބާއްވަވާފައެވެ.

މީގެ އިތުރުން، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދެކަނބަލުން، ދިވެހިރާއްޖޭގެ މިނިވަންކަމުގެ 52 ވަނަ އަހަރު ފާހަގަކުރުމުގެ މުނާސަބަތުގައި ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވުނު ހެވިކަމާއި ކުޅިވަރުގެ ޕްރޮގްރާމްތައް ބައްލަވާލެއްވިއެވެ.