ދިވެހިރާއްޖޭގެ މިނިވަންކަމުގެ 52 ވަނަ އަހަރު ފާހަގަކުރުމުގެ މުނާސަބަތުގައި މިރޭ ގަލޮޅު ރަސްމީދަނޑުގައި ހެވިކަމާއި ކުޅިވަރުގެ ޕްރޮގްރާމްތައް ބާއްވަވައިފިއެވެ. މިއީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުން އިންތިޒާމު ކުރައްވައިގެން ބޭއްވެވި ޕްރޮގްރާމްތަކެކެވެ.

މިރޭގެ ރަސްމިޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމާއި، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފާއި، އެމަނިކުފާނުގެ އަނބިކަނބަލުން ބޭގަމް ކަލްސޫމް ނަވާޒް ޝަރީފު ބައިވެރިވެވަޑައިގެންނެވިއެވެ. ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދެކަނބަލުން މިހާރު އުޅުއްވަނީ ރައީސުލްޖުމްހޫރިއްޔާގެ ދައުވަތަކަށް ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައެވެ.

މިރޭގެ ރަސްމިއްޔާތު ފެށުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އެރުވުން އޮތެވެ. އަދި ސިފައިންނާއި ސްކޫލްތަކުގެ އެއްކޮށްލެވިފައިވާ ބޭންޑްގައި ޤައުމީ ސަލާން ކުޅުނެވެ. އެއަށްފަހު، ދިވެހި ސިފައިންގެ ލަޝްކަރިންނާއެކު ސްކޫލްތަކުގެ އެއްކޮށްލެވިފައިވާ ހެވިކަމުގެ ލަޝްކަރުގެ ޝަރަފުގެ ހިނގާލުން އޮތެވެ. މިހިނގާލުމުގައިވެސް ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އެރުވިއެވެ.

އެއަށްފަހު، ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދެކަނބަލުންނަށް މަރުހަބާ ދެންނެވުމުގެ ގޮތުން، ރާއްޖޭގެ ބައެއް ފަންނާނުން ޚާއްޞަ ލަވައެއް ހުށަހަޅައިދިނެވެ. މިރޭ ހުށަހަޅައިދިން ކުޅިވަރުގެ ޕްރޮގްރާމްތަކުގައި ބައިވެރިވެފައިވަނީ މާފަންނު މަދުރަސާއާއި، ކަލާފާނު ސްކޫލާއި، އަމީނިއްޔާ ސްކޫލާއި، ހިރިޔާ ސްކޫލާއި، އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި، ތާޖުއްދީން ސްކޫލާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއެވެ.