"ތަރައްޤީގެ މަސައްކަތްތަކަށް ބަލާއިރު، މިދިޔަ 4 ވަރަކަށް އަހަރުދުވަހުގެ ތެރޭގައި، ރާއްޖެ ކުރިން ނުދެކޭ މިންވަރަށް ތަރައްޤީގެ މަސައްކަތްތައް ކުރެވިފައިވާ" ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ 52 ވަނަ މިނިވަންދުވަހުގެ މުނާޞަބަތާ ގުޅިގެން މިއަދު ޤައުމާ މުޚާޠަބުކުރައްވައި ދެއްވި ޚިޠާބުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، ކުރަންޖެހިފައިވީނަމަވެސް އެކި ސަބަބުތަކާހެދި ނުކުރެވި ހުރި އެތައް މަސައްކަތްތަކަކާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، މިހާރަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތުތަކެއް ހޯދައިދިނުމަށްޓަކައި ތަރައްޤީގެ އެތައް މަޝްރޫޢުތަކެއް، މި ރިޔާސީ ދައުރުގެ ވޭތުވެދިޔަ 4 އަހަރުދުވަހުގެ ތެރޭގައި ސަރުކާރުންވަނީ ފައްްޓަވާފައެވެ. އެގޮތުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކޮށް، އެ އެއަރޕޯޓުން މިހާރު ޚިދުމަތްނުދެވޭ ފަދަ ޒަމާނީ ބޯޓުތަކަށް ޖާގަ ހޯދައިދީ، ސަރަޙައްދީ ފެންވަރުގައި ނަން ހިނގާފަދަ އެއަރޕޯޓަކަށް ހެދުމަށް ކުރެވެމުންދާ މަސައްކަތް ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ކަނޑުގެ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ސަބަބުން، ވިޔަފާރީގެ ދޮރުތައް އިތުރަށް ހުޅުވިގެންދާނެކަމަށާއި، މި މަޝްރޫޢުތަކުން ވަޒީފާގެ ފުރުޞަތުތައް އެތައް ގުނައަކަށް އިތުރުކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހުޅުމާލޭގައި ހިންގަމުން ގެންދާ ހައުސިންގ ޕްރޮޖެކްޓާއި، ހުޅުމާލެ ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ސަބަބުން ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ލިބިގެންގޮސް، އުފާވެރި ދިރިއުޅުމަކަށް ކޮންމެ ޢާއިލާއަކަށްވެސް ފުރުޞަތު ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްރަށުގެ ރައްޔިތުންނަށް ހިތްފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި ކުރެވޭ މަސައްކަތަށް އަލި އަޅުއްވާލަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، 33 ރަށެއްގެ ބަނދަރުގެ މަސައްކަތް މިހާތަނަށް ނިމިފައިވާއިރު، އިތުރު 39 ރަށެއްގެ ބަނދަރުގެ މަސައްކަތް ފެށިގެން ކުރިއަށްދާކަމަށެވެ. އަދި 2018 ގެ ނިޔަލަށް، މުޅި ދިވެހިރާއްޖޭގެ 75% އަށް ފެނާއި ޒަމާނީ ނަރުދަމާގެ ޚިދުމަތްތައް ލިބިގެންދާނެކަމުގެ ޔަޤީންކަން ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، ރާއްޖޭގެ 13 ރަށެއްގައި މިހާރުވެސް މަގުތައް ހެދުމުގެ މަސައްކަތްތައް ކުރެވެމުންދާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިތާބުގައި، ޞިއްޙީ ދާއިރާއިން ޤައުމު ޙާޞިލްކުރަމުންދާ ތަރައްޤީއަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ 25 ބުރީގެ ޢިމާރާތާއި، ހިތަދޫ ރީޖަނަލް ހޮސްޕިޓަލާއި ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ޒަމާނީ ޞިއްޙީ ޚިދުމަތްތައް ދެވެން ފެށުމަކީ ޢާއިލާއާ ދުރުގައި ރާއްޖެއިން ބޭރުގައި، ބޮޑެތި ބަލިތަކަށް ފަރުވާކުރަން ތިބެންޖެހޭ ޖެހުން ނިމުމަކަށް ގެނެވޭނެކަމެއް ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުގެ މުހިންމުކަމުގެ ވާހަކަ އަށް އަލިއަޅުއްވާލައްވަމުން، ރައީސް ވިދާޅުވީ، އަންނަ އަހަރުގެ ނިޔަލަށް ހުޅުވުމުގެ މަސައްކަތްކުރެވެމުންދާ 30 ރިސޯޓާއެކު، އިތުރު އަށާރަހާސް ވަޒީފާގެ ފުރުޞަތު ހުޅުވިގެންދާނެކަމަށާއި، މިއީ އެތައް ޢާއިލާތަކެއްގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނޭކަމެކެވެ.