ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ބައެއްގެ ގޮތުން، ރާއްޖެއާއި ޕާކިސްތާނާ ދެމެދު ރަސްމީ ވާހަކަފުޅުތައް ބާއްވަވައިފިއެވެ. މިގޮތުން، ރަސްމީ ވާހަކަފުޅުތަކުގައި ބައިވެރިވެވަޑައިގެންނެވި ދިވެހިރާއްޖޭގެ ވަފުދުގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނެވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. އަދި ޕާކިސްތާނުގެ ވަފުދުގެ އެންމެ އިސްވެރިއެއްގެ ގޮތުން ރަސްމީ ވާހަކަފުޅުތަކުގައި ބައިވެރިވެވަޑައިގެންނެވީ އެ ޤައުމުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒު ޝަރީފެވެ.

ރަސްމީ ވާހަކަފުޅުތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ އެކި ދާއިރާތަކުން ރާއްޖެއާއި ޕާކިސްތާނާ ދެމެދު އިތުރަށް ގުޅުން ބަދަހި ކުރެއްވުމާ ބެހޭ ގޮތުންނެވެ. މިގޮތުން، އިޤްތިޞަދީ ދާއިރާ އާއި، ތައުލީމާއި، ސިއްހަތާއި، ފަތުރުވެރިކަމާއި، ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ވަރުގަދަ ކުރެއްވުމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ. އަދި، ބައިނަލްއަޤްވާމީ ގޮތުންނާއި ސަރަހައްދީ ގޮތުން ދެ ޤައުމަށް މުހިންމު އެކިއެކި ކަންކަމާ ބެހާ ގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ އާއި ޕާކިސްތާނުގެ ބޮޑުވަޒީރު ވާހަކަފުޅު ދެއްކެވިއެވެ.

ދެ ބޭފުޅުން ދެއްކެވި ވާހަކަފުޅުގައިވެސް، އަވަށްޓެރި ޤައުމުތަކުގެ މެދުގައިވާ ޚާރިޖީ ގުޅުން ވަރުގަދަ ކުރުމުގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، ސާކް ޤައުމުތަކުގެ މެދުގައިވާ ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި، ޕާކިސްތާނުގެ ބޮޑުވަޒީރު ޚިޔާލު ބަދަލުކުރެއްވިއެވެ. އަދި، ދިމާވާ އެކިއެކި ޚިޔާލު ތަފާތުވުންތައް ހައްލު ކުރުމުގައި މަޝްވަރާގެ މަގު އިސްކުރުމުގެ މުހިންމުކަން ދެ ބޭފުޅުންވެސް ފާހަގަ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތެއް ދެއްވާ ކަމަކީ ރާއްޖެއަށް އިޤްތިޞާދީ ހަމަޖެހުން ގެނައުން ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ރާއްޖޭގައި ބޮޑެތި އިންވެސްޓްމަންޓްތައް ކުރާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމަށްޓަކައި ސަރުކާރުން އެކުލަވާލާފައިވާ ސިޔާސަތުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވިއެވެ. އަދި އެމަނިކުފާނުގެ އިޤްތިޞާދީ އެޖެންޑާ ބައްޓަންވެފައިވަނީ ބޭރުގެ އިންވެސްޓްމަންޓްތަކުގެ މައްޗަށް ކަމުގައި ވިދާޅުވެ، މިކަން ކުރިއަށް ގެންދެވުމުގައި ސަރުކާރުން ދެއްވެން އޮތް އެއްބާރުލެއްވުމެއް އެންމެ ފުރިހަމަ ގޮތުގައި ދެއްވަމުން ގެންދަވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ މުހިންމު 6 އެއްބަސްވުމުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، މި އެއްބަސްވުންތައް ރަމްޒުކޮށްދެނީ، ދެ ޤައުމުގެ ދޭތެރޭގައިވާ އިތުބާރާއި، އިހުތިރާމާއި ގާތްކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމަށާއި، މަސައްކަތުގެ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނު ކުރުމަށްޓަކައި ޕާކިސްތާނުން ރާއްޖެއަށް އެހީވެދެއްވުމުގެ ޝައުޤުވެރިކަން ފާޅު ކުރެއްވިއެވެ.

ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ނަވާޒް ޝަރީފު ވަކިން ބައްދަލުކޮށްލެއްވިއެވެ.