ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމާއި، ޕާކިސްތާނުގެ ބޮޑުވަޒީރުގެ އަނބިކަނބަލުން ބޭގަމް ކަލްސޫމް ނަވާޒް ޝަރީފް، ޖަމާލުއްދީން ސްކޫލަށް މިއަދު ހަވީރު ޒިޔާރަތް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށާ ޕާކިސްތާނުގެ ބޮޑުވަޒީރުގެ އަނބިކަނބަލުންނަށް ޖަމާލުއްދީން ސްކޫލުން މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝިހާމެވެ.

މިއަދު ޖަމާލުއްދީން ސްކޫލަށް ކުރެއްވި ޒިޔާރަތުގައި، އެ ސްކޫލްގެ ދަރިވަރުންގެ ފަރާތުން ތައްޔާރުކޮށްފައިވާ ރާއްޖޭގެ ތާރީޚާއި ސަގާފަތް ދައްކުވައިދޭ މައުރަޒެއް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި ޕާކިސްތާނުގެ ބޮޑުވަޒީރުގެ އަނބިކަނބަލުން ބައްލަވާލެއްވިއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި ޕާކިސްތާނުގެ ބޮޑުވަޒީރުގެ އަނބިކަނބަލުންވަނީ އެ ސްކޫލްގެ ގޯތިތެރޭގައި ގަސް އިންދަވާދެއްވާފައެވެ.

މާލޭގައި ހުޅުވި ދެވަނަ ޕްރައިމަރީ ސްކޫލް ކަމަށްވާ ޖަމާލުއްދީން ސްކޫލް ހުޅުވާފައިވަނީ 16 ފެބުރުވަރީ 1985ގައެވެ. ޖަމާލުއްދީން ސްކޫލަށް ނަން ދީފައިވަނީ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ މުޙައްމަދު ޖަމާލުއްދީންގެ ނަމުންނެވެ.