މި އޮފީހުން އަލަށް ފަރުމާކޮށްފައިވާ މި އޮފީހުގެ ރަސްމީ ވެބްސައިޓުގެ އަސާސީ ބައެއްގެގޮތުގައި ހިމަނާފައިވާ ނިއުސް ޕޯޓަލް، "ސަރުކާރު ޚަބަރު" ގައި ޝާއިޢުކުރާ، ސަރުކާރުން ހިންގަވަމުންގެންދަވާ މަޝްރޫޢުތަކާއި، ކުރައްވަމުން ގެންދަވާ މަސައްކަތްތަކާބެހޭ ޚަބަރުތައް މިހާރަށްވުރެ ފުރިހަމަކޮށް ވަގުތުން ވަގުތަށް ޚަބަރުތައް އަދާހަމަ (އަޕްޑޭޓް) ކުރުމަށްޓަކައި، ސަރުކާރުގެ މިނިސްޓްރީތަކާއި، އެ މިނިސްޓްރީތަކުގެ ދަށުން ހިނގަމުންދާ އިދާރާތަކުން ކުރިއަށްގެންދަވާ މަޝްރޫޢުތަކާއި، މަސައްކަތްތަކާބެހޭ ޚަބަރުތައް ދިވެހިބަހުންނާއި އިނގިރޭސިބަހުން ތައްޔާރުކުރައްވައި، އެ ތަންތަނުން މި އޮފީހުގެ ކޮމިއުނިކޭޝަންސް ޑިޕާޓްމަންޓުގެ news@po.gov.mv އީ-މެއިލަށް، މިއަދުން ފެށިގެން ފޮނުއްވަމުން ގެންދެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިގޮތަށް ހަމަޖެއްސެވިކަމުގައިވިޔަސް، ސަރުކާރުގެ ހުރިހާ އިދާރާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާބެހޭ ޚަބަރާއި މަޢުލޫމާތު، އެ އިދާރާއެއްގެ ވެބްސައިޓުގައި މިހާރުވެސް  ޝާއިޢުކުރައްވަމުން ގެންދަވާފަދައިން،ޝާއިޢުކުރައްވަމުން ގެންދެވުމަށް ދަންނަވަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.