ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބުގެ މަޤާމަށާއި، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށާއި، ކެނެޑާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރުކަމަށް، ހުވަދުއަތޮޅު ދެކުނުބުރީ ގައްދޫ ބެންހާގެ ޢަލީ ނަޞީރު މުޙައްމަދު ޢައްޔަން ކުރައްވައި، އެމަނިކުފާނަށް ސަފީރު ކަމުގެ ފަތްކޮޅު ދެއްވައިފިއެވެ.

ޢަލީ ނަޞީރު މުޙައްމަދަށް މަޤާމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.