ޕަބްލިކް ސަރވިސް މީޑިޔާ (ޕީ.އެސް.އެމް) އިން ކޮންމެ ރަމަޟާންމަހަކު ގެނެސްދޭ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތް "ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި" މިއަހަރު ކާމިޔާބު ކުރެއްވި ނިލަންދެ އަތޮޅު އުތުރުބުރީ ނިލަންދޫ ގްރީންހެވަން މުޙައްމަދު އިސްމާޢީލަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަހުނިޔާ ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، މި އަހަރުގެ މުބާރާތުން ދެވަނަ ހާސިލް ކުރެއްވި ގަލޮޅު ޖޫލިއަޓްގޭ ފާޠިމަތު މަލްދާ މުޙައްމަދަށާއި، ތިންވަނަ ހާސިލް ކުރެއްވި މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ނަސީމީގޭ ނަސްރަތު އިސްމާޢީލަށްވެސް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވިއެވެ.

މިރޭ ބޭއްވި މިއަހަރުގެ "ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި" ގްރޭންޑް ފިނާލޭ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ފާޠިމަތު އިބްރާހީމެވެ. މިގޮތުން، މިއަހަރުގެ މުބާރާތް ކާމިޔާބުކުރެއްވި މުޙައްމަދު އިސްމާޢީލަށް އިނާމު ހަވާލުކޮށްދެއްވީ އެކަމަނާއެވެ.

"ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި" ޕްރޮގްރާމަކީ، ޤުރުއާން ކިޔެވުމުގެ ހުނަރާއި، ޤުރާއާނާ މެދު މުޖުތަމަޢުގައި އޮންނަ ޤަދަރު މަތިކޮށް، ޤުރުއާނާމެދު އާންމުންގެ ހިތްތަކުގައި ލޯބިޖެއްސުމުގެ ގޮތުން ޕީ.އެސް.އެމް. އިން ގެނެސްދޭ ޕްރޮގްރާމެކެވެ.