ފިޠުރު ޢީދުގެ އުފާވެރި މުނާސަބަތުގައި ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް އަޅުގަނޑު ވަރަށް އިޚުލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރަމެވެ. ހަމައެއާއެކު، މިއުފާވެރި މުނާސަބަތުގެ އިޚުލާޞްތެރި ތަހުނިޔާއާއި ހެޔޮއެދުންތައް، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި ރައްޔިތުންނަށް އަޅުގަނޑު އަރިސްކުރަމެވެ. އަދި މި ތަހުނިޔާގައި ބައިނަލްއަޤްވާމީ އިސްލާމީ ޖަމާޢަތްތަކާއި ޖަމުޢިއްޔާތަކުގެ ވެރިންނާއި އެތަންތާނގެ އެންމެހައި ބައިވެރިން ޝާމިލުކުރުމުގެ އުފާވެސް އަޅުގަނޑު ލިބިގަންނަމެވެ.


މި މުނާސަބަތުގައި، ވޭތުވެދިޔަ ރަމަޟާންމަހު އަޅުގަނޑުމެން ހިފި ރޯދަޔާއި، ކުރި އެންމެހައި ހެޔޮ ޢަމަލުތައް اللّه سبحانه وتعالى قبول ކުރައްވައި އެކަންކަމުގައި ހެޔޮ ދަރުމައާއި ޘަވާބު އަޅުގަނޑުމެން އެންމެނަށް މިންވަރުކުރެއްވުން އެދި މި ފުރުޞަތުގައި އެކަލާނގެ ޙަޟުރަތުގައި އަޅުގަނޑު ދުޢާ ދަންނަވަމެވެ.


ޢީދު ދުވަހަކީ، ޝުކުރު ކުރުމުގެ ދުވަހެވެ. އުފާފައުޅުކުރުމުގެ ދުވަހެވެ. ހިތްހެޔޮކުރުމުގެ ދުވަހެވެ. އެކުވެރިކަން ބަދަހިކުރުމުގެ ދުވަހެވެ. އެކަކު އަނެކަކާ ބައްދަލުކޮށް، ސަލާމްކުރުމުގެ ދުވަހެވެ. ހަމައެފަދައިން ޢީދު ދުވަހަކީ، ވަކިން ޚާއްޞަކޮށް އަޅުގަނޑުމެންގެ ތެރެއިން އެހީތައް ބޭނުންވާ މީހުންގެ މަތީން ހަނދާންކޮށް، އެމީހުންނަށް އެމީހަކަށް ވެވުނުވަރަކުން އެހީތެރިވާންވީ ދުވަހެވެ. ޢާއިލީގުޅުން ބަދަހިކޮށް، އެކަކުއަނެކަކަށް ޒިޔާރަތްކޮށް ރައްޓެހިންނާއި ރަޙުމަތްތެރިންނާ ބައްދަލުކޮށް އިސްލާމީ އަޚުވަންތަކަން އާލާކޮށް، އެކަކު އަނެކަކަށް ހެޔޮއެދުމުގެ ޝުޢޫރުތައް ފައުޅުކޮށް އުޅޭންވީ ދުވަހެވެ. ޢީދު ދުވަސްފަދަ މުނާސަބަތުތަކަކީ، އިސްލާމީ ޢަޤީދާ ހަރުދަނާކޮށް ޤައުމުގައި ވަޙުދަތުގެ ބިންގާ ހަރުދަނާކުރުމަށް އިތުރު ޢަޒުމުތައްވެސް އާކުރުމަށް ވަރަށްވެސް އެކަށީގެންވާ މުނާސަބަތެކެވެ.


މާތް اللّه މި ބަރަކާތްތެރި ފިޠުރު ޢީދުގެ ދުވަސްތަކަކީ، ރާއްޖޭގެ އެންމެހައި ރައްޔިތުންނަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމް އުޚުތުންނާއި އަޚުންނަށް އުފާވެރި ބާއްޖަވެރި ދުވަސްތަކެއް ކަމުގައި ލައްވާށިއެވެ! ބަރަކާތްތެރި ރަމަޟާންމަހު އަޅުގަނޑުމެން ހިފި ރޯދަޔާއި ކުޅަ އަޅުކަންތަކުގެ ހެޔޮ ޘަވާބާއި ދަރުމަ، އެކަލާނގެ އަޅުގަނޑުމެންނަށް މިންވަރުކުރައްވާށިއެވެ! ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނާއި މުޅި އިސްލާމީ އުންމަތް، އެކަލާނގެ ރަޙުމަތާއި ބަރަކާތުގައި އުފާފާގަތި ކަމުގައި ދަމަހައްޓަވާށިއެވެ.