ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ ދަށުން ސިޓީއެއްގެ ދަރަޖަ ދިނުމަށް ބަލާނެ މިންގަނޑުތަކާއި ޝަރުޠުތައް ޏ. ފުވައްމުލަކުގައި ފުރިހަމަވެފައިވާތީ، ރައީސުލްޖުމްހޫރިއްޔާގެ ޤާރާރު ނަންބަރު 8/2016 (ޏ. ފުވައްމުލަކަކީ ސިޓީއެއްކަމުގައި ކަނޑައެޅުން)ގެ ދަށުން، ޏ. ފުވައްމުލަކަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ.
ޏ. ފުވައްމުލަކަކީ ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ރަށެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާތީއާއި، ޤާނޫނު ނަންބަރު 2010/7 ގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ފުވައްމުލަކުގައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ތިރީގައިވާ ކައުންސިލްތަކުގެ ޤާނޫނީ މުއްދަތު ހަމަވެފައިވާތީ، އެ ކައުންސިލްތައް މިއަދުން ފެށިގެން އުވާލައްވައި، ޤާނޫނު ނަންބަރު 2010/7 ގެ 3 ވަނަ މާއްދާގެ (ހ) ގެ ދަށުން ފުވައްމުލަކު ސިޓީ ކައުންސިލްގެ ނަމުގައި ސިޓީ ކައުންސިލެއް 2017 ޖޫން 3 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފިއެވެ.
1. ފުވައްމުލައް / ޏ. އަތޮޅު ކައުންސިލް
2. ފުވައްމުލައް / ޏ. އަތޮޅު ދަޑިމަގު ކައުންސިލް
3. ފުވައްމުލައް / ޏ. އަތޮޅު ދިގުވާޑު ކައުންސިލް
4. ފުވައްމުލައް / ޏ. އަތޮޅު ހޯދަޑު ކައުންސިލް
5. ފުވައްމުލައް / ޏ. އަތޮޅު މާދަޑު ކައުންސިލް
6. ފުވައްމުލައް / ޏ. އަތޮޅު މިސްކިތްމަގު ކައުންސިލް
7. ފުވައްމުލައް / ޏ. އަތޮޅު ފުނާޑު ކައުންސިލް
8. ފުވައްމުލައް / ޏ. އަތޮޅު މާލެގަން ކައުންސިލް
9. ފުވައްމުލައް / ޏ. އަތޮޅު ދޫޑިގަން ކައުންސިލް
ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ށ) ގެ ދަށުން، އެ ޤާނޫނުގެ 41 ވަނަ މާއްދާއާއި 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސިޓީ ކައުންސިލްގެ ބާރުތަކާއި، ސިޓީ ކައުންސިލުން ދޭ ޚިދުމަތްތަކުގެ ތެރެއިން، އެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކޮންމެ ސިޓީ ކައުންސިލަކަށް ލިބިދެވޭނެ ބާރުތަކާއި، އެ ސިޓީ ކައުންސިލުން ފޯރުކޮށްދޭނެ ޚިދުމަތްތައް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން، ފުވައްމުލަކު ސިޓީ ކައުންސިލަށް ލިބިގެންވާ ބާރުތަކާއި، އެ ކައުންސިލުން ފޯރުކޮށްދޭނޭ ޚިދުމަތްތަކަކީ، މާލެ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލަށްވެސް ލިބިދީފައިވާ ބާރުތަކާއި، އެ ކައުންސިލްތަކުވެސް ފޯރުކޮށްދޭ ޚިދުމަތްތައް ކަމުގައި، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްވަނީ ކަނޑައަޅުއްވާފައެވެ.
ފުވައްމުލަކު ސިޓީ ކައުންސިލަށް ލިބިގެންވާ ބާރުތަކާއި، އެ ކައުންސިލުން ފޯރުކޮށްދޭނޭ ޚިދުމަތްތަކުގެ ތަފުސީލު ތިރީގައި މިވަނީއެވެ.
 
ފުވައްމުލަކު ސިޓީ ކައުންސިލްގެ ބާރުތައް
1. ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ސިޓީއާއި ސިޓީގައި ހިމެނޭ އަވަށްތައް ހިންގައި، ތަރައްޤީކޮށް، ޤާނޫނު ނަންބަރު 2010/7 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރަށްވެހިކަމުގެ ޚިދުމަތްތައް ދިނުން.
2. ސިޓީގައި ނުވަތަ ސިޓީގައި ހިމެނޭ އަވަށް އަވަށުގެ އަވަށު ބޯޑުން، ރައްޔިތުންގެ ބައިވެރިވުމާއެކު ތައްޔާރުކޮށް، ސިޓީ ކައުންސިލަށް ހުށަހަޅާ ތަރައްޤީގެ ޕްލޭންތަކުގެ މައްޗަށް ބިނާކޮށް، ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީން ސިޓީ ކައުންސިލްގެ މަޝްވަރާގެ މަތިން އެކަށައަޅައި މުޅި ސިޓީގެ ތަރައްޤީގެ ޕްލޭނަށް ރިޢާޔަތްކޮށްގެން ތަރައްޤީގެ މަޝްރޫޢުތައް ރޭވުމާއި ބަޖެޓު ތައްޔާރުކުރުމާއި ތަރައްޤީގެ މަޝްރޫޢުތައް ތަންފީޛުކުރުން.
3. ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ރާވައި ހިންގުމުގައި ސަރުކާރުގެ މިނިސްޓްރީތަކަށް ރައްޔިތުންގެ ފަރާތުން ލަފަޔާއި މަޝްވަރާ ދިނުމާއި، ސަރުކާރުގެ މިނިސްޓްރީތަކުން ކައުންސިލްގައި ހިންގާ މަޝްރޫޢުތައް ހިނގާނުހިނގާ ގޮތް ބެލުމުގައި އެހީތެރިވެދީ، އެ މިނިސްޓްރީތަކަށް ޖަވާބުދާރީވެ، އެމިނިސްޓްރީތަކުން ކަނޑައަޅާ ގޮތަކަށް ގަވާއިދުން ރިޕޯޓު ހުށަހެޅުން.
4. އަވަށު އޮފީސްތަކުން ހިންގާ ޙަރަކާތްތައް ވިލަރެސްކުރުމާއި އެ އޮފީސްތައް ހިނގާނުހިނގާގޮތް ބެލުން.  
5. ޤާނޫނު ނަންބަރު 2010/7 ގެ ދަށުން ސިޓީ ކައުންސިލަށް ލިބިދީފައިވާ ބާރާއި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އެކަށައަޅަންޖެހޭ ސިޔާސަތު އެކަށައެޅުމާއި ސިޓީ ކައުންސިލްގެ ވާޖިބު އަދާކުރުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް ހަދައި އެ ގަވާއިދުތައް ހިންގުން.
6. ޤާނޫނު ނަންބަރު 2010/7 ގެ ދަށުން ސިޓީ ކައުންސިލަށް ލިބިދީފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ސިޓީ ކައުންސިލްގެ ދާއިރާގެ ރަށްވެހިންގެ ނަމުގައި ނިންމަންޖެހޭ ކަންކަން ނިންމުން.
7. އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި، އުފުލޭ އަދި ނުއުފުލޭ މުދާ ހޯދުމާއި މިލްކުކުރުމާއި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ މިފަދަ ތަކެތި އެހެން ފަރާތްތަކަށް ޤާނޫނު ނަންބަރު 2010/7 ގެ ދަށުން ހެދޭ ގަވާއިދާ އެއްގޮތަށް ކުއްޔަށް ދޫކުރުމާއި ދިނުން.
8. ތަރައްޤީގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް  ޤާނޫނުގައި ކަނޑައަޅާފައިވާ ޙުދޫދުގެ ތެރޭގައި މާލީ އިދާރާތަކުން  ދަރަންޏަށް ފައިސާ ނެގުމާއި އެފަދަ ދަރަނިތަކުގެ ޙިމާޔަތެއްގެ ގޮތުގައި ކައުންސިލްގެ އެކިއެކި މާލީ ޙައްޤުތަކާއިމަޞްލަޙަތުތަކާއި މިލްކިއްޔާތުތައް ދަރަނި ދޫކުރާ ފަރާތްތަކަށް ހުށަހެޅުމާއި ތަފާތު އެކި ކަންކަމަށް ފަންޑު އުފެއްދުން.
9. ތަރައްޤީގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޤާނޫނު ނަންބަރު 2010/7 ގައި  ކަނޑައަޅާފައިވާ ޙުދޫދުގެ ތެރޭގައިމުނިސިޕަލް ބޮންޑާއި ބިލާއި މުނިސިޕަލް ސެކިއުރިޓީ ފަދަ އެކިއެކި މާލީ ސެކިއުރިޓީތައް އެކަށައަޅައި، އެފަދަ ސެކިއުރިޓީތައް ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް ވިއްކުން.
10.ކައުންސިލްގެ މެންބަރުން ބަދަލުވާ ޙާލަތްތަކުގައާއި ކައުންސިލްގެ ނަން ބަދަލުވާ ޙާލަތްތަކުގައި ކުރީގެ ކައުންސިލުން ކޮށްފައިވާ ކަންކަމަށް ޒިންމާ އުފުލުން.
11.ސިޓީ ކައުންސިލުން ދޭ ޚިދުމަތްތަކާއި އަވަށު އޮފީސްތައް މެދުވެރިވެގެން ދޭ ޚިދުމަތްތަކަށް ޤާނޫނު ނަންބަރު 2010/7 ގެ ދަށުން ހެދޭ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ފީ ކަނޑައެޅުމާއި ފީނެގުން.
12.ކައުންސިލްގެ ބެލުމުގެ ދަށުން ޚިދުމަތް ދެވޭ ތަންތަނާއި ކައުންސިލްގެ އުޅަނދުފަހަރާއި މަގުތަކާއި، ޕާކު ފަދަ ޢާންމު ތަންތަނަށް ނަންދިނުމާއި ނަން ބަދަލުކުރުން.
13.ޤާނޫނު ނަންބަރު 2010/7 ގައި ބުނެފައިވާ ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
14.ކައުންސިލްގެ ނަމުގައި ދަޢުވާކުރުމާއި ދަޢުވާލިބިގަތުން.
15.ސިޓީގައި އަމާން އަދި ޞުލްޙަވެރި ވެއްޓެއް ޤާއިމްކުރުމަށްޓަކައި ފުލުހުންނާ ގުޅިގެން ކުރެވެންހުރި އެންމެހައި ކަންކަން ކުރުން.
16.ކައުންސިލްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަންކަމާ ގުޅިގެން އެއްވެސް މީހަކު ޤާނޫނާ ޚިލާފު ޢަމަލެއް ކޮށްފިކަމަށް ތުހުމަތުކުރެވޭނަމަ އެކަމެއް ތަޙްޤީގުކުރުމަށް ފުލުހުންގެ އެހީތެރިކަމަށް އެދުން.
17.ކައުންސިލަށް ނިސްބަތްވާ ސިއްކަ ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓަރީކުރުމަށްފަހު ބޭނުންކުރުން.
18.ސިޓީ ކައުންސިލްގެ އިދާރާ ހިންގުން.
19.ޤާނޫނަކުން ކަނޑައަޅާ މިނޫންވެސް ކަންކަން ކުރުން.
 
ފުވައްމުލަކު ސިޓީ ކައުންސިލުން ފޯރުކޮށްދޭ ޚިދުމަތްތައް
1. ޢާންމު ލައިބްރަރީ ހިންގުމާއި ޒަމާނީ އެކިއެކި ވަސީލަތްތަކުގެ އެހީގައި ލައިބްރަރީން އެކިއެކި މަޢުލޫމާތު ލިބޭނެ އިންތިޒާމު ޤާއިމްކުރުން.
2. ޘަޤާފީ ކަންކަން ދިރުވައި ދެމެހެއްޓުން.
3. ދީނީގޮތުންނާއި ޤައުމީގޮތުން ފާހަގަކުރަންޖެހޭ ދުވަސްތަކާއި މުނާސަބަތުތައް ފާހަގަކޮށް ދީނީ އަދި ޤައުމީ އިޙްތިފާލުތައް ބޭއްވުން.
4. ޝަރުޢީ ކޯޓުތަކުން ކުރާ ޙުކުމްތައް ތަންފީޛުކުރުމުގައި ޝަރުޢީ ކޯޓުތަކަށާއި ސަރުކާރުގެ އިދާރާތަކަށް އެހީތެރިވެދިނުން.
5. ސިޓީ ކައުންސިލްގެ ބާރުގެ ދާއިރާގައި ހިމެނޭ ކަންކަމާ ގުޅޭގޮތުންނާއި އެކިއެކި ޤާނޫނުތަކުގެ ދަށުން ސިޓީ ކައުންސިލާ ޙަވާލުކޮށްފައިވާ ކަންކަމާ ގުޅޭގޮތުންނާއި ސަރުކާރުގެ އެކިއެކި ވުޒާރާތަކުން ކައުންސިލް މެދުވެރިކޮށް ދޫކުރަން ކަނޑައަޅާ ހުއްދަތައް ދޫކުރުމާއި، އެފަދަ ހުއްދަތައް ބާޠިލުކުރުމާއި،  ރަޖިސްޓަރީ ހަދައިދިނުމާއި ބާޠިލުކުރުން.
6. އަލަށް އުފަންވާ ކުދިންނާއި މަރުވާ މީހުންގެ ރެކޯޑު ބެލެހެއްޓުމާއި ސަރުކާރުގެ ކަމާބެހޭ އިދާރާއިން އަންގާ ގޮތެއްގެމަތިން ތަފާސްހިސާބު ނަގައި ބެލެހެއްޓުމާއި، އެސިޓީއެއްގެ ރަޖިސްޓަރީގައި ރަށްވެހިވެފައިވާ މީސްމީހުންނާއި، ރަށްވެހިނުވެ ދިރިއުޅެމުން ގެންދާ މީހުންނާއި، އަދި އެސިޓީގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ލިޔެ ބެލެހެއްޓުން.
7. ސިޓީ ކައުންސިލުން ދޭންޖެހޭނެ ކަމަށް އެކިއެކި ޤާނޫނުތަކުގެ ދަށުން ކަނޑައަޅާ މިނޫންވެސް ޚިދުމަތްތައް ދިނުން.