އަޔަލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން – ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ ބްރަޔަން މެކްއެލްޑަފް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުއްވައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، އަޔަލެންޑް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ފުރަތަމަ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ އާއި މަރުހަބާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއަހަރުގެ ޑިސެންބަރު މަހުގެ 7 ވަނަ ދުވަހަކީ ރާއްޖެއާއި އަޔަލެންޑާ ދެ ޤައުމުގެ ދޭތެރޭ ދޭދޭ ގުޅުން ގާއިމު ކުރި ފަހުން 18 އަހަރު ފުރޭ ދުވަސްކަން ފާހަގަކުރެއްވިއެވެ. އަދި، ރާއްޖެއާއި އަޔަލެންޑާ ދެމެދު އޮންނަ ގުޅުމަކީ ރާއްޖެއިން ވަރަށް ބޮޑު އަހަންމިއްޔަތެއް ދޭ ގުޅުމެއް ކަމަށާއި، އަޔަލެންޑުން އަބަދުވެސް ރާއްޖެއަށް ދެމުން ގެންދާ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި އަޔަލެންޑްގެ ސަފީރަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އަދި، ރާއްޖޭގައި އިންވެސްޓްކުރާ އަޔަލެންޑްގެ ވިޔަފާރިވެރިން އިތުރުވާނެކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، ދިވެހި ސަރުކާރުގެ އިޤްތިޞާދީ އެޖެންޑާއާއި، ރާއްޖޭގެ ޤާނޫނުތައް ނެގެހެއްޓުމަށްޓަކައި ސަރުކާރުން ދެއްވާ އަހަންމިއްޔަތުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާއާއި އަޔަލެންޑްގެ ސަފީރު ޚިޔާލު ބަދަލުކުރެއްވިއެވެ. އަދި، ރާއްޖެއާއި އަޔަލެންޑާ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ބެހޭގޮތުންނާއި، ޚާއްޞަކޮށް ތައުލީމީ ދާއިރާއިން އިތުރަށް ގުޅުން ބަދަހި ކުރެއްވުމަށް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އަޔަލެންޑްގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، އަޔަލެންޑުން ތައުލީމު ހާސިލްކުރާ ދިވެހިން އިތުރުވުމަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. އަދި، ވައިގެ ދަތުރުފަތުރުގެ ދާއިރާއިންނާއި، ވިޔަފާރީގެ ދާއިރާއިން ދެ ޤައުމުގެ ދޭތެރޭ އިތުރަށް ގުޅުން ބަދަހި ކުރެއްވުމުގެ މައްޗަށް އަޔަލެންޑްގެ ސަފީރުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ‏‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓަރީ ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދު ‏ބައިވެރިވެވަޑައިގެންނެވިއެވެ.