ޔުކްރެއިން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން – ރެޒިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ އީގޯރ ޕޮލިހާ، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުއްވައިފިއެވެ.
މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ޔުކްރެއިންގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ސަފީރަށް ތަޙުނިޔާ ވިދާޅުވެ، ރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްޙަބާ ދެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި ޔުކްރައިނާ ދެ ޤައުމުގެ ދެމެދު ސިޔާސީ ގުޅުން ޤާއިމު ކުރެވުނީ 17 އޮގަސްޓު 1993 ވަނަ އަހަރު ކަމުގައި ވަނީ ފާހަގަކުރައްވާފައެވެ. އެމަނިކުފާނު އިތުރަށް ދެއްކެވި ވާހަކަފުޅުގައި ދެ ޤައުމުގެ ދެމެދުގައި މިހާރު އޮތް އެކުވެރި ގުޅުން އިތުރަށް ބަދަހި ވާނެކަމަށް އުއްމީދުކުރައްވާކަމުގައާއި، ރާއްޖޭގެ ފަރާތުން ޔުކްރެއިނަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ވަނީ ޔުކްރެއިން ގެ އާސަފިރަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާފައެވެ.
ޔުކްރެއިންގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް ޚިދުމަތް ކުރައްވަން ފުރުޞަތު ލިބުމަކީ، އެމަނިކުފާނަށް ވަރަށްބޮޑު އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ކަމުގައާއި، އެމަނިކުފާނުގެ ސަފީރުކަމުގެ މަޤާމުގައި ހުންނަވައިގެން ދެ ޤައުމުގެ ލާބަޔާއި މަންފާއަށް ކުރައްވަން ބޭނުންފުޅުވާ މަސައްކަތްޕުޅުތަކުގައި ދިވެހި ސަރުކާރުގެ ފަރާތުންނާއި ޙާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެކަމުގެ ޔަޤީންކަން އެބައޮތް ކަމުގައި ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓަރީ ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.