އިންޑިޔަން އޯޝަން ރިމް އެސޯސިއޭޝަން ފޮރ ރީޖަނަލް ކޯޕަރޭޝަން (އަޔޯރާ) ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި‏އެވެ. މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އިން ހުށަހެޅުއްވި ކަރުދާހާ ބެހޭގޮތުން އެ މަޖިލީހުގައި މަޝްވާރާކުރެއްވުމަށްފަހުގައެވެ.

އަޔޯރާގެ މައިގަނޑު މަޤްޞަދަކީ އިންޑިއާ ކަނޑުގެ ޤައުމުތަކުގެ އެކި މައްސަލަތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ޤައުމުތަކުގެ ސިޔާސަތު އެއްގޮތްކޮށް އެކުގައި މަސައްކަތްކުރުމެވެ. އަޔޯރާއިން މަސައްކަތްކުރައްވާނެ މައިގަނޑު ދާއިރާތަކަކީ އިޤްތިޞާދީ ދާއިރާއާއި، ސައިންސް އާއި ޓެކްނޮލޮޖިކަލް ދާއިރާއާއި، މަސްވެރިކަމުގެ ދާއިރާއާއި، ޓޫރިޒަމްގެ ދާއިރާ އަދި އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ ދާއިރާއެވެ. އަދި ހަމައެއާއެކު، އަޔޯރާގައި ބައިވެރިވުމުން އިންޑިއާ ކަނޑުގައި ދިމާވާ ކަނޑުފޭރުމުގެ މައްސަލައާއި ޓެރަރިޒަމް ފަދަ އިންޑިއާ ކަނޑުގެ ސަލާމަތާގުޅުންހުރި މައްސަލަތަކަށް ފައިދާހުރި ހައްލެއް ހޯދުމަށް މަގުފަހިވެގެންދާނެކަން މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ފާހަގަ ކުރެއްވިއެވެ.

ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން، އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަންގައި ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމުން، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން މި އެސޯސިއޭޝަންގައި ބައިވެރިވުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ޤާނޫނީ އިޖްރާއަތުތައް ފުރިހަމަކުރުމުގެ މަސައްކަތް މި އޮފީހުން މިގެންދަނީ ކުރަމުންނެވެ.