ފުވައްމުލަކު ސިޓީ ކައުންސިލަށް ލިބިގެންވާ ބާރުތަކާއި އެ ކައުންސިލުން ފޯރުކޮށްދޭނޭ ޚިދުމަތްތަކަކީ، މާލެ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލަށްވެސް ލިބިދީފައިވާ ބާރުތަކާއި ފޯރުކޮށްދޭ ޚިދުމަތްތައް ކަމުގައި، ވަޒީރުންގެ މަޖިލިހުގެ މަޝްވަރާގެ މަތިން، ރައީސުލްޖުމްހޫރިއްޔާ މިއަދު ކަނޑައަޅުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ކަނޑައެޅުއްވީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 56 ވަނަ މާއްދާގެ (ށ) ގެ ދަށުން، އެ ޤާނޫނުގެ 41 ވަނަ މާއްދާއާއި އެ ޤާނޫނުގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ސިޓީ ކައުންސިލްގެ ބާރުތަކާއި، ސިޓީ ކައުންސިލުން ދޭ ޚިދުމަތްތަކުގެ ތެރެއިން، އެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކޮންމެ ސިޓީ ކައުންސިލަކަށް ލިބިދެވޭނޭ ބާރުތަކާއި އެ ސިޓީ ކައުންސިލަކުން ފޯރުކޮށްދޭނޭ ޚިދުމަތްތައް، ވަޒީރުންގެ މަޖިލިހުގެ މަޝްވަރާގެ މަތިން ކަނޑައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.

ވަޒީރުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި، ފުވައްމުލަކު ސިޓީ ކައުންސިލަށް ލިބިދެވޭނޭ ބާރުތަކާއި، އެ ސިޓީ ކައުންސިލުން ފޯރުކޮށްދެވޭނޭ ޚިދުމަތްތަކާމެދު މަޝްވަރާކުރެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަކުގެ ތެރެއިން ސިޓީއެއްކަމަށް މިހާރުވެސް ކަނޑައަޅުއްވާފައިވާ ސަރަޙައްދުތަކުގެ ސިޓީ ކައުންސިލްތަކަށް ލިބިދޭ ބާރުތައް، ފުވައްމުލަކު ސިޓީ ކައުންސިލަށްވެސް ލިބިދިނުމަށާއި، އެ ސިޓީ ކައުންސިލްތަކުން ފޯރުކޮށްދެމުން އަންނަ ޚިދުމަތްތައް ފުވައްމުލަކު ސިޓީ ކައުންސިލުންވެސް ފޯރުކޮށްދެމުން ގެންދާގޮތަށް ހަމަޖެއްސެވުމަށެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ކަނޑައެޅުއްވީ، ދިވެހިރާއްޖޭގައި މިހާރު އޮތް ތިން ސިޓީގެ ސިޓީ ކައުންސިލްތަކަށް ލިބިދީފައިވާ ބާރުތަކާއި، އެ ސިޓީ ކައުންސިލްތަކުން ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެމުންގެންދާ ޚިދުމަތްތައް އެއްގޮތްކުރެއްވުމަށެވެ. ހަމައެއާއެކު، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތައް އެއްވެސް މެދުކެނޑުމެއްނެތި، އެ ޚިދުމަތްތައް އެ ފެންވަރުގައި ފޯރުކޮށްދެމުން ގެންދިޔުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އެއްވެސް ބުރޫއެއް ނާރާ ފަދައަކުން ހަމަޖެއްސެވުމަށެވެ. ސިޓީ ކައުންސިލްތަކުންނާއި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދެމުންގެންދާ ޚިދުމަތްތައް ވަކިން ކަނޑައެޅިގެންދިޔަ ނަމަވެސް، އެއިން އެއްވެސް ޚިދުމަތަކަށް ބުރޫއެރުމެއްނެތި، އެ ޚިދުމަތްތައް ރައްޔިތުންނަށް ލިބެމުންދާނެކަން ސަރުކާރުން ކަށަވަރުކުރައްވާނެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން، ސިޓީއެއްގެ ދަރަޖަ ލިބިދެވޭނޭ ރަށްރަށުގައި ހުންނަންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ އެންމެހާ ކަންތައްތައް ޏ.ފުވައްމުލަކުގައި ފުރިހަމަވާކަމަށް ނިންމަވައި، ފުވައްމުލަކަކީ، ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ސަރަޙައްދެއްކަމުގައި ހަމަޖައްސަވާފައިވަނީ، 22 ސެޕްޓެންބަރު 2016 ގައި އެކަށައަޅުއްވާފައިވާ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުންނެވެ.