އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭ.ޑީ.ބީ)ގެ ނައިބު ރައީސް މިސްޓަރ ވެންޗައި ޒަންގ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި، އޭ.ޑީ.ބީގެ ނައިބު ރައީސް ރާއްޖެއަށް ޒިޔާރަތް ކުރެއްވިކަމަށްޓަކައި އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވިއެވެ. އަދި އޭ.ޑީ.ބީގެ ފަރާތުން ރާއްޖެއަށް ދެއްވާ އެހީތެރިކަމާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިގޮތުގައި، އޭ.ޑީ.ބީއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި، ރާއްޖޭގެ ތަފާތު ދާއިރާތައް އިތުރަށް ތަރައްޤީކުރުމަށް ކުރިއަށްއޮތްތަނުގައި އޭ.ޑީ.ބީއިން ދެއްވާނެ އެހީތެރިކަމާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

އޭ.ޑީ.ބީގެ ނައިބު ރައީސްގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ތަޞައްވުރާ ގުޅޭގޮތުން ރާއްޖެގައި ހިންގަން ރާވާފައިވާ މަޝްރޫޢުތަކަށް ތަޢުރީފްކުރައްވާ، އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ބައްދަލުކުރެއްވުމުގައި، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އޮނަރަބަލް އަޙްމަދު މުނައްވަރާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން ރިލޭޝަންސް މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.

އޭ.ޑީ.ބީގެ ނައިބު ރައީސްގެ އަރިހުގައި، އޭ.ޑީ.ބީގެ އިކޮނޮމިސްޓް މިސްޓަރ މަސާޓޯ ނަކާނެއާއި ސީނިއަރ އާބަން ޑިވެލޮޕްމަންޓް ސްޕެޝަލިސްޓް، މިސްޓަރ ރޮން ސްލެންގަން ބައިވެރިވެވަޑައިގެންނެވިއެވެ.