ޤައުމެއްގެ ކުރިއެރުން ބިނާވެފައިވާ އެންމެ އަގުބޮޑު އެއް ރައުސުލްމާލަކީ އެޤައުމަކަށް ލިބިފައިވާ އިންސާނީ ވަސީލަތްކަމަށާއި ތަޢުލީމަކީ އިންސާނީ ވަސީލަތް މުއްސަނދިކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ އެއްބައިކަމަށް އެންމެންވެސް އެއްބަސް ވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ 2016 ވަނަ އަހަރުގެ އޭލެވެލް ނެޝެނަލް ޓޮޕް ޓެން ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ރޭ ދަރުބާރުގޭގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިގޮތުގައި، އުނގެނުމަށް މޮޅު ދަރިން ފާހަގަކުރާ ޖަލްސާއެއްގައި ވަރަށް ޚާއްޞަ ގޮތެއްގައި ބެލެނިވެރިންނާއި، ޓީޗަރުންގެ ބުރަ މަސައްކަތް ހަނދާންކުރަންޖެހޭކަމަށާއި، އެމީހުން ކޮށްފައިވާ އަދި މިހާރުވެސް ކުރަމުން ގެންދާ ބުރަ މަސައްކަތަށް އަބަދުވެސް ޝުކުރުވެރިވާންވާނެކަމުގައި ވިދާޅުވެފައިވެއެވެ.

މި ހަފުލާގައި އެމަނިކުފާނު އިތުރަށް ވިދާޅުވިގޮތުގައި، މަތީ ޘާނަވީ އިމްތިޙާނުން 3 މާއްދާއިން ފާސްވާ ކޮންމެ ކުއްޖަކަށްވެސް ޑިޕްލޮމާ ނުވަތަ ޑިގްރީއަށް ކިޔެވުމަށް ސްޓޫޑެންޓް ލޯންސްކީމްގެ ތެރެއިން ފުރުޞަތު ހުޅުވައި ލެވިފައިވާކަމުގައި ވިދާޅުވެފައިވެއެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި 14 އަހަރުގެ ހިލޭ ތަޢުލީމު އާއްމުކޮށް، ކިޔަވައި ދިނުމަށް ބޭނުންވާ ވަސީލަތްތަކާއި ޓީޗަރުން ހަމަކޮށް، ފެންވަރު ރަނގަޅު ތަޢުލީމެއް ދިނުމަށް މަގުފަހިކުރާ ކަންތައްތައް މިއަދު ޤާއިމްކުރެވިފައިވާ ކަމަށާއި، މީގެ އިތުރުން ނިޒާމީ ތަޢުލީމުގެ ތެރެއިން މަތީ ޘާނަވީފެންވަރުގައި މަސައްކަތެރިކަމުގެ ސްޓްރީމެއް ސްކޫލްތަކުގައި 2014 ވަނަ އަހަރު ޤާއިމްކުރެވިފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފާހަގަކުރައްވާފައެވެ.