بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام على سـيّدنا محـمّد، وَعلـى آلـه وصحبـه أجمـعـين.

މިނިސްޓަރ އޮފް އެޑިޔުކޭޝަން، ޑޮކްޓަރ ޢާއިޝަތު ޝިހާމް، ދައުލަތުގެ ވަޒީރުން، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އިސްވެރިން، ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ޓީޗަރުން. މި ޖަލްސާއަށް ވަޑައިގެން ތިއްބެވި ލޮބުވެތި ބެލެނިވެރިން. އަދި މިރޭގެ ޝަރަފުވެރިން ކަމަށްވާ ޓޮޕް އެޗީވަރސް ހާސިލުކުރާ ދަރިވަރުން، މި ޙަފުލާ ދުރާއި ގާތުން ބައްލަވަމުން ގެންދަވާ ބޭފުޅުން. އަދި މި ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާ ހުރިހާ ބޭފުޅުން.

السّلام عليــكم ورحـمــة اللّـه وبـركاتـه.

ތަޢުލީމީ ދާއިރާގެ މިފަދަ ޝަރަފުވެރި ޖަލްސާއަކަށް އަޅުގަނޑަށް ދަޢުވަތު ދެއްވި ކަމަށްޓަކައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝިހާމަށް އަޅުގަނޑު ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

ޤައުމެއް ބިނާވެފައިވާ އެންމެ އަގުބޮޑު އެއް ރައުސްމާލަކީ، އެ ޤައުމަކަށް ލިބިފައިވާ އިންސާނީ ވަސީލަތް. އަދި އެ ވަސީލަތުގެ މުއްސަނދިކަން. އަދި އެބައެއްގެ ޞިއްޙަތާއި، ތަޢުލީމާއި އަދި އަޚުލާޤުގެ މައްޗަށް. ތަޢުލީމަކީ، އިންސާނީ ވަސީލަތް މުއްސަނދި ކުރުމަށް އެންމެ މުހިންމު ދައުރު އަދާކުރާ އެއްބައިކަން އަޅުގަނޑުމެން ހުރިހާ އެންމެންވެސް އެއްބަސްވާނެ.

މިޖަލްސާގައި އަޅުގަނޑުމެން މިފާހަގަކުރަނީ ދިވެހިރާއްޖޭގެ ކުރިމަގު ކަމުގައިވާ ކިޔަވާކުދިން، ޤައުމީ ފެންވަރުގަޔާއި ދުނިޔޭގެ ފެންވަރުގައި އޭ ލެވެލްއިން ހޯދައިފައިވާ ކާމިޔާބީތައް. އާދެ، އަޅުގަނޑުގެ ކުރިން ދެއްކި ޕްރެޒެންޓޭޝަންގައި، 189 ކުއްޖަކު މި ކާމިޔާބީތަކުގައި ޝާމިލުވޭ. ބައެއް މާއްދާތަކުން ދުނިޔެއިން 1 ވަނަ ހޯދި ދަރިވަރުންވެސް މިތަނުގައި އެބަތިބި. މިކަމުން ދޭހަވެގެން ދަނީ ދިވެހިން، ދިވެހި ކިޔަވާކުދިން، ތަޢުލީމީ ރޮނގުން ކުރިއަރައިފައިވާ މިންވަރު. މި ދަރިވަރުންގެ ކާމިޔާބީގެ ފަހަތުގައި ވަރަށްވެސް ގިނަ ފަރާތްތަކެއްވާނެ. މައިންބަފައިންނާއި، ޓީޗަރުންނާއި، ސްކޫލްތަކުގެ ވެރިންނާއި އަދި އެހެންވެސް ފަރާތްތައް. އެހެންކަމުން މިލޮބުވެތި ދަރިވަރުންނަށް އެހީތެރިވެދިން އެންމެހައި ފަރާތްތަކަށް ޝުކުރާއި ތަހުނިޔާ އަޅުގަނޑު ދަންނަވަން.

ރާއްޖޭގެ ދަރިވަރުން ޤައުމީ ފެންވަރުގައި، ދުނިޔޭގެ ފެންވަރުގައި ހޯދާ ކާމިޔާބީގެ އެންމެ އިސް މޭސްތިރިޔާ ކަމުގައިވާ ޢިއްޒަތްތެރި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝިހާމާއި، އެހެނިހެންވެސް މިކަމުގައި އެހީތެރިން ކަމުގައިވާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ ފުންމިނުން މަރުޙަބާއާއި ތަހުނިޔާ ދަންނަވަން.

އުނގެނުމަށް މޮޅު ދަރިން ފާހަގަކުރާ ޖަލްސާއެއްގައި، ވަރަށް ޚާއްޞަ ގޮތެއްގައި މައިންބަފައިން، އާދެ، ބެލެނިވެރިންނާއި ޓީޗަރުންގެ ބުރަ މަސައްކަތް ހަނދާންކުރަންޖެހޭނެ. ޝައްކެއްނެތް، ކޮންމެ ކުއްޖަކު މޮޅު ކުއްޖަކަށްވަނީ މިދެންނެވި ފަރާތްތަކުގެ ވަރަށް ބުރަ މަސައްކަތުން. އެހެންކަމުން އެންމެހައި ދަރިވަރުން، ޚާއްޞަކޮށް ތިޔަ ކުދިން އެމީހުން ދެކެ އަބަދުވެސް ލޯބިވާންވާނެ. އެމީހުން އެކުރި އަދި މިހާރުވެސް އެކުރާ، ބުރަ މަސައްކަތަށް އަބަދުވެސް ޤަދަރުވެރިވާންވާނެ، ޝުކުރުވެރިވާންވާނެ.

މި ފުރުޞަތުގައި އަދި އިތުރުކަމެއް އަޅުގަނޑު ފާހަގަކޮށްލަން ބޭނުން. އެއީ އަޅުގަނޑަށްވެސް ވަރަށް ގިނަފަހަރަށް މަޢުލޫމާތު ލިބޭ ގޮތުގައި، ބައެއް ޓީޗަރުން، ކިޔަވައިދިނުމުގެ މަސައްކަތުގައި، އެހާ ބުރަކޮށް އުޅެމުން، އަމިއްލައަށް އިތުރަށް އެބަ ތަޢުލީމު ހާސިލުކުރާކަން. ޝައްކެއްވެސްނެތް، އޭގެ ފޮނި ނަތީޖާ، ހަމަ އެކަނި އެކަންކުރާ ފަރާތަށް ލިބޭނެ ކަމެއްނޫން. އަދި ކީއްތޯ، އޭގެ ފޮނި ނަތީޖާ، ދަރިވަރުންނަށާއި، މުޅި ޤައުމަށްވެސް ކުރާނެކަމީ، ޝައްކެއްއޮތް ކަމެއްނޫން.

އާދެ، ރާއްޖޭގެ ހުރިހައި ހިސާބެއްގައި، 14 އަހަރުގެ ހިލޭ ތަޢުލީމު އާންމުކޮށް، ކިޔަވައިދިނުމަށް ބޭނުންވާ ވަސީލަތްތަކާއި ޓީޗަރުން ހަމަކޮށް، ފެންވަރު ރަނގަޅު ތަޢުލީމެއް ދިނުމަށް މަގުފަހިކުރާ ކަންތައްތައް މިއަދު މިވަނީ ޤާއިމުކުރެވިފައި. މީގެ އިތުރުން ނިޒާމީ ތަޢުލީމުގެ ތެރެއިން މަތީ ޘާނަވީ ފެންވަރުގައި މަސައްކަތްތެރިކަމުގެ ސްޓްރީމެއް، ސްކޫލްތަކުގައި 2014 ވަނަ އަހަރުން ފެށިގެން ޤާއިމުކުރެވިފައިވޭ. މިކަންވެސް މިނިސްޓަރ ވަނީ އަޅުގަނޑުގެ ކުރިން ފާހަގަކުރައްވައިފައި.

އާދެ، ރާއްޖޭގެ ކުރިއެރުމަށް، އިޤުތިޞާދަށް އެންމެ މުހިންމު އެއްބަޔަކީ، މިނިސްޓަރވެސް ފާހަގަކުރެއްވި ފަދައިން، ތަމްރީނުވެފައިވާ މީހުން. ދިވެހި ޒުވާނުންނަކީ، ހުނަރުވެރި ޒުވާނުންނަށް ހެދުމަށް، މި ސަރުކާރުން ވަނީ ސިޔާސަތުތަކެއް ކަނޑައަޅުއްވައިފައި. މިގޮތުން ހޮސްޕިޓާލިޓީ، ވިޔަފާރި، އިންޖިނިއަރިންގ ފަދަ ޞަނާޢަތްތަކަށް މަތީ ޘާނަވީ ފެންވަރުގައި ކިޔެވުމުގެ ފުރުޞަތު، ސްކޫލްތަކުން މިނިސްޓަރ ވިދާޅުވިގޮތަށް އެންމެ ކުއްޖަކުވެސް ބާކީނުކޮށް ފޯރުކޮށްދޭކަމީ، ކޮންމެ ޒުވާނަކީ، ވަޒީފާއަކަށް ނުވަތަ މަތީ ތަޢުލީމަށް މަގުކޮށިފައިވާ މީހަކަށް ހެއްދެވުމަށް ސަރުކާރުން ހުޅުވައިލައްވައިފައިވާ ވަރަށް ތަނަވަސް ފުރުޞަތެއް.

ވޭތުވެދިޔަ 5 އަހަރަށް ބަލާއިރު، ކޮންމެ އަހަރަކު 4000 އަށްވުރެ ގިނަ ދަރިވަރުން، އޭ ލެވެލް އިމްތިޙާނު ނިންމައިފައިވޭ. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، 2011 ވަނަ އަހަރު މިދެންނެވި ދަރިވަރުންގެ ތެރެއިން މަތީ ތަޢުލީމު ހާސިލުކުރުމަށް ދެވެނީ ސަތޭކައަކުން ހަ ކުދިން. ނަމަވެސް، މިހާރު މިއަދަދު މިވަނީ ސަތޭކައަކުން 32 އަށް އަރާފައި. އަދި ސަރުކާރުން ރާއްވަވައިފައިވާ ޕްލޭނާ އެއްގޮތަށް ކަންތައްތައް ދާނަމަ، ކުރިއަށްއޮތް 5 އަހަރު ތެރޭގައި މިއަދަދު 60 އިންސައްތައަށް އަރާނެކަމަށް ލަފާކުރެވޭ. އަޅުގަނޑު ދަންނަވާނީ، މިއީ، ވަރަށްބޮޑު ކާމިޔާބީއަކަށްވާނޭ. އަޅުގަނޑު ތިޔައިން ކޮންމެ ދަރިވަރެއް ގާތުގައިވެސް ބުނެލަން ބޭނުންވަނީ، މަތީ ތަޢުލީމު ހާސިލުކުރުމަކީ މިހާރު ވަރަށް ފަސޭހަކަމެކޭ. އާދެ، ގިނަފަހަރަށް، މަތީ ތަޢުލީމު ހާސިލުކުރަން ކުއްޖަކު ބޭނުންވި ކަމުގައިވިނަމަވެސް، ފައިސާއާ ގުޅެނީ. މަތީ ޘާނަވީ އިމްތިޙާނުތަކުން 3 މާއްދާއިން ފާސްވާ ކޮންމެ ކުއްޖަކަށްވެސް، މިނިސްޓަރގެ ވާހަކަފުޅުގައި ހާމަކުރެއްވި ފަދައިން، ޑިޕްލޮމާ ނުވަތަ ޑިގްރީއަށް ކިޔެވުމަށް ސްޓޫޑެންޓް ލޯނު ސްކީމުގެ ތެރެއިން ފުރުޞަތު އެވަނީ ހުޅުވައިލެވިފައި. އަޅުގަނޑު އެދެނީ، ތިޔަ ހުރިހާ ކުދިން އެ ފުރުޞަތުގެ ބޭނުންކުރަން.

އާދެ، ކިޔެވުމަކީ، އެންމެން ސުވާލުކުރޭ، ކީއްކުރަން ކުރާ ކަމެއްތޯއޭ؟ ޝައްކެއްވެސްނެތް، ކިޔަވަނީ ދިރިއުޅުމަށް ތައްޔާރުވުމަށް. ތިމާ އެ އުނގެނޭ ރޮނގެއްގެ މަސައްކަތަށް އަހުލުވެރިވުމަށް. މުޖުތަމަޢުގެ ތެރޭގައި ހެޔޮލަފާ ދިރިއުޅުމެއް އުޅެން ދަސްކުރަން. ޚުލްޤުހުރި، ހެޔޮލަފާ މީހެއްގެ ގޮތުގައި މީހުންނާއެކީ އުޅުމުގެ ހެޔޮ އާދަތައް، ތިމާގެ ކިބައިގައި އަށަގެންނެވުމަށް. ވެރިންނަށް އިޙުތިރާމުކޮށް، ޤައުމުގެ ކަރާމަތާއި، ޤައުމުގެ ކަރާމާތް ހިފަހައްޓަން ދަންނަ މީހަކަށްވުމަށް. ތިމާ ކޮންމެތާކު ހުއްޓަސް، ތިމާގެ ޤައުމާއި، މައިންބަފައިންގެ އަގު ހިފެހެއްޓުމުގެ ތަމްރީނު ހޯދުމަށް. ރާއްޖެއިން ބޭރުގައި އުޅޭއިރުވެސް، އެއީ ކިޔެވުމުގެ ބޭނުމުގައި ކަމަށްވިޔަސް، އެހެން ބޭނުމެއްގައި ކަމަށްވިޔަސް، ތިމާއަކީ ދިވެހި މަޔަކާއި ބަފަޔަކަށް އުފަން ދިވެއްސެއްކަން ހަނދާން ބަހައްޓައި، ޚުލްޤުހުރި މީހެއްގެ ގޮތުގައި ދިރިއުޅެން ދަސްކުރުމަށް.

އާދެ، ކިޔެވުމުގެ ބޭނުމަކީ މިއީ. ތިޔަ ކުދިންނަށް މިރޭ އަޅުގަނޑު ނަސޭހަތުގެ ގޮތުގައި ބުނެލަން އޮތް ބަހަކީ މިއީ.

ނިންމައިލުމުގެ ކުރިން، ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެންނެވުމުގެ މަސައްކަތް، ދުރު ވިސްނުންފުޅާއެކު ގެންގުޅުއްވައި، އެކަމަށް އަޅުގަނޑުމެންނަށް މަގު ދައްކަވައި، ތަޢުލީމީ ދާއިރާގެ ކަންތައްތައް، ވަރަށްގާތުން ބައްލަވަމުން ގެންދަވާ، ދިވެހިރާއްޖޭގެ ލޮބުވެތި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބުދުލްޤައްޔޫމަށް ތިޔަ ހުރިހާ ބޭފުޅުންގެ ނަންފުޅުގައި، އަޅުގަނޑުގެ އަމިއްލަ ނަމުގައި ވަރަށް އިޚުލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އިޚުލާޞްތެރި ދުޢާއަކީ، ތަޢުލީމަށްޓަކައި އަޅުގަނޑުމެން މިކުރާ މަސައްކަތުގައި، މާތްﷲ ބަރަކާތް ލެއްވުން. ދިވެހިންނަކީ، ޤައުމަށް ޚިދުމަތް ކުރުމުގައި، ތަޢުލީމާއި، އެ ކުރާކަމެއް ކުރުމުގެ ޤާބިލުކަން ހުރި ބައެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހިތްވަރާއި ވިސްނުން އަޅުގަނޑުމެންނަށް މާތްﷲ މިންވަރު ކުރެއްވުން. އާމީން!

والسّلام عليــكم ورحـمــة اللّـه وبـركاتـه.