މި މަހުގެ 21 ވަނަ ދުވަހު ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ބޭއްވި "ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓް"ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ހެނދުނު އެނބުރި މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް- ސަޢުދާއި، ވަލީ އަހުދު މުޙައްމަދު ބިން ނާއިފް ބިން ޢަބްދުލްޢަޒީޒް އާލް-ސަޢުދާއި، ވަލީއަހުދުގެ ނައިބު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް- ސަޢުދާ ވަކިވަކިން ބައްދަލު ކުރެއްވިއެވެ. މި ބައްދަލުކުރެއްވުންތަކުގައި، ތަރައްޤީގެ ދާއިރާއިން ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއަށާއި، ދެ ޤައުމުގެ ރައްޔިތުންގެ ފައިދާއަށްޓަކައި، ދެ ޤައުމުގެ ދެމެދުގައިވާ އަޚުވަންތަ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ.

ޢަރަބް އިސްލާމިކް ސަމިޓަކީ، ޓެރަރިޒަމާއި ހައްދުފަހަނަޅައިދިއުން ނައްތައިލުމަށާއި، ދުނިޔޭގައި އަމަންއަމާންކަމާއި، ސަލާމަތާއި، ހަމަޖެހުން ޤާއިމް ކުރުމަށްޓަކައި ޢަރަބި-އިސްލާމީ ޤައުމުތަކާއި އެމެރިކާއާ މެދުވެފައިވާ އެއްބަސްވުން އަލުން އާކުރުމަށް ބޭއްވެވި ސަމިޓެކެވެ.

ރިޔާޟް އެއްބަސްވުމުގައިވާ ގޮތުން، މިފަދަ މުހިންމު ސަމިޓެއް ބާއްވަވައިދެއްވި ކަމަށްޓަކައި ޢަރަބް އިސްލާމިކް ސަމިޓު ނިންމުމުގެ ބަޔާނުގައި ބައިވެރިން ވަނީ ސަޢޫދީ ރަސްގެފާނަށް ޝުކުރު އަދާކުރައްވައި، މިކަމުގެ ސަބަބުން ޢަރަބި-އިސްލާމީ ޤައުމުތަކާއި އެމެރިކާއާ މެދުގައިވާ ގުޅުންތަކަށް ތާރީޚީ ބޮޑު އިންގިލާބެއް އަންނާނެކަން ފާހަގަ ކުރައްވާފައެވެ.

ސަމިޓު ނިމުމާ ހަމައަށް އައިއިރު، ޢަރަބި-އިސްލާމީ ޤައުމުތަކާއި އެމެރިކާއާ މެދުގައިވާ ގުޅުންތައް ހަރުދަނާ ކުރުމަށް އެއްބަސްވެފައިވެއެވެ. އަދި ހުރިހާ ބައިވެރިންގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެއްގަލަކަށް އެރުމަށާއި، ޚާއްޞަކޮށް ޓެރަރިޒަމާ ދެކޮޅަށް ގުޅިގެން ކުރާ މަސައްކަތްތައް ދެގުނައަށް އިތުރު ކުރުމަށްވެސް އެއްބަސްވެފައިވެއެވެ. އަނިޔާވެރިކަމާއި ހައްދުފަހަނަޅައިދިއުމާއި ޓެރަރިޒަމް ފުހެލުމުގެ އާ އަޒުމެއްގެ ގޮތުން، ހައްދުފަހަނަޅައިދިއުމުގެ ފަހަތުގައިވާ ހަގީގީ ސަބަބު ކަމަށްވާ ޓެރަރިސްޓް ޖަމާއަތްތަކަށް ޚަރަދުކުރާ ފަރާތްތައް ހުރިހާ ޤައުމެއްގެ ވެރިންވެސް ވަނީ ކުށްވެރި ކުރައްވާފައެވެ.

އެކި ޤައުމުތަކުގެ ހަނގުރާމަވެރިންނާއި، ޓެރަރިސްޓް ޖަމާއަތްތަކުގައި އެމީހުންގެ ހަރަކާތްތަކާ ބެހޭ މަޢުލޫމާތު، ޤައުމުތަކުގެ މެދުގައި ބަދަލުކުރުމަކީވެސް ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަސައްކަތެއްކަން ފާހަގަ ކުރައްވާފައިވެއެވެ. ހަމައެއާއެކު، ގުޅިފައިވާ އިސްލާމީ ލަޝްކަރަށް 34000 ޓްރޫޕް ފޮނުވުމަށް އިސްލާމީ ޤައުމުތަކުން ތައްޔާރަށް ތިއްބެވިކަން ފާހަގަ ކުރައްވައި،އެކަމަށް މަރުހަބާ ވިދާޅުވެފައިވެއެވެ. މެދުއިރުމަތީގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ޤާއިމްކުރާ "މިޑްލް އީސްޓް ސްޓްރެޓީޖިކް އެލަޔަންސް" އާއި، ޓެރަރިސްޓުންނަށް ކުރާ ޚަރަދުތައް ހުއްޓުވުމަށްޓަކައި އެކަމާ ބެހޭ އިދާރާއެއްވެސް 2018 ގެ ކުރިން ޤާއިމް ކުރުމަށް އެއްބަސްވެފައިވެއެވެ.

އަލަށް އިފްތިތާހުކުރި "ގްލޯބަލް ސެންޓަރ ފޮރ ކޮމްބެޓިންގ އެކްސްޓްރީމިސްޓް އައިޑިއޮލޮޖީ"އަށް ތައުރީފު ކުރައްވަމުން، ފިކުރީގޮތުންނާއި، މީޑިޔާ މެދުވެރިކޮށާއި، ޑިޖިޓަލް މައިދާނުގައި ހައްދުފަހަނަޅައިދިއުން ފަދަ ކަންކަމާ ދެކޮޅަށް ރޭވުންތެރިކަމާއެކު މަސައްކަތްކުރުމާއި، އެއްބަޔަކު އަނެއް ބައެއްގެ ތަފާތުތަކަށް އިޙްތިރާމު ކުރުމާއެކު، އެކުވެރިކަމާއެކު އުޅުމަށް ބާރުއަޅުއްވާފައިވެއެވެ. އަދި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި ޤާއިމްކޮށްފައިވާ ބައިނަލްއަޤްވަމީ އެއްބަސްވުންތަކާ އެއްގޮތަށް އަމަލުކުރުމަށް ހުރިހާ ވެރިންވެސް އެއްބަސްވެވަޑައިގެންފައިވެއެވެ. މީގެ އިތުރުން، މި އެއްބަސްވުންތަކުގައިވާ ކަންކަން އެންމެ ފުރިހަމައަށް ތަންފީޒު ކުރުމަށްޓަކައި ޤައުމީ، ސަރަހައްދީ، އަދި ބައިނަލްއަޤްވާމީ މައިދާނުގައި ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރާ އިދާރާތައް އިތުރަށް ވަރުގަދަކުރުމަށްވެސް އެއްބަސްވެފައިވެއެވެ.

ޒުވާނުންގެ މެދުގައި އަނިޔާވެރިކަމާއި ހައްދުފަހަނަޅައިދިއުން އާންމުވުމަށް ދިމާވެފައިވާ މައިގަނޑު ސަބަބު ކަމަށްވާ ފިކުރީ ގޮތުން ބަލިކަށިވުމާއި މާޔޫސްވުން ފަދަ ކަންބޮޑުވުންތަކަށް ހައްލު ހޯދޭނެ ގޮތަކަށް، އަދި އަމަން އަމާންކަމާއި، ދުޅަހެޔޮކަމާއި، އިޤްތިޞާދީ، ސިޔާސީ އަދި އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށްދޭ ފަދަ ގޮތަކަށް ޤައުމު ބިނާކުރުމުގެ މުހިންމުކަން ހުރިހާ ވެރިންވެސް ފާހަގަ ކުރެއްވިއެވެ.

ޤައުމުތަކާއި، ދީންތަކާއި، ސަގާފަތްތަކުގެ މެދުގައިވާ ތަފާތުތަކަށް އިޙްތިރާމް ކުރުމާއެކު، އެކުވެރިކަމާއެކު އުޅުމަށާއި، އިސްލާމްދީނާ ބެހޭގޮތުން ފަތުރަމުންދާ ހަގީގަތެއްނެތް ވާހަކަތަކަށް ރައްދު ދިނުމަށާއި، އަމަންއަމާންކަމާއި، ލޯތްބާއި، އިޙްތިރާމާއި، ތަފާތުތަކަށް އިޙްތިރާމް ކުރުމާއި، އިސްލާމްދީނުގެ މެދުމިން އިސްކުރުމާއެކު، ހުރިހާ ބާވަތެއްގެ އަނިޔާވެރިކަމަކާއި ހައްދުފަހަނަޅައިދިއުމެއް ކުށްވެރިކުރާކަން ހާމަކޮށްދިނުމުގެ ގޮތުން، ޤައުމުތަކުގެ މެދުގައި ސަގާފީ މަޝްވަރާތައް ބޭއްވުމަށް ޤައުމުތަކުގެ ވެރިން އެއްބަސްވެވަޑައިގަތެވެ. އަދި މިކަމަށްޓަކައި ސަޢޫދީން އިސްނަންގަވައިގެން، އެކި ދީންތަކުގެ މެދުގައި މަޝްވަރާކުރާނެ މަރުކަޒެއް ޤާއިމްކޮށްފައިވާކަން ޤައުމުތަކުގެ ވެރިން ފާހަގަ ކުރެއްވިއެވެ.

އިރާންގެ ބޯލިސްޓިކް މިސައިލް ޕްރޮގްރާމާއި، "ވިއެނާ ކޮންވެންޝަން އޮފް ޑިޕްލޮމެޓިކް ރިލޭޝަންސް"އާ ކަނޑައެޅިގެން ޚިލާފުވެ، އަވަށްޓެރި ޤައުމުތަކުގެ މެދުގައި އަމަން ޤާއިމް ކުރުމަށާއި، އެހެން ޤައުމުތަކުގެ ދާޚިލީ ކަންކަމަށް ނުފޫޒު ފޯރުވުމާއި، ސަރަހައްދީ މިނިވަންކަމާއި ސިޔާދަތަށް އިޙްތިރާމްނުކުރުން ފަދަ އަމަލުތައް އިރާން ސަރުކާރުން ކުރަމުން ގެންދިއުމާ ގުޅިގެން، ސަމިޓުގައި ބައިވެރިވެވަޑައިގެންނަވި ހުރިހާ ޤައުމުތަކުގެ ވެރިންވެސް އިރާންގެ މި އަމަލުތައް ކުށްވެރިކުރެއްވިއެވެ.

މީގެ އިތުރުން، ކަނޑު ފޭރުމާއި، ރާވައިގެން ހިންގާ ބޮޑެތި ޖަރީމާތަކާއި، އެއްގަމާއި، ކަނޑާއި، ވައިގެ މަގުން ޤައުމުތަކަށް އެތެރެކުރާ މަސްތުވާތަކެތީގެ މައްސަލަތަކާ ދެކޮޅަށް ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި، ރިޔާޟް އެއްބަސްވުން ތަންފީޒުކުރުމާއި، މި އެއްބަސްވުމުގެ ކުރިއެރުންތައް ވަޒަންކުރުމަށްޓަކައި ޢަރަބި-އިސްލާމީ ޤައުމުތަކާއި އެމެރިކާއާ އެކު ހުރިހާ ފަންތިއެއްގައި މަޢުލޫމާތު ހިއްސާކުރުމާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.