ސެކްރެޓަރީ އޮފް ދަ ސީ.ޕީ.ސީ ގުއާންގްޒީ ކޮމިޓީ، ޗެއާމަން އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ގުއާންގްޒީ ޕީޕަލްސް ކޮންގްރެސް، މިސްޓަރ ޕެންގް ކިންގްހުއާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، މިއަހަރަކީ ރާއްޖެއާއި ޗައިނާއާ ދެމެދު ޤާއިމްކޮށްފައިވާ ސިޔާސީ ގުޅުމަށް 45 އަހަރު ފުރޭ އަހަރުކަން ފާހަގަ ކުރެއްވިއެވެ. އަދި، ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރުމާއި، ޚާއްޞަކޮށް އިޤްތިޞާދީ ދާއިރާއިންނާއި ފަތުރުވެރިކަމުގެ ރޮނގުން ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ސެކްރެޓަރީ އޮފް ދަ ސީ.ޕީ.ސީ ގުއާންގްޒީ ކޮމިޓީ މަޝްވަރާ ކުރެއްވިއެވެ. މީގެ އިތުރުން، މޫސުމަށް އަނަން ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތަކާއި، އެފަދަ ކަންކަން ހައްލުކުރުމަށް، ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
ސެކްރެޓަރީ އޮފް ދަ ސީ.ޕީ.ސީ ގުއާންގްޒީ ކޮމިޓީ، ޗެއާމަން އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ގުއާންގްޒީ ޕީޕަލްސް ކޮންގްރެސްއާ، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މިބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ އަރިހުގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ބައިލެޓަރަލް ސެކްރެޓަރީ، އަޙްމަދު ޚަލީލާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރސެކްރެޓަރީ އަލްއުސްތާޛް ފައްޔާޒް ޝާތިރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިންޓަރނޭޝަނަލް ސްޕޯކްސްޕަރސަން އިބްރާހީމް ޙުސައިން ޝިހާބު ބައިވެރިވެވަޑައިގެންނެވިއެވެ.
ސެކްރެޓަރީ އޮފް ދަ ސީ.ޕީ.ސީ ގުއާންގްޒީ ކޮމިޓީ، ޗެއާމަން އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ގުއާންގްޒީ ޕީޕަލްސް ކޮންގްރެސްގެ އަރިހުގައި، ޗައިނާ އެމްބެސީގެ ޝާޜޭ ޑެފެއާ އެޑް އިންޓަރިމް މިސް ޔޭންގް ޔިން އާއި، ގުއާންގްޒީ ފޮރިން އެފެއާޒް އޮފީހުގެ ޑިރެކްޓަރ ޖެނެރަލް މިސްޓަރ ޝީ ޑޮންގްލޮންގް އާއި، ގުއާންގްޒީ ޑިޕާޓްމަންޓް އޮފް ކޮމަރސްގެ ޑިރެކްޓަރ ޖެނެރަލް މިސްޓަރ ޖިއަންގް ލިއަންޝެންގް އާއި، ގުއާންގްޒީ ޓޫރިޒަމް ޑިވެލޮޕްމަންޓް ކޮމިޝަނުގެ ޑިރެކްޓަރ ޖެނެރަލް މިސްޓަރ ގާން ލިން ބައިވެރިވެވަޑައިގެންނެވިއެވެ.